ލުބްނާނުގައި ރޯވެ ފެތުރެމުންދާ އަލިފާންގަނޑުގެ ބިރުވެރިކަން ބޮޑުވެ ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އަދި ބައެއް މިހުންގެ ގެދޮރާއި މުދާ ނެތިވެފައިވާއިރު އެ އަލިފާންގަނޑުގެ ސަބަބުން މިހާތަނަށް ދެމީހަކު މަރުވެފައިވެއެވެ.

ލުބްނާނުގެ އަލިފާންގަނޑުގެ އަސަރު ކުރި މީހެއް ކަމަށްވާ، އުމުރުން 78 އަހަރުގެ މޫއޯނާ ޚޯރީ ބުނެފައިވަނީ އެވަރުގެ ބިރުވެރިކަމެއް އަދި ދުވަހަކުވެސް ނުދެކޭ ކަމަށެވެ. އޭނާ ބުނި ގޮތުގައި އަލިފާންގަނޑުގެ ސަބަބުން ހަނދާންވީ ސިވލް ވޯގެ ދުވަސްތަކެވެ.

އޭނާ ދިރިއުޅުމް ދިޔައީ ލުބްނާނުގެ ފަރުބަދަ މަތީގައި އޮންނަ ރަށެއްގައެވެ. އަލިފާންގަނޑުގެ ސަބަބުން އޭ ސަރަހައްދަށް އަސަރުކުރި ގޮތް ކިޔައިދެމުން އޭނާ ބުނީ "މުޅި ދުނިޔެ އަލިފާނުގެ ތެރޭގައި" އޮތް ހެން ހީވި ކަމަށެވެ. އަލިފާންގަނޑުގެ އަސަރު ކުރަން ފެށުމާއެކު ވީހާވެސް އަވަހަށް ރައްކާތެރި ހިސާބަށް ދާން ދަތުރު ފެށިއެވެ. ދުއްވައިގަތީ ސަލާމަތް ހޯދުމަށެވެ.

މިއީ މިހާދިސާގައި އަސަރުކުރި އެކެއްގެ ވާހަކައެވެ. އެގައުމުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ރައްޔިތުން އެ އަލިފާންގަނޑު ސިފަ ވަނީ ގިޔާމަތް ދުވަހާ އެއް ގޮތަށެވެ. އެގައުމުގެ ރައްޔިތުން ތިބީ އެހާވެސް ބިރުންނެވެ.

ލުބުނާނުގައި އަލިފާނުގެ ހާދިސާތައް ބޮޑަަށް ހިނގާފައިވަނީ އެގައުމުގެ ފަރުބަދަމަތީ ހިސާބުތަކުގައެވެ. އަލިފާނުގެ ސަބަބުން އެޤައުމުގެ އެންމެ ޤުދުރަތީ 'ރެއިން ފޮރެސްޓު' ގައިވެސް ވަނީ އަލިފާން ފެތުރިފައެވެ. އަދި އެ ތަންތަނުން ފެތުރިގެން ގޮސް، އާއްމުން ދިރިއުޅޭ ކައިރި އަވަށްތަކަށް އަލިފާންގަނޑު ފެތުރުމުގެ ކުރިން އެ ސަރަޙައްދުގެ އާއްމުން ވަނީ އެމީހުންގެ ގެތަކުން ނުކުމެ، ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފައެވެ.

ގަދަ ވަޔާއި، ގަދަ ހޫނު އެއްވެ، ފެތުރެމުންދާ އަލިފާންގަނޑުތައް ނިއްވާލުމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބޭރުގެ އެހީއަށް އެދިފައެވެ. އެގޮތުން ސައިޕްރަސް އާއި ޖޯޑަން އިން ވަނީ އަލިފާން ނިއްވާ ޓީމުތަކާ، ސާމާނު ތަކާއެކު ކޮންމެ ގައުމަކުން 2 ފްލައިޓު އައިސްފައިވެއެވެ. އެ ޤައުމުގެ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ސަލާމަތީ ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެބަހުއްޓެވެ.

އެއީ އަލިފާން ނިއްވުމަށް ޙާއްސަ ކޮށްގެން އެޤައުމުގައި އޮންނަ 'ސިކޯސްކީ އެސް-7' މަރުކާގެ 3 ހެލިކަޕްޓަރު އޮތީ މި ހާދިސާ ދިމާވިއިރު މަސައްކަތަ ނުކުރާ ޙާލަތެއްގައެވެ. ފާއިތުވެދިޔަ 5 އަހަރު ތެރޭގައިވެސް އެ ހެލިކަޕްޓަރުތައް ރަނގަޅު ހާލަތަކަށް ނުގެނެވި އޮތީ އޭގެ މަރާމާތަށް ބޭނުންވާ ޚަރަދުތައް ކުރުމަށް އެޤައުމުގެ ސަރުކާރުތަކުން ފަންޑު ނުދިނުމުގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މީގެ ސަބަބުން ލުބުނާނު ސަރުކާރަށް ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

މި އަލިފާންގަނޑުތައް ފެތުރުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަމުން ދަނީ އެޤައުމުގެ މޫސުން ހުރި ގޮތުންނެވެ. އެގޮތުން މިއަދު ވެސް އެޤައުމުގެ ފިނިހޫނުމިން ހުރީ 35 ޑިގްރީ ސެލްސިއަސް ގައެވެ. އަދި ގަޑިއަކު 28 މޭލު ބާރުމިނުގައި ވައި ޖެހެމުން އެބަދެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އަން

  ގިޔާމަތް ދުވަހަކީ ތިޔައްވުރެ މާ ބިރުވެރި ދުވަހެއް

  105
  4
 2. އިކްލީލް

  ޤިޔާމަތްދުވަސް ހުޅުގަނޑަކުން ސިފަކުރާނަމަ ތަވްބާވެލައްވާ!

  38
  3