ސްޕެއިން ސަރުކާރުން ވަކިވެ، އަމިއްލަ ދަޢުލަތެއް ގާއިމުކުރަން ފެންނަތޯ ބަލަން 2017 ގައި ކަޓަލޯނިއާގައި ވޯޓެއް ނެގި މައްސަލައިގައި ކަޓަލޯނިއާގެ ޑެޕިއުޓީ ލީޑަރު، އޮރިއަލް ޖުންކުއެރާސް 13 އަހަރަށް ޖަލަށް ލުމަށް އެޤައުމުގެ ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.

ޖުންކުއެރާސް ގެ މައްޗަށް އެ މައްސަލައިގައި ހުކުމް ކޮށްފައިވަނީ ރައްޔިތުންގެ ފަންޑު ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައެވެ. ޖުންކުއެރާސްގެ އިތުރުން ކަޓަލާން ސަރަޙައްދުގެ އަދި އިތުރު 8 ލީޑަރަކުވެސް ވަނީ 9 އަހަރާއި، 13 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާފައެވެ. އެ މައްސަލައިގަ ދެން ހައްޔަރުކުރި 3 ލީޑަރަކު ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވެ، ޖޫރިމަނާ ކޮށްފައެވެ.

ކަޓަލާނުގެ މިނިވަންކަމަށް ގޮވާލާ ޖަމާޢަތްތަކުން މީގެ ކުރިން ވަނީ އެ މައްސަލައިގައި އެއްވެސް މީހަކު ޖަލަށްލުމަށް ޙުކުމް ކޮށްފިކަމުގައި ވަނީނަމަ އެޤައުމުގައި މުޒާހަރާތައް ކުރާނެ ކަމަށް ބުނެފައެވެ. މިއަދު ސްޕެއިންގެ ސުޕްރީމް ކޯޓުން ޙުކުމް އިއްވުމާ ދިމާކޮށް އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ގިނަ އަދަދެއްގެ ސިފައިން ވަނީ ކޯޓު ކައިރިއަށް އެއްކޮށްފައެވެ. ކަޓަލޯނިއާގެ ކުރީގެ ލީޑަރު، ކާލްސް ޕުއިޑްމޮންޓު ވަނީ މިއަދު ކުރި ޙުކުމްތަކަކީ ބޮޑު "ބާބޭރިޓީ" އެއް ގޮތުގައި ސިފަކޮށްފައެވެ.

2017 ވަނަ އަހަރު ސްޕެއިން ސަރުކާރުން ވަކިވެ އަމިއްލަ ދަޢުލަތެއް ގާއިމުކުރުމަށް ފެންނަތޯ ނެގި ވޯޓުގައި ކަޓަލާންގެ 90 އިންސައްތަ ރައްޔިތުންގެ ސާފު ޢައުލަބިއްޔަތުން ވަނީ އެކަމަށް ތާޢީދުކޮށްފައެވެ. އެވޯޓާއެކު، ސްޕެއިން ސަރުކާރުން ވަނީ ވެރިރަށް މެޑްރިޑުން ފުލުހުންނާއި ސިފައިންގެ ފަައުޖުތައް ކަޓަލާން ސަރަޙައްދަށް ފޮނުވައި، ރައްޔިތުންގެ އަޑުތައް އެއްކޮށް ކަނޑުވާލާފައެވެ. އަދި ކަޓަލާން ސަރަޙައްދުގެ ބޮޑެތި ހުރިހާ ލީޑަރުން ކަހަލަ ގޮތަކަށް ހައްޔަރު ކުރަން އެޤައުމުގެ ކޯޓުން ވަނީ އަމުރު ނެރެފައެވެ.

ކަޓަލާން ލީޑަރު، ޕުއިޑްމޮންޓު ވަނީ އެދަނޑިވަޅުގައި ފުލުހުންގެ އަތްދަށު ނުވެ، އިތުރު 4 ލީޑަރަކާއެކު ފިއްލަވައިގެން ބެލްޖިއަމް އަށް ވަޑައިގެންފައެވެ. މިހާރު އޭނާ ހުރީ އެޤައުމުގެ ހިމާޔަތުގެ ދަށުގައެެވެ.

"ޖުމްލަ 100 އަހަރުގެ ޙުކުމް. މިއީ ބާބޭރިޓީ އެއް. ކުރިއަށް ވުރެން ބޮޑަށް ތިބޭފުޅުންނާއި، އާއިލާތަކުގެ ފަހަތުގައި އެބަހުރިން." ޕުއިޑްމޮންޓު މިއަދު ޓުވީޓު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަހާންގީރު

    މިހިރަ ފެންނަނީ ހުޅަނގުގެ އަނިޔާވެރިކަން ކެޓެލޯނިއާގެ އިންކަމްގެ %90 ހޭދަ ކުރަނީ ސްޕޭނެގެ ކެޕިޓަލް މެޑްރިޑަށް

    3
    1
  2. ހަމަހަމަ

    ހޮންގްކޮންގް ނޫނީ ކްރަމިޔާ ކަހަލަ ރައްތައް ވަކިވާން ޑިމޮކުރަސީގެ ނަމުގެ ވަކިވާން ހުޅަނގުން ވަކާލާތު ކުރާނެ. ޢެކަމަކު ކަޓަލޯނިޔާއަށް ވަކިވާކަށް ނުދޭނެ. ޢެއީ އަސްލު ބޭނުމަކީ އެހެން ސަރަހައްދުތަށް ބައި ބައިކޮށް ފިތުނަ އުފައްދާ ހަމަނުޖެހުން ހިންގާ ބަލިކަށިކުރުން. ޢެ ކަންތައްގަނޑެއް އަމިއްލަ ސަރަހައްދުގަ ވިޔަކަ ނުދެވޭނެ ދޯ.