ސީރިއާގެ އުތުރުގެ ހިސާބުތަކުގައި ޙަރަކާތްތެރިވަމުން އަންނަ ކުރުދީންގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ހަނގުރާމަވެރިންނާ ދެކޮޅަށް މިހާރު އެގައުމުން ފަށާފައިވާ އަސްކަރީ އޮޕަރޭޝަން ހުއްޓާނުލާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޢާން ވިދާޅުވެއްޖެއެވެ.

ހަނގުރާމައިން ފެޔަށް ނުޖެހޭނެކަމަށް އުރްދުޢާން ވިދާޅުވެފައިވަނީ މިހާރު އެގައުމުން ފަށާފައިވާ އޮޕަރޭޝަންގައި އާއްމުންނާއި، ސީރިއާގެ އެހެން ދީންތަކުގެ މީހުންނަށް ގެއްލުމެއް ދީފިނަމަ ތުރުކީގެ އިގްތިސާދު އިނދެ ޖައްސާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެ، ބިރު ދައްކާފައިވާ ދަނޑިވަޅެއްގައެވެ.

"އަހަރެމެން މަޑުކޮށްގެން ނުތިބޭނަން. ތުރުކީއިން މި ތަޅާލުމުން ދުރަކަށް ނުދާނެ ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުންޏަސް. އެމެރިކާއާއި ޔޫރަޕުން ބުނަނީ އަހަރެމެން ކުރުދީން މަރަނީ އޭ. ހަގީގަތަކީ ކުރުދީންނަކީ އަހަރެމެންގެ އަޚުން. އަހަރެމެންގެ ހަނގުރާމައަކީ ނިރުބަވެރި ޖަމާޢަތްތަކާ ދެކޮޅަށް ކުރާ ހަނގުރާމަ." ހުކުރު ދުވަހު އުރްދުޢާން ވިދާޅުވިއެވެ.

'އޮޕަރޭޝަން ޕީސް ސްޕްރިންގ' ނަމުގައި ތުރުކީ ސިފައިން މިހާރު ސީރިއާގައި ފަށާފައިވާ އޮޕަރޭޝަނަކީ އެމެރިކާގެ ސިފައިން ސީރިއާގެ އިރުއުތުރު ބޯޑަރު ސަރަޙައްދުން ފައިބާނެ ކަމަށް ޓްރަމްޕް އިޢުލާން ކުރުމުން ފަށާފައިވާ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގެ ބޭނުމަކީ ބޯޑަރު ސަރަޙައްދުގައި އަތްގަދަ ކޮށްގެން ތިބި ކުރުދީ ހަނގުރާމަވެރިންގެ ސަބަބުން އެތެރެ ނުވެފައި ތިބި ސީރިއާގެ ރެފިއުޖީން އެގައުމަށް އެނބުރި އައުމަށް މަގުފަހިކުރުން ކަމަށް މަޢުލޫމާތު ލިބެއެވެ. އެމެރިކާ ސިފައިން ތުރުކީގެ އޮޕަރޭޝަންގައި ބައިވެރިނުވާނެ ކަމަށް ޓްރަމްޕް ވަނީ މި ހަފްތާގެ ކުރީކޮޅު ބުނެފައެވެ.

ތުރުކީ އިން ރަޝިއާ އަތުން 'އެސް-400 މިސައިލް ޑިފެންސް ސިސްޓަމް' ގަތުމާއެކު އެމެރިކާއިން ދަނީ އެގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނަމުންނެވެ. އަދި ތުރުކީ ބައިވެރިވާ 'އެފް-35 ފައިޓާ ޖެޓު ޕްރޮގްރާމް' އިންވެސް އެގައުމު ބޭރުކޮށްލާނެ ކަމަށް ބިރުދައްކާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަބްދުއްލަޠީފު

    މިޒަމާނުގެ ޞަލާޙުއްދީނުލް އައްޔޫބީ. މިކަހަލަ ދެތިން ބޭކަލުން އެއްތަން ވެއްޖެނަމަ ދުނިޔެ އަމާން ތަނަކަށްވާކަށް މާގިނަ ވަގުތެއް ނުނަގާނެ.

    22
    5
    • އިލްޔާސް ހުސައިން

      ކަލެއަށް ކޯޗެއް އެނގިގެން ތައުހީދުގެ އަހުލު ވެރިޔަކާ ތޯޢޫތެއް ތި އެއްފަދަކުރަނީ.

  2. ހުދުހުދު

    މިކަހަލަ ވެރި އެއް މިގައުމަށް ވެސް ބޭނުންވަނީ. ކާފަރު އެމެރިކާ ދައްކާ ބިރަށް ނުސިހޭނެ އިސްލާމީ ލީޑަރެއް

    17
    2
  3. މާސްޓަރ

    ކޮމެންޓު ކުރާ މީހުން ވެސް ހާދަ ގަމާރޭ. ކުރުދީން ނަކީ ސުންނީ މުސްލިމުން. އެމީހުންނާ ހަގުރާމަ ކުރާމީހަކު ރަގަޅު ވެފައި، ސައޫދީން ޝިއައީ ހޫތީންނާ ކުރާ ހަގުރާމަ ގޯސް. ދެގައުމު ވެސް ހަގުރާމަ ކުރަނީ ހަމައެއްބޭނުމެއްގަ. އެމީހުންގެ ނުރައްކާ ޤައުމަށް ބޮޑު ވީމަ.

    5
    6
    • ވާނުވާ

      ކުރުދީންނަކީ މުސްލިމުންނެއް ނޫން. ސީރިޔާގެ ސުންނީ މުސްލިމުންނަށް ކުރުދީން ހަދަނީ ބޭނުން ގޮތެއް

      4
      1