ފޭރިގަނެފައިވާ މުސްލިމުންގެ ބިންތަކުން ފަލަސްތީނުގެ ރައްޔިތުން ބޭރުކޮށް ފައްސާލާފައި ވުމުން އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން، ކޮންމެ ހުކުރު ދުވަހަކާއި ދިމާކޮށް މުސްލިމުން ކުރިޔަށްގެންދާ ސިލްސިލާ ބޮޑު މުޒާހަރާގެ ތެރެއިން، މިދިޔަ ހަފްތާގެ ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި ބައިވެރިވި 40 މީހަކު ޒަޚަމްކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފަލަސްތީނުގެ ޣައްޒާގެ ހެލްތް މިނިސްޓްރީން މިކަން ހާމަކުރައްވަމުން ވިދާޅުވެފައިވަނީ، އެ މުޒާހަރާގައި އިސްރާއިލް ސިފައިންގެ އަނިޔާވެރިކަމާއި ގުޅިގެން 40 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އޭގެތެރެއިން އެކަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާއިރު، 18 މީހަކަށް ފަރުވާދެމުން ދަނީ، ބަޑިން ހަމަލާ ދިނުމުން ލިބުނު އަނިޔާތަކަށް ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިއީ ފަލަސްތީނުގެ ރައްޔިތުން އިސްރާއިލް އާއި ދެކޮޅަށް، "ދަ ގްރޭޓް ރިޓާން މާޗް"ގެ ނަމުގައި ސިލްސިލާ ގޮތެއްގައި ހުކުރު ދުވަސްތަކާއި ދިމާކޮށް ކުރިޔަށްގެންދިޔަ 77 ވަނަ މުޒާހަރާއެވެ. މި މުޒާހަރާތައް ކުރިޔަށް ގެންދަނީ، އިރުމަތީ ޣައްޒާ އާއި ފޭރިގަނެފައިވާ ޤުދުސް ގުޅޭ ސަރަޙައްދުގައި އިސްރާއިލް ސިފައިން ޖަހާފައިވާ ފެންސުތައް ކައިރީގައެވެ. އިއްޔެގެ އެއްވުމުގައި ވެސް އެތައް ހާސް މުސްލިމުންނެއް ވަނީ ބައިވެރިވެފައެވެ.

ހުސް އަތާއި ތިބޭ ގިނަ އަދަދެއްގެ މުސްލިމުން މި ސަރަޙައްދަށް އެއްވެ ގޮވާލަމުން ދަނީ، ފޭރިފަނެފައިވާ ބިމުގައިވާ އެމީހުންގެ ގެދޮރަށް އަނބުރާ ދިއުމުގެ ފުރުސަތުދީ، އެ ސަރަޙައްދުގައިވާ ދަނޑުބިންތައް ބޭނުން ކުރުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް އޭގެ ބަދަލުގައި އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ދަނީ މުސްލިމުންގެ ގެދޮރު ހުރި ތަންތަނުގައި އިސްރާއިލްގެ ޔަހޫދީން ދިރިއުޅުމަށް ބޯހިޔާވަހިކަން ޤާއިމް ކުރަމުންނެވެ. އަދި މުސްލިމުންގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންދީ ރޯކުރަމުންދާ ކަންވެސް ފާހަގަކޮށްލެވެއެވެ.

މުސްލިމުންނާއި މެދު އިސްރާއިލް އިން އަނިޔާވެރިވެ މުސްލިމުންގެ އަމިއްލަ ބިމުން އެމީހުން ފައްސާލައި އެފަރާތްތަކަށް ބޮޑެތި އަނިޔާތައް ދެމުންދާތާ އެތައް އަހަރެއް ވަނީ ވެފައެވެ. އިސްރާއިލް ސިފައިން މުސްލިމުންނާއި މެދު ހިންގާ މި ޖަރީމާތަކުގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެ، ގިނަ ބަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑޮަލަރަށް ޕެޓްރޯލް ވިއްކުން

    ފަލަސްތީނުގެ މައްސަލައަށް ހައްލެއް ލިބޭނީ ސައުދީ ޝާހީ އާއިލާގެ ވެރިކަން ނިމުމަކަށް ގެނެސް އިސްލާމީ ޚިލާފަތެއް ގާއިމު ކުރެވިގެން. ސައުދީ ޝާހީ އާއިލާ އަކީ އިސްލާމީ އުއްމަތަށް އެންމެ ބޮޑަށް ޚިޔާނާތްތެެރިވި ވެރިން.