ސީރިއާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނަށް ދެމުންދާ ހަމަލާތައް ވަގުތީގޮތުން ހުއްޓާލަން ތުރުކީން އެއްބަސްވެއްޖެއެވެ.

ހަމަލާތައް ވަގުތީގޮތުން ހުއްޓާލަން ތުރުކީގެ ރައީސް ޠައްޔިބު އުރުދޮގާން އެއްބަސްވެވަޑައިގެންނެވީ އެމެރިކާގެ ނައިބު ރައީސް މައިކް ޕެންޗް އާއި ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ތުރުކީގެ އަންކާރާ ވަޑައިގެން ބޭއްވި މަޝްވަރާތަކަށްފަހުއެވެ.

އުރުދޮގާން އާއި ބައްދަލު ކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕެންޗް ވިދާޅުވީ އެންމެ މަދުވެގެން ފަސް ދުވަހަށް ހަމަލާތައް ހުއްޓާލަން ތުރުކީން އެއްބަސްވެފައިވާ ކަމަށެވެ.

"ތުރުކީން ދެމުންގެންދާ ހަމަލާތައް ވަގުތީގޮތުން ހުއްޓާލާ، ކުރުދީން ރައްކާތެރި ސަރަހައްދުތަކަށް ދަތުރު ކުރުމަށް ފުރުސަތު ދޭން މިވަނީ މިހާރު ނިންމާފައި. ރައްކާތެރި ސަރަހައްދުތަކަށް އާއްމުން ބަދަލުވުމުން ހަމަލާތައް އަލުން ފަށާނެ." ޕެންޗް ވިދާޅުވިއެވެ.

ކުރުދީންނަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ތުރުކީން ނިންމުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކަމަށް މަރުޙަބާ ކިޔާފައެވެ. ޓްރަމްޕް ކުރި ޓްވީޓެއްގައި ބުނީ ހަމަލާތައް ހުއްޓާލުމަކީ ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ. އުރުދޮގާން އަކީ ވަރަށް ރަނގަޅު ނިންމުންތަކެއް ނިންމާ ވަރަށް ވަރުގަދަ ބޭފުޅެއް ކަމަށް ބުނެ ޓްރަމްޕްގެ ޓްވީޓްގައި އުރުދޮގާން އަށް ތައުރީފް ކޮށްފައިވެއެވެ.

ދާހިލީ ހަނގުރާމައިގެ ސަބަބުން މިހާރުވެސް ބޮޑު މުސީބާތަކާއި ކުރިމަތިވެފައިވާ ސީރިއާގެ ރައްޔިތުންނަށް ތުރުކީގެ ހަމަލާތަކުގެ ސަބަބުން އިތުރު ނުރައްކާތަކެއް ވަނީ ކުރިމަތިވެފައެވެ. ތުރުކީގެ ހަމަލާތަކުގެ ސަބަބުން ސީރިއާގެ ދެލައްކައަށް ވުރެ ގިނަ އާއްމުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން ހަމަލާތައް ހުއްޓާލަން އެމެރިކާ އާއި ބައިނަލްއަޤުވާމީ މުޖުތަމަޢުން ދިޔައީ ތުރުކީ އަށް ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ.