ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުގެ އުދުވާނީ ސިފައިން ހިންގަމުންގެންދާ ލޭއޮހޮރުވުންތަކުގެ ޝަރީއަތް ހިންގަން ޖެހިދާނޭ ކަމަމަށް ހަނގުރާމައިގެ ޖަރީމާތައް ބަލާ ބައިނަލްއަގްވާމީ ކޯޓުން އިންޒާރު ދީފިއެވެ.

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ފަތޫ ބެންސޫޑާ ނެރުއްވި ބަޔާނެއްގައި، ޣައްޒާގައި ހިންގަމުންގެންދާ އަނިޔާވެރި ޖަރީމާތަށް ކުއްވެރިކޮށް އިސްރާއީލުގެ މި އަމަލުތަށް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައި ވެއެވެ.

އައި.ސީ.ސީގެ އިސް ފަނޑިޔާރު ފަތޫ ބެންސޫޑާ ވިދާޅުވީ، އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ރޯމް ގާނޫނުގެދަށުން ކުއްވެރިވާނެ ކަމަށެވެ.

ފަލަސްތީނުގެ މިނިވަން ކަމައްޓަކައި އެގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާގައި އިސްރާއީލުގެ އަނިޔާވެރި ސިފައިން ޝަހީދު ކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 31 އަރައިފައިވާއިރު ފަލަސްތީނުގެ ހެލްތް ވުޒާރާއިން ބުނާ ގޮތުގައި މުޒާހަރާގައި ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 2,850 އަށް އަރާފައެވެ. އަދި 79 މީހަކު ވަނީ ސީރިއަސް ހާލަތުގައި އެވެ.

މުޒާހަރާ ރޫޅާލުމަށް ބަޑި ޖެހުމުގެ އިތުރުން މުޒާހަރާ ރޫޅާލަން އިސްރާއީލް ސިފައިން ވަނީ ގިނަ އަދަދަކަށް ކަރުނަގޭސް ވެސް ޖަހާފައެވެ.

ފަލަސްތީނު އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ފުރިހަމަ މެމްބަރަކަށް ވެފައިވަނީ 2015 ވަނަ އަހަރުއެވެ. މިއާއެކު، އިސްރާއީލާ ދެކޮޅަށް އެ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހައްގު ފަލަސްތީނަށް ލިބިގެންވެއެވެ.

އިސްރާއީލު ސިފައިން ޣައްޒާގައި މިދިޔަ ހުކުރުދުވަހާއި، އޭގެ ކުރީ ހުކުރުދުވަހު ހިންގި ލޭއޮހޮރުވުންތަކަށް އިޝާރާތް ކުރައްވައި 2002 ވަނަ އަހަރު އުފައްދާފައިވާ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަކީ ދުނިޔޭގެ ގައުމުތަކުގައި ހިންގާ ގަތުލުއާންމުތަކާއި، ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ތަހްގީގުކޮށް ޝަރީއަތް ހިންގުމަށް އުފައްދާފައިވާ މިނިވަން އަދި ދާއިމީ ބައިނަލްއަގްވާމީ ހަމައެކަނި ކޯޓެވެ.