ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސަރަހައްދުތަކަށް އަލުން ދިރުން ގެނެސްދިނުމުގެ މަޤްސަދުގައި "ރިޓާން ޕާކް" ގެ ނަމުގައި ޕާކެއް މިއަދު ހުޅުވައިފިއެވެ.

ޣައްޒާގެ އިރުމަތީ ސަރަޙައްދެއްގައި އެ ޕާކް ހުޅުވައިދެއްވީ އެ ސިޓީގެ 'ގްރޭޓް ރިޓާން މާޗް' ކޮމިޓީގެ ފަރާތުންނެވެ. ރިޓާން ޕާކް އޮންނަނީ އިސްރާއީލުން ހުޅަނގު އައްސޭރިއާ ގުޅިފައިވާ ހިސާބުތަކާއި އެ ގައުމާއި ދުރުކުރަން ޖަހާފައިވާ ސެޕަރޭޝަން ފެންސާއި، ޣައްޒާ އާއި 700 މީޓަރު ކައިރި ހިސާބެއްގައެވެ. އެ ސަރަޙައްދަކީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ، އަދި އެއްވެސް ޢިމާރާތެއްވެސް ނެތް ހިސާބެކެވެ.

ޣައްޒާގައި ހުޅުވި ޕާކު - ވަގުތު އިމޭޖްސް: ވަފާ

ރިޓާން ޕާކް ހުޅުވުމުގެ އެއް ބޭނުމަކީވެސް އިޒްރޭލުގެ ހައްދު ފަހަނައަޅާފައިވާ ސިފައިންގެ ހަމަލާތަކުގެ ސަބަބުން ދިރުން ގެއްލިފައިވާ ސަރަޙައްދުތަކަށް އަލުން ދިރުން ގެނައުމަށް ރައްޔިތުންނަށް މަގުފަހިކުރުމެވެ. އެ ޕާކަކީ ޖާގައިގެ ގޮތުން ތަނަވަސް، ފެހި ޕާކެކެވެ. އަދި ކުޑަކުދިންނަށް ކުޅެވޭގޮތަށް، ކުޅޭ ބިމެއްވެސް އޮވެއެވެ. މިއީ ފަލަސްތީނުގެ އާއިލާތަކަށާއި، އަދި ކުޑަކުދިންނަށްވެސް އުފާވެރިކަން ގެނެސްދޭނެ ތަނެކެވެ.

ޣައްޒާގައި ހުޅުވި ޕާކު - ވަގުތު އިމޭޖްސް: ވަފާ

މިއަދު ހުޅުވިގެން ދިޔަ ޕާކާއި ގުޅިގެން ޣައްޒާގެ ގްރޭޓް ރިޓާން މާޗް ކޮމިޓީގެ ފަރާތުން އެ ކޮމިޓީގެ މީޑިއާ ކޯޑިނޭޓަރު، އިބްރާހީމް މުސައްލަމް ވިދާޅުވީ، "މިތަނަކީ ކުރިން ކުނި ގޮނޑެއް. އެކަމަކު މިހާރުން ފެށިގެން މިތަން ބަދަލުވާނީ އުފާވެރިކަމުގެ ތަނަކަށް. ރަފަހް އިން ފެށިގެން ބެއިތު ހަނޫނާ ހަމަޔަށް ތިބި މިކަހަލަ ބޯޑަރު ސަރަޙައްދުގެ ހުސް ބިންތަކުގައި އަހަރެމެން ފައިދާކުރާނެ މަޝްރޫޢުތައް ކުރިއަށް ގެންދާނަން. އިޒްރޭލުން މިކަހަލަ ހުސް ސަރަޙައްދުތަކުގައި އާއްމުންގެ ގަޔަށް ބަޑި ޖަހާ މަރާ. އަހަރެމެންގެ މަގްސަދަކީ މިކަހަލަ ބިންތަކަށް ދިރުން ގެނައުން. ހަމަލާ އެއް ނުވަތަ މަރާލަފާނެ ކަމުގެ ބިރަކާނުލާ ރައްޔިތުން ބޭނުންކުރާ ތަންތަން ކަމުގައި ހެދުން."

ޣައްޒާގައި ހުޅުވި ޕާކު - ވަގުތު އިމޭޖްސް: ވަފާ

މިއަދު ނެރުނު ބަޔާނެއްގައި ގްރޭޓް ރިޓާން މާޗުގެ ސްޓިއަރިންގް ކޮމިޓީގެ ފަރާތުން ބުނެފައިވަނީ މިއަދު ޣައްޒާގައި ޕާކެއް ހުޅުވުމަކީ އެ ކޮމިޓީގެ ފުރަތަމަ މަޝްރޫޢު ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި އިޒްރޭލުން ޖަހާފައިވާ ސެޕަރޭޝަން ފެންސު ކައިރީ އިތުރު 5 ސަރަޙައްދެއްގައި ޕާކުތައް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ޖަމާޢަތުގެ ފަރާތުން ސުލްޙަވެރި ހަޅުތާލަށް ގޮވާލާ ގޮތަށް މިކަމުންވެސް ދައްކުވައިދޭނީ ޣައްޒާގެ ރައްޔިތުންގެ މިނިވަންކަމަށް ސުލްހަވެރި ގޮތަކަށް ކަންތައްތައް ކުރާ ކަމަށެވެ. އަދި އިޒްރޭލުން އެ ސަރަޙައްދުތައް މަރުގެ ސަރަޙައްދުތަކަށް ހަދާފައި އޮތަސް، އެމީހުން އެތަން ހަދާނީ ދިރުން ހުރި ސަރަޙައްދުތަކަށް ކަމަށެވެ.

މިދިޔަ އަހަރުގެ މާޗު ފަހުކޮޅުގައި މިނިވަންކަމަށް ގޮވާލާ ފަލަސްތީނުގެ ރައްޔިތުން ފެށި ބޮޑު އެއްވުންތަކުގެ ތެރެއިން އިޒްރޭލުގެ ނިރުބަވެރި ސިފައިން ދިން ހަމަލާތަކާ ގުޅިގެން މިހާތަނަށް ވަނީ އެޤައުމުގެ 310 ރައްޔިތުން ޝަހީދުވެ، 10،000 އަށްވުރެ ގިނަ ރައްޔިތުން ޒަޚަމްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރީ

    ތިތަނަށްވެސް ބޮން އަޅާނެ އިޒްރޭލް މީހުން. އެއްފަހަރާ ގިނަ މީހުން މަރަން. އެއްވެސް ގޮތެއް ފޮތެއް ނެތިގެން ތެޅޭ ބައެއް ވިއްޔާ އެއީ. ކުށަކާނުލައި މީހުން މެރުން އެމީހުނަށް އެނގޭ ކަމަކީ