އަރަބި ޤައުމެއް ކަމަށްވާ ލުބުނާނުގައި އެކި ސަރަޙައްދުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގައި، ހުޅުގަނޑުތައް ފެތުރެމުން އެބަދެއެވެ.

ފާއިތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އެގައުމުގެ އުތުރާއި ދެކުނުގެ 100 އަށްވުރެ ގިނަ ހިސާބުތަކުގައި ވަނީ އަލިފާންގަނޑު ރޯވެ، ހިފާފައެވެ. އަލިފާނުގެ ހާދިސާތަކުގައި މިހާތަނަށް އެޤައުމުން ވަނީ ދެ މީހަކު މަރުވެފައެވެ. އެއީ އަލިފާންގަނޑަކުން ސަލާމަތްވާން އުޅެނިކޮށް ނޭވާ ހާސްވެގެން މަރުވި ފިރިހެނެއްގެ އިތުރުން، އެ ޤައުމުގެ ފަޔާ ޓްރަކެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި މަރުވި އަންހެން މީހެކެވެ.

ލުބުނާނުގައި އަލިފާނުގެ ހާދިސާތައް ބޮޑަަށް ހިނގާފައިވަނީ އެގައުމުގެ ފަރުބަދަމަތީ ހިސާބުތަކުގައެވެ. އަލިފާނުގެ ސަބަބުން އެޤައުމުގެ އެންމެ ޤުދުރަތީ 'ރެއިން ފޮރެސްޓު' ގައިވެސް ވަނީ ފެތުރިފައެވެ. އަދި އެ ތަންތަނުން ފެތުރިގެން ގޮސް، އާއްމުން ދިރިއުޅޭ ކައިރި އަވަށްތަކަށް އަލިފާންގަނޑު ފެތުރުމުގެ ކުރިން އެ ސަރަޙައްދުގެ އާއްމުން ވަނީ އެމީހުންގެ ގެތަކުން ނުކުމެ، ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފައެވެ.

ގަދަ ވަޔާއި، ގަދަ ހޫނު އެއްވެ، ފެތުރެމުންދާ އަލިފާންގަނޑުތައް ނިއްވާލުމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބޭރުގެ އެހީއަށް އެދިފައެވެ. އެގޮތުން ސައިޕްރަސް އާއި ޖޯޑަން އިން ވަނީ އަލިފާން ނިއްވާ ޓީމުތަކާ، ސާމާނު ތަކާއެކު ކޮންމެ ގައުމަކުން 2 ފްލައިޓު އައިސްފައިވެއެވެ. އެ ޤައުމުގެ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ސަލާމަތީ ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެބަހުއްޓެވެ.

އެއީ އަލިފާން ނިއްވުމަށް ޙާއްސަ ކޮށްގެން އެޤައުމުގައި އޮންނަ 'ސިކޯސްކީ އެސް-7' މަރުކާގެ 3 ހެލިކަޕްޓަރު އޮތީ މި ހާދިސާ ދިމާވިއިރު މަސައްކަތަ ނުކުރާ ޙާލަތެއްގައެވެ. ފާއިތުވެދިޔަ 5 އަހަރު ތެރޭގައިވެސް އެ ހެލިކަޕްޓަރުތައް ރަނގަޅު ހާލަތަކަށް ނުގެނެވި އޮތީ އޭގެ މަރާމާތަށް ބޭނުންވާ ޚަރަދުތައް ކުރުމަށް އެޤައުމުގެ ސަރުކާރުތަކުން ފަންޑު ނުދިނުމުގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މީގެ ސަބަބުން ލުބުނާނު ސަރުކާރަށް ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

މި އަލިފާންގަނޑުތައް ފެތުރުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަމުން ދަނީ އެޤައުމުގެ މޫސުން ހުރި ގޮތުންނެވެ. އެގޮތުން މިއަދު ވެސް އެޤައުމުގެ ފިނިހޫނުމިން ހުރީ 35 ޑިގްރީ ސެލްސިއަސް ގައެވެ. އަދި ގަޑިއަކު 28 މޭލު ބާރުމިނުގައި ވައި ޖެހެމުން އެބަދެއެވެ.