އިނގިރޭސިވިލާތުގައި މުސްލިމުންނާއި ދެކޮޅަށް ޖަރީމާތައް ހިންގަމުންދާ ފަރާތްތައް އަޑީގައި ތިބެގެން، މުސްލިމުންނަށް އަނިޔާކުރުމުގެ ދުވަހެއް ފާހަނގަކުރުމަށް މަސައްކަތްކޮށްފިއެވެ.

މި ދުވަސް ފާހަގަކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގެ އެކިއެކި އިދާރާތަކަށާއި، ކުންފުނިތަކާއި ޢާންމުން ރައްޔިތުންނަށް އީމެއިލާއި ސިޓީގެ ޒަރިއްޔާއިން މެސެޖު ފޮނުވާފައިވާއިރު، އެ މެސެޖުގައި ވަނީ މި މަހުގެ ތިންވަނަ ދުވަހަކީ މުސްލިމުންނަށް އަނިޔާ ކުރުމުގެ ދުވަހަކަށް ހެދުމަށެވެ.

އަދި އެއީ، މުސްލިމުންގެ ސަބަބުން އެހެން ދީންތަކުގެ މީހުންނަށް ނުރައްކާ ކުރިމަތިވާ ކަމަށްޓަކައި ކަމަށް ބުނެ، ފިތުނަ އުފައްދައި މުސްލިމުންނާއި މެދު ރުޅިވެރިކަން އުފެދޭ ވާހަކަތައް އެ މެސެޖުގައި ހިމަނާފައިވެއެވެ. މީގެ އިތުރުން މުސްލިމަކަށް އަނިޔާކޮށް ގެއްލުންދޭ ފަރާތްތަކަށް ޕޮއިންޓު ލިބިގެންދާނެ ކަމަށާއި، އެ ޕޮއިންޓު ހޯދައިގެން އަގުހުރި އިނާމުތައް ވެސް ލިބިގެންދާނެ ކަމަށް ޢާންމު ފަރާތްތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.

ހައްދު ފަހަނައަޅާފައިވާ ބަޔަކު ފެތުރި މި މެސެޖުގައި ޕޮއިންޓު ލިބޭ އެކި ކަންކަން ތަފްސީލުކޮށް ކިޔައިދީފައިވެއެވެ. އެގޮތުން މުސްލިމަކަށް ފުރައްސާރަ ކުރުމުން 10 ޕޮއިންޓް ލިބޭނެ ކަމަށާއި، މިސްކިތެއްގައި ރޯކޮށް އަންދާލައިފި ނަމަ 1000 ޕޮއިންޓް ލިބޭނެ ކަމަށް މެސެޖުގައި ބުނެފައިވެއެވެ. މީގެ އިތުރުން މާތްވެގެންވާ މައްކާއަށް ނިއުކްލިއަރ ޙަމަލާއެއް ދީފިނަމަ 2500 ޕޮއިންޓް ލިބޭނެ ކަމަށްވެސް އެ މެސެޖުގައި ބުނެފައިވާއިރު، މުސްލިމުންނާއި ދެކޮޅަށް ކުރުމަށް އިރުޝާދުދީ، ޕޮއިންޓު ހުށަހަޅާފައިވާ އެނޫންވެސް އެތައް ކަމެއް ވަނީ ހިމާނާފައެވެ.

މި މެސެޖާއި ގުޅިގެން، ޢާންމުކޮށް މުސްލިމުންނަށް ދުއްތުރާ ކުރާ މީހުން ގިނަ ޢަދަދަކަށް އުޅޭ އިނގިރޭސިވިލާތުގައި މުސްލިމަކަށް ގޯނާ ކޮށްފައިވާކަމެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން ބައެއް ޢާންމު ފަރާތްތަކުން ވަނީ އޭޕްރިލް ތިން ވަނަ ދުވަހު ބައެއް ސަރަޙައްދުތަކަށް އެއްވެ އެކަން ކުއްވެރިކޮށް ހިނގާލުންތައް ބާއްވާފައެވެ.

މި މެސެޖު އިނގިރޭސިވިލާތުގެ އިތުރުން ހުޅަނގުގެ ބައެއް އެހެން ޤައުމުތަކުގައިވެސް ބަހާފައިވާ ކަމަށްވާކަމަށް ރިޕޯޓްތައް ބުނެއެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ، އިއްޔެ ޖަރުމަނުވިލާތުގެ ސިޓީ އެއް ކަމަށްވާ މަންސްޓާގައި، ކާރަކުން ޖައްސައި ގިނަ ޢަދަދެއްގެ މީހުން މަރާލި ހާދިސާ އާއި، މުސްލިމުންނާއި ދެކޮޅަށް ދައުރުކުރި މެސެޖާއި ގުޅިމެއްވާ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން ރަސްމީ ފަރާތަކުން އަދި ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިޔައީ ލާދީނީ ކެރަފާ ނަޝީދުއާއި އޭނާގެ ކަޓްޕުތުލީ ތައް ވަރަށް އުފާ ވާނެކަމެއް.

  2. ނިކަމެތި އަޅާ

    މިހުރީ މިވެރިން މުސްލިމުންދެކެ ރުޅިއަންނަވަރާއި ރޭވުންތައް ރާވާވަރު.އެކަމަކު އަހަރެމެންގެތެރެއިން ގިނަބަޔަކު މިވެރިން އުޅޭގޮތަށް އުަޅެ، ހިނގާ ފިޔަވަޅު މަތީ ހިނގަން މިމަސައްކަތްކުރަނީ.ދުވަހެއް ދުވަހަކަށް އިސްލާމީ ވަންތަކަމާއި ދުރަށް މިދަނީ.އޭ....މުސްލިމުންނޭ ހޭއަރާކަށް ނުވޭބާ.....؟؟؟އަދި މިނޫނަސް ޙަޔާތެއްވޭ...