ސީރިއާގެ ޖަލެއްގައި ހައްޔަރުކޮށްފައި ތިބި ގިނަ އަދަދެއްގެ އައިއެސް ހަނގުރާމަވެރިން ޖަލު ފަޅާލައިގެން ނިކުމެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އައިއެސްގެ ހަނގުރާމަވެރިން ނިކުތީ ސީރިއާގެ ޤަމިޝިލީ ނަމަކަށް ކިޔާ ސިޓީގައި ހުރި ޖަލަކުންނެވެ.

ޖަލެއް ފަޅާލައިގެން އައިއެސްގެ ހަނގުރާމަވެރިންތަކެއް މިނިކުތީ އައިއެސްގެ ހަނގުރާމަވެރިންތައް ޖަލުތައް ފަޅާލައިގެން ނިކުމެދާނެ ކަމުގެ އިންޒާރު އެމެރިކާގެ އަސްކަރިއްޔާ އިން މިދިޔަ ހަފްތާގައި ދީފައި ވަނިކޮށެވެ. އެމެރިކާގެ އަސްކަރިއްޔާ އިން އެއިންޒާރު ދިނީ ސީރިއާގެ ޖަލުތައް ބެލެހެއްޓުން ވަރަށް ބޮޑަށް ދޯދިޔާވެފައި ވާތީއެވެ.

ސީރިއާގެ ޖަލުތައް ފަޅާލައިގެން އައިއެސްގެ އެތައް ހަނގުރާމަވެރިންނެއް މިނިވަންވެދާނެ ކަމުގެ އިންޒަރު ރަޝީއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވެސް މިއަދު ވަނީ ދެއްވާފައެވެ. ޕޫޓިން ވިދާޅުވީ ކުރުދީންގެ ކޮންޓްރޯލް އޮތް ސަރަހައްދުތަކުގައި ތިބި އައިއެސްގެ ގައިދީންތައް ޖަލުތަކުން މިނިވަން ވެގެން ދާނީ ތުރުކީ އިން މިހާރު ކުރުދީންނާއި ދެކޮޅަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ކަމަށެވެ.

"އައިއެސްގެ ގައިދީންތައް ޖަލުން ސަލާމަތްވުމަކީ އަހަރެމެން އެންމެންގެ ސަލާމަތައް ހުރި ނުރައްކަލަކަށް ވެގެންދާނެ." ޕޫޓިން ވިދާޅުވިއެވެ.

ތުރުކީ ސިފައިން ކުރުދީ ހަނގުރާމަވެރިންނާއި ދެކޮޅަށް ސީރިއާގެ އުތުރުގައި ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކަކުން ކަންބޮޑުވުން ފާޅުކުރަމުން ގެންދިޔަ ނަމަވެސް އަސްކަރީ އޮޕަރޭޝަން ހުއްޓާލުމުގެ ވިސްނުމެއް ތުރުކީ އަކުން ނުގެންގުޅެއެވެ.

އައިއެސްގެ ގައިދީންތަކެއް މިނިވަންވުމަކީ އަނެއްކާވެސް އައިއެސްގެ ނުރައްކާ ބޮޑުވެދާނެ ކަމެކެވެ. މިހާރު އައިއެސް ވަރަށް ބޮޑަށް ބަލިކަށިވެފައި ވީނަމަވެސް މިއީ އަލުން އައިއެސްގެ ހަރަކާތްތައް ވަރުގަދަ ކުރަން ލިބޭ ފުރުސަތެއް ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަލްހަމްދުލިﷲ

    13
    12
  2. ުހުދުހުދު

    ކޮބާ ދިވެހި ހަގުރާމަ ވެރިން ނިކުތްތަ؟ ދިވެހިން ވެސް ޖަލުގަ ތިބި ކަމަށް
    ހަބަރު ލިބޭ ވިއްޔާ

    12
    5