200 އަށްވުރެން ގިނަ ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން އުމުރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒުކުރަމުން އައި އިނގިރޭސި މުޖުރިމަކު ޖަލުގައި މަރާލައިފިއެވެ.

އިނގިރޭސިވިލާތުގެ އެޝްފޯޑަށް ވިހާފައިވާ 33 އަހަރުގެ ރިޗަޑް ހަކްލް އިއްޔެ ހައި ސެކިއުރިޓީ 'ސަޓަން ޖަލު' ތެރޭގައި ވަޅިން ހަމަލާދީ މަރާލާފައިވާއިރު އޭނާ އައީ 22 އުމުރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންނެވެ. ހަކްލްގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ މެލޭޝިއާގައި އޭނާ އިނގިރޭސި ޓީޗަރަކަށް އުޅުނު ދުވަސްވަރު 200 އަށްވުރެ ގިނަ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށުގެ ތުހުމަތެވެ.

ހަކްލް އަށް ޙުކުމް އިއްވާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އޭނާ ވަނީ 200 އަށްވުރެ ގިނަ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް އެއްބަސްވެފައެވެ. ހަކްލް މެލޭޝިއާ އަށް ގޮސްފައިވަނީ އުމުރުން 18 އަހަރުގައެވެ. 9 ވަރަކަށް އަހަރު ވަންދެން އޭނާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާއިރު، އޭނާގެ ޝިކާރައަކަށް އެންމެ 6 މަހުގެ ތުއްތު ކުދިންވެސް ވެފައިވެއެވެ. އޭނާ ޖަލަށް ލުމަށް ޙުކުމް ކުރުމުން އޭނާގެ ފަރާތުން އަނިޔާ ލިބުނު ކުއްޖެއްގެ އާއިލާގެ މީހަކު ވަނީ "1000 މަރު ވެސް ކަލެއަށް މާ ރަނގަޅު" ކަމަށް ބުނެފައެވެ.

ކްރިސްޓިއަން އާއިލާއަކަށް އުފަންވި ހަކްލް އަކީ ކުރިން އޭނާ އުޅެ ބޮޑުވި ސަރަޙައްދުގެ ފައްޅިއަކަށް އަޅުކަން ކުރުމަށް ދިޔަ މީހެއް ކަން ވަނީ އެނގިފައެވެ. އޭނާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން ފެއްޓީވެސް ދީންވެރި މީހަކަށް ހެދިގެން އެންމެ ފުރަތަމަ އެ ހިސާބުގަނޑުގެ ކުދިންނަށެވެ. މެލޭޝިއާގައި ޓީޗަރަކަށް ހެދިގެން ހަކްލް ނުބައި ޢަމަލް ހިންގަމުން ދިޔަ ދުވަސްވަރު އިންޓަނެޓު ޗެޓު ރޫމްތަކުގައި އޭނާ ވަނީ އޭނާ ކޮށްފައިވާ ކަންތައްތަކާ ބެހޭ ގޮތުން އޭނާއާ އެއްކަހަލަ މީހުން ކައިރީގައި "ފޮނިކަނޑާފަ" އެވެ.

އޭނާ ޖިންސީ ގޯނާ ކުރި ގޮތަށާއި، އެކަން ކުރި ކުދިންނަށް ބަލާފައި، އަމިއްލައަށް "ޕޮއިންޓު" ވެސް ދީގެން އުޅުނު ކަމަށްވެއެވެ. އަދި ކުދިންނަށް އޭނާ ޖިންސީ ގޯނާ ކޮށްފައިވާ ވީޑިއޯތައް ވަނީ އިންޓަނެޓުގެ ޑާކުވެބުގައި 'ބިޓް ކޮއިން' ލިބޭ ގޮތަށް އެހެން މީހުންނަށް ވިއްކާފައެވެ. ފުލުހުން އޭނާގެ ކޮމްޕިއުޓަރު ފާސްކުރުމުން ވަނީ ކުޑަކުދިންނަށް ގޯނާ ކުރުމުގެ 20،000 އަށްވުރެ ގިނަ ފޮޓޯއާއި ވީޑިއޯ ހޯދާފައެވެ.