ތުރުކީވިލާތުން މިހާރު ސީރިއާގައި ޙަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ފަށާފައިވާ "އުދުވާން" މިހާރުން މިހާރަށް ހުއްޓާލުމަށް ބުނެ، އެމެރިކާ އިން އެގައުމާ ދޭތެރޭ ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާއިން ތުރުކީ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި މިވަނީ ޒަމާންތަކެއް ފަހުން ތުރުކީވިލާތުގެ ސިފައިން ސީރިއާގެ އިރު އުތުރު ހިސާބުތަކަށް އަރާފައިވާ ދަނޑިވަޅެއްގައެވެ. ދަތިކުރުމުގެ ފިޔަވަޅުތަކެއްގެ ގޮތުން އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓުގެ ފަރާތުން މިހާރު ވަނީ ތުރުކީގެ ދިފާޢީ ވަޒީރާއި، ހޯމް މިނިސްޓަރުގެ އިތުރުން އެ ޤައުމުގެ ހަކަތައާއި ބެހޭ ވަޒީރުގެ އެމެރިކާ ބޭންކުތަކުގައި ހުރި ހުރިހާ ފައިސާއެއް ގަނޑުކޮށް، ހުރިހާ މުދަލެއް ހިފަހައްޓާފައެވެ.

ޓްރަމްޕު ވަނީ ތުރުކީ އާއި އެއްކޮށް މީގެ ކުރިން މަޝްވަރާ ކޮށްފައި އޮތް އެމެރިކާ-ތުރުކީގެ 100 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުމުން ވެސް ކެންސަލްކޮށްފައިވާ ކަމަށާއި، އަދި ތުރުކީ އިން އެޤައުމަށް އެތެރެކުރާ ދަގަނޑުގެ ބާވަތްތަކުން ޓެކުސް ގޮތުގައި 50 އިންސައްތަ ނަގާނެ ކަމަށެވެ.

ތުރުކީ ސިފައިން ސީރިއާ އަށް ދިޔައީ އެމެރިކާ ސިފައިން އެސަރަޙައްދުން ދާދިފަހުން ފައިބައިފައި ވަނިކޮށެވެ. ތުރުކީ ސިފައިން ހިންގަމުންދާ އޮޕަރޭޝަނަކީ ސީރިއާގެ އުތުރުގެ ބޯޑަރު ސަރަޙައްދުގައި އަތް ގަދަކޮށްގެން ތިބި ކުރުދީ ހަނގުރާމަވެރިންގެ ކިބައިން ތުރުކީވިލާތާއި، އަދި ސީރިއާގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ނުރައްކަލުން އެ ރައްޔިތުން ސަލާމަތް ކުރުމެވެ. އަދި ކުރުދީ ހަނގުރާމަވެރިންގެ ނުރައްކަލާ ހެދި އަމިއްލަ ޤައުމަށް ނުވަދެވިފަ ތިބި ސީރިއާގެ އެތައް މިލިއަން ރައްޔިތުންނެއް އަނބުރާ ޤައުމަށް އެތެރެކުރުމަށް މަގުތަނަވަސް ކޮށްދިނުމެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތުރުކީގެ އަސްކަރީ އޮޕަރޭޝަނުގެ ކުރިން ސީރިއާގެ އެ ސަރަޙައްދުގައި ކުރިން ގާއިމްވެގެން ތިބި އެމެރިކާ ސިފައިން އެސަރަޙައްދުން ބާލާފައެވެ. ކުރުދީންނާއި ތުރުކީ ކުރާ ހަނގުރާމައެއްގެ ތެރެއަށް އެމެރިކާ ނުވަންނާނެ ކަމަށާއި އެމެރިކާ ސީރިއާގައި ހަރަކާތްތެރި ވަނީ އެބޭނުމުގައި ނޫންކަމަށް ޓްރަމްޕު ބުނީ އިހަކަށް ދުވަހުގައެވެ.

"ތުރުކީގެ ވެރިން މި ކަހަލަ ނުރައްކާތެރި، ގެއްލުންބޮޑު މަގެއް އިޙްތިޔާރު ކުރީތީ އަހަރެން މިހިރީ ހަމަ ތުރުކީގެ މުޅި އިޤްތިސާދު އިނދެޖައްސާލަން ތައްޔާރަށް." ޓްރަމްޕް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕު އިންތިޚާބުވި ފަހުން އެޤައުމުން އަންނަނީ މުސްލިމް ޤައުމުތަކަށް އެތައް ދުއްތުރާލެއް ކުރިމަތި ކުރަމުންނެވެ. އީރާނަށްވެސް މިއިން ޒަމާނެއްގައިވެސް ނާޅާހާ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ޓްރަމްޕުގެ ޙީލަތްތެރި ރޭވުންތަކުގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހިން

    އަމިއްލަ ޤައުމު ދޫކޮށް.އެހެން ޤައުމެއްގެ ބޭންކުގައި ފައިސާ ބެހެއްޓުމުގެ ނަތީޖާ

    16
    1
  2. އަލީ އިބްރާހިމް

    އެމެރިކާގެ ދަލުގައި ތިޔައޮތީ ރަނގަޅައް ޖެހިފައި އެމީހުން ބޭނުން ވަނީ މުސްލިމުން ނައްތާލަން ......