ސީރިއާ ގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނާއި ދެކޮޅަށް ހަމަލާ ދިނުމަށް އެގައުމަށް އަރާފައިވާ ތުރުކީ ސިފައިންނަށް ހަމަލާދޭން ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސިފައިން ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ކުރުދީ ހަނގުރާމަވެރިން ބަލި ކުރުމަށް ކަމަށް ބުނެ ތުރުކީ އާއި ސީރިއާ ގުޅޭ ސަރަހައްދީ އިން ކައިރީގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް ތުރުކީ ސިފައިން ހަމަލާތައް ދޭން ފެށީ މިދިޔަ ހަފްތާގައެވެ. ތުރުކީ ސިފައިން ބުނާ ގޮތުގައި ކުރުދީންގެ ބާރުގެ ދަށުގައި އޮތް މުހިއްމު ގިނަ ސަރަހައްދުތަކެއް މިހާރު ވަނީ ތުރުކީ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ތުުރުކީ ސިފައިންނަށް ހަމަލާ ދިނުމަށް ސީރިއާ ސިފައިން ތައްޔާރުވަމުން ދާއިރު ސީރިއާ ސަރުކާރުން ކުރިން ވެސް ވަނީ ތުރުކީ ސިފައިން ސީރިއާގެ އިމުގެ ތެރެއަށް ނުވަނުމަށް އިންޒާރު ދީފައެވެ.

ތުރުކީ ސިފައިންނާއި ދެކޮޅަށް ހަމަލާ ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ސީރިއާ އިން ބުނި ނަމަވެސް ހަމަލާތައް ފަށާނެ އިރެއް އަދި ސީރިއާ އިން ނުބުނެއެވެ.

ސީރިއާގެ އުތުރުގައި އެމެރިކާ ސިފައިން ވެސް ހަރަކާތްތެރިވަމުން ދިޔައެވެ. ނަމަވެސް ތުރުކީ އިން އަސްކަރީ އޮޕަރޭޝަން ފެށުމާއި އެކު އެމެރިކާ އިން ވަނީ އެގައުމުގެ ސިފައިން އެސަރަހައްދުން ދުރުކޮށް އެހެން ސަރަހައްދަކަށް ބަދަލުކޮށްފައެވެ.

ތުރުކީގެ ހަމަލާތަކާއި ގުޅިގެން ލައްކައަކަށް ވުރެ ގިނަ ސީރިއާ މީހުން އެމީހުންގެ ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް އދ.އިން ބުނެއެވެ. އދ.އިންނާއި އަރަބި ލީގުން ވެސް ވަނީ ސީރިއާގައި ތުރުކީ އިން ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ވެސް ހަމަލާތައް ހުއްޓާލުމަށް ތުރުކީ އަށް ގޮވާލާފައެވެ. ނަމަވެސް ހަމަލާތައް ހުއްޓާލުމުގެ ވިސްނުމެއް ތުރުކީ ސިފައިން ނުގެންގުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަޒް

    ތި ކަން ހުއްޓާލަން ގޮވާ އެއްވެސް ގައުމަކަށް ރަނގަޅު އެއްގޮތެއް ވެސް ނޯންނާނެ.. މިވެސް ހަރު އެވެސް ހަރު

  2. ކޮރަލް

    އެމެރިކާ އާ ރަޝިޔާ އިން ބޮން އެޅުމުގެ ސަބަބުން ވަނީ އެތައް މިލިއަން ބަޔަކު ރެފިއުޖީންނަށް ވެފަ އެވެ.