ތުރުކީވިލާތުން މިހާރު ސީރިއާގެ އިރުއުތުރު ހިސާބުތަކުގައި ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަން ހުއްޓާލާނެ ހަމައެކަނި ގޮތަކީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ކުރުދީންގެ "ނިރުބަވެރި" ހަނގުރާމަވެރިން ހަތިޔާރުތައް ބަހައްޓައި އަމާންދީ، އެ ހިސާބުތައް ދޫކޮށް ދިޔުމުން ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޢާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ ރައީސް، އުރްދުޢާން މިގޮތަށް ވިދާޅުވެ ވާހަކަފުޅު ދައްކާފައިވަނީ ބުދަ ދުވަހު އޭނާގެ ޕާޓީގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. އުރްދުޢާން ވިދާޅުވީ އެއްވެސް ބޭރު ޤައުމެއްގެ ނުފޫޒަކުން އޮޕަރޭޝަން ހުއްޓާނުލައްވާނެ ކަމަށެވެ. "އަހަރެމެން މިރޭވެސް އޮޕަރޭޝަން ހުއްޓާލާނަން މި ސަރަޙައްދު ދޫކޮށް އެމީހުން ގޮސްފިނަމަ، ﷲ އިރާދަކުރެއްވިއްޔާ އަހަރެމެން މަންބިޖް (ސީރިއާގެ އިރުއުތުރު ހިސާބެއް) އިން ފެށިގެން އަހަރެމެންގެ އިރާޤު ބޯޑަރާ ހަމަޔަށް ކޮންޓްރޯލް ނަގާނަން." ކުރުދީ ހަނގުރާމަވެރިންގެ ޖަމާޢަތް، އެސްޑީއެފް އަށް ނިސްބަތްކޮށް އުރްދުޢާން ވިދާޅުވިއެވެ.

ތުރުކީ ސިފައިން ސީރިއާގައި ޙާއްސަ އޮޕަރޭޝަނެއް ފަށައި، އެޤައުމުގައި ޙަރަކާތްތެރިވަމުން އަންނަތާ މިހާރު 8 ދުވަސް ވެއްޖެއެވެ. އެމީހުން މިހާރު ވަނީ ބޯޑަރު ސަރަޙައްދުގެ ގިނަ އަވަށްތަކެއްގެ ކޮންޓްރޯލް ނަގާފައެވެ. މި އޮޕަރޭޝަންގެ ތެރެއިން ބައެއް ހިސާބުތަކުގައި ވަނީ ވަރުގަދަ އަސްކަރީ ކުރިމަތިލުންތައް ހިނގާފައެވެ. އެގޮތުން އިއްޔެ ސީރިއާގެ 'ރަސް އަލް-އައިން' އަވަށުގައި ކުރުދީ ހަނގުރާމަވެރިންނާ ތުރުކީ ސިފައިންގެ ކުރިމަތިލުމުގެ ތެރެއިން ބަޑީގެ އަޑުން ވަނީ އެ އަވަށް ގުގުމާލާފައެވެ. ބަޑީގެ ހަމަލާތަކުގައި އެތައް ސަތޭކަ ބުރެއްގެ ވަޒަން ވަނީ ދެފަރާތުން ބަދަލުކޮށްފައެވެ.

ތުރުކީވިލާތުން ބުނާގޮތުން އެމީހުން ސީރިއާގެ އިރުއުތުރުގައި ޙަރަކާތްތެރިވަމުން ދަނީ އެ ހިސާބުތަކުގައި އުޅޭ ކުރުދީ ހަނގުރާމަވެރިންގެ ކިބައިން ރައްޔިތުން އަމާންކޮށް، އެނބުރި ސީރިއާއަށް ނުވަދެވިފަ ތިބި އެޤައުމުގެ އެތައް މިލިއަން ރައްޔިތުންނަށް އަނބުރާ ޤައުމަށް އެތެރެ ވެވޭނެ ގޮތަކަށް ބޯޑަރު ސަރަޙައްދު އަމާންކޮށް، އެ ފުރުސަތު ތަނަވަސް ކުރުމުގެ ގޮތުންނެވެ.