ފާއިތުވެގެން ދިޔަ 60 އަހަރުގެ ތެރޭގައި އަރާފައި ނުވާ ވަރުގެ ބާރުގަދަ "ހަގިބިސް" ތޫފާން ޖަޕާނަށް އަރަމުން އެބަދެއެވެ.

ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ ތޫފާން "ހަގިބިސް" ޖަޕާނުގެ މެދުތެރެއާއި ހަމައަށް ބާރު މިނުގައި އަންނަމުންދާ ކަމުގައެވެ. އަދި އެ އިދާރާއިން ވަނީ އެލާޓް ނެރެ، އެ ހިސާބުގައި ދިރިއުޅެމުންދާ ފަރާތްތަކުން ސަލާމަތީ ހިސާބަށް ބަދަލުވުމަށް ގޮވާލާފައެވެ.

މި ތޫފާނުގެ ސަބަބުން 49 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށްވެސް އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ކުޑަ ތިން ކުދިން ހިމެނޭހެން 5 މީހަކަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށްވެއެވެ.

ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ވަނީ ތޫފާނުގެ އަސަރު ޓޯކިޔޯ ހިމަނައިގެން 7 ރަށަކަށް ކުރާނެ ކަމަށް ލަފާކޮށް އިންޒާރު ނެރެފައެވެ. އެގޮތުން ހިމެނެނީ ޓޯކިޔޯ، ސައިތަމާ، ކަނަގަވާ، ގުމްނާ، ޔަމަނަޝި، ނަގާނޯ އަދި ޝިޒުއޮކާއެވެ.

ތޫފާން "ހަގިބިސް" ގެ ސަބަބުން ގަޑިއަކު 122 މޭލަށް ވައިޖެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި 200 މިލިމީޓަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެކި ހިސާބުތަކުގައި ފެންބޮޑު ވުމުގެ ހާދިސާތައްވެސް ހިނގާނެ ކަމަށް ލަފާކޮށްފައެވެ.

މި ތޫފާނުގެ ސަބަބުން ޖަޕާނުގެ ޓޮކިޔޯ އަށް ޝެޑިއުލް ކޮށްފައިވާ ހުރިހާ ފްލައިޓް ތަކެއްވެސް މިހާރު ވަނީ ކެންސަލް ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު