ސީރިޔާގައި ހައްޔަރުކޮށްފައި ތިބި އިސްލާމިކް ސްޓޭޓްސް (އައިސިސް)ގެ ހުރިހާ ހަނގުރާމަވެރިން މިނިވަން ވެދާނެކަމުގެ ކަމުގެ އިންޒާރު، ރަޝިޔާގެ ރައީސް ވްލެޑިމިއާ ޕޫޓިން ދީފިއެވެ.

ޕޫޓިން މިގޮތަށް ވިދާޅުވީ، ސީރިޔާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނަށް އަމާޒުކޮށް ސީރިޔާ އާއި އިންވެގެން އޮންނަ ތުރުކީން އެޤައުމަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވަނިކޮށް، ކުރުދީންގެ ޖަލެއް ފަޅާލައި އައިސިސްގެ ހަނގުރާމަވެރިންތަކެއް ފިލާފައި ވާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅިގެން ޕޫޓިން ވިދާޅުވީ، ސީރިޔާގައި ގިނަ އަދަދެއްގެ ނިރުބަވެރިން ހައްޔަރުކޮށްފައި ތިބި ކަމަށެވެ. އައިސިސް އަށް ނިސްބަތްވާ އެ މީހުން ތިބީ ސީރިޔާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންގެ ޖަލުތަކުގައި އެ ޖަމާޢަތުގެ އަތްދަށުގައި ކަމަށާއި، ނަމަވެސް ކުރުދީންނާއި ދެކޮޅަށް ތުރުކީން ހަނގުރާމަ ފެށުމުން ނިރުބަވެރިން ފިލައިގެން ދިއުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން ވިދާޅުވީ ކުރުދީ ހަނގުރާމަވެރިންނަށް އަމާޒުކޮށް ތުރުކީން ވަރުގަދަ އޮޕަރޭޝަނެއް ފެށުމުން، ކުރުދީންވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ތުރުކީގެ ހަމަލާތަކުން ދިފާޢުވުމަށް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އައިސިސްގެ އެތައް ހަނގުރާމަވެރިންނެއް ހައްޔަރުކޮށްފައި ތިބި ޖަލުތައް ދޫކޮށް ކުރުދީން ތުރުކީގެ އަސްކަރިއްޔާ އާއި ކުރިމަތިލުމަށް ތައްޔާރުވާނެ ކަމަށާއި، މިކަމުގެ ސަބަބުން ހައްޔަރުކޮށްފައި ތިބި ނިރުބަވެރިން މިނިވަންވާނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ތުރުކީން މިހާރު ފަށައިގެންއުޅޭ އޮޕަރޭޝަނާއި ގުޅޭގޮތުން އެޤައުމުން ބުނެފައިވަނީ، އޮޕަރޭޝަންގެ އެންމެ ބޮޑު އަމާޒަކީ ކުރުދީ ހަނގުރާމަވެރިން ކަމަށް ވީނަމަވެސް މިއޮޕަރޭޝަންގައި ސީރިއާގައި ހަރަކާތްތެރިވާ އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ވެސް ހަމަލާތައް ދޭނެ ކަމަށެވެ. ތުރުކީގެ ރައީސް ޠައްޔިބު އުރުދޮގާން ވިދާޅުވީ ތުރުކީ އިން ފެށި އަސްކަރީ އޮޕަރޭޝަންގެ މަޤުޞަދަކީ އެސަރަހައްދަށް ހަމަޖެހުމާއި އަމާންކަން ގެނައުން ކަމަށެވެ.

ތުރުކީން އެންމެ ފުރަތަމަ ސީރިޔާއަށް ހަމަލާދޭން ފެށީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ވައިގެ މަގުންނެވެ. މި ހަމަލާތަކުގައި 170 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ތުރުކީ އަސްކަރިއްޔާ އިން މިއަދު ވަނީ ބުނެފައެވެ. އަދިވެސް ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށާއި ނަމަވެސް ސީރިއާގެ އިމުގެ ތެރެއިން 20 މޭލަށް ވުރެ އެތެރެއަށް ތުރުކީ ސިފައިން ނުވަންނާނެ ކަމަށް ތުރުކީގެ އަސްކަރިއްޔާ އިން ބުނެއެވެ.

ތުރުކީ އިން ވަނީ ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދު މަދަނީ ވައިގެ ދަތުރުތަކަށް މިހާރު ބަންދުކޮށްފައެވެ. އެއީ އަސްކަރީ އޮޕަރޭޝަން ކުރިއަށްދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ތުރުކީ އިން ބުނެއެވެ. ތުރުކީ ސިފައިން ސީރިއާގެ ސަރަހައްދުތަކަށް ހަމަލާ ދީގެން ނުވާނެ ކަމަށް ސީރިއާ ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ތުރުކީން ބުނެފައި ވަނީ އަމާންކަން ގާއިމް ކުރަން ސީރިއާގެ ބަހެއް މުހިއްމު ނޫންކަމަށެވެ.

ތުރުކީގެ ހަމަލާތަކާއި ގުޅިގެން އދ.އާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ވަރަށް ގިނަ ގައުމުތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެހަމަލާތައް ހުއްޓާލުމަށް އެ ޖަމާއަތްތަކުން ދަނީ ގޮވާލަމުންނެވެ.

ކުރުދީ ހަނގުރާމަވެރިންގެ މައްސަލައަކީ ތުރުކީ އަށް ޒަމާނުއްސުރެ ބޮޑުވެފައިވާ މައްސަލައެކެވެ. ކުރުދީ ހަނގުރާމަވެރިން ބޭނުން ވަނީ ތުރުކީގެ އުތުރުގެ އެމީހުންގެ ވަކި ވެރިކަމެއް ގާއިމް ކުރަންށެވެ. އެސަރަހައްދުގައި ހަރަކާތްތެރިވާ ކުރުދީންގެ ޖަމާޢާތް ޕީކޭކޭ އަކީ ނިރުބުވެރި ޖަމާޢަތެއް ކަމަށް ތުރުކީގެ އިތުރުން އެމެރިކާ އާއި ނޭޓޯ އިން ވެސް ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ނިރުބަވެރިއަކު މިހެން ބުނީމަ އަޅުގަނޑަށް ހަމަ ހެވެނީ....

    7
    4
  2. ސާނާ

    އަލް ހަމްދު ﷲ

    4
    2