އިންޑިއާގައި ކުޑަ ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތު ކުރެވުނު މީހަކު ގަހަކަށް ބަދެފައި އާންމުންގެ ބަޔަކު ނިކުމެ އޭނާގެ ގައިގައި ގަލުން ތަޅައި މަރާލައިފިއެވެ.

މިހާދިސާ ހިނގާފައި ވަނީ އިންޑިއާގެ ޓެލަންގަނާ ސްޓޭޓްގެ ނިޒާމާބާދު ޑިސްޓްރިކްޓުގައެވެ. އެ ހާދިސާ މިދިޔަ ހޮނިހިރު ދުވަހު ހިނގައި ދިޔަ ނަމަވެސް އެކަން ފުލުހުންނަށް އެނގުނީ އާދީއްތަ ދުވަހުއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވުނީ އުމުރުން 45 އަހަރުގެ މީހެއް ކަމަށްވާ ސައްޔާނާގެ މައްޗަށެވެ. އޭނާ އަކީ ދަނޑުވެރިކަމުގެ މަސައްކަތް ކޮށް އުޅުނު މީހެއް ކަމަށްވެއެވެ. ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖާ ދިރިއުޅެމުން ދިޔައީ އެކަންޏެވެ. އޭނާ ރޭޕްގެ ޝިކާރައަކަށްވެގެން ދިޔައިރު މައިންބަފައިން ތިބީ ރަށުން ބޭރުގައެވެ.

މި އަންހެން ކުއްޖާ އެކަނި ދިރިއުޅެމުން ދަނިކޮށް މަސްތުގެ ހާލުގައި ހުރި ސައްޔާނާ ވަނީ އޭނާ ދިރިއުޅުނު ގެޔަށްވަދެ، އޭނާއަށް އަނިޔާކޮށް ރޭޕްކޮށްލާފައެވެ. އޭގެ ފަހުން އަންހެން ކުއްޖާ އަވަށްޓެރި ބަޔަކަށް ކަން ވީގޮތް ކިޔައިދިނުމުން އެ ސަރަހައްދުގެ އާންމުން ރުޅިގަދަވެ، ފުލުހުންނަށް އެނގުމަކާއި ނުލައި ސައްޔާނާއަށް އަދަބު ދޭން ނިންމީއެވެ.

އެމީހުން ވަނީ އެ ރަށުގެ މެދުގައި ހުރި ބޮޑު ގަހެއްގައި ސައްޔާނާ ބަނުމަށްފަހު އޭނާގެ ގައިގައި ގިނައިރުތަކެއް ވަންދެން ގަލުން ތަޅާފައެވެ. އެކަމުގެ ސަބަބުން ލިބުނު ޒަހަމްތަކުން ސައްޔާނާ މަރުވީ އޮފިޝަލުންތަކެއް އޭނާ ހޮސްޕިޓަލަކަށް ގެންދަން މަސައްކަތްކުރަމުން ދަނިކޮށްކަމަށްވެއެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، ބޮޑަށް ބެލެވިފައި ވަނީ ސައްޔާނާ މަރާލާފައި ވަނީ އެ ސަރަހައްދުގައި މާއޮއިސްޓުން އެވަގުތު އުފެއްދި "ކެންގަރޫ ކޯޓް" އަކުން ކުރި ހުކުމަކާ ގުޅިގެންނެވެ. އެގޮތައް ރައްޔިތުން ހުކުމް ކުރާ ކޯޓުތައް އުފައްދައި އަމިއްލައަށް ހުކުމް ކުރުމަކީ ބައެއް މާއޮއިސްޓުން ކޮށްއުޅޭ ކަމެކެވެ.

ކުޑަކުއްޖަކު ރޭޕްކުރި މީހަކަށް ޢާންމުން އަމިއްލައަށް އުފައްދާފައިވާ ކޯޓަކުން ޙުކުމްކޮށް އަދަބު ދީފައިމިވަނީ، އިންޑިއާގައި ޖިންސީ ގޯނާއާއި ރޭޕްގެ މައްސަލަތައް ކޮންޓްރޯލް ކުރުމުގައި އެޤައުމުގެ ފުލުހުން ނުކުޅެދި ގިނަ ބައެއްގެ ފާޑުކިއުން އެފަރާތްތަކަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައިކަން ފާހަނގަކޮށްލެވެއެވެ. ފަހުގެ ރެކޯޑުތަކަށް ބަލާއިރު އިންޑިއާގައި ކޮންމެ ދުވަހަކު 100 އަށްވުރެ ގިނަ އަންހެނުންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރިޕޯޓްކުރެއެވެ. ނަމަވެސް މީގެ ތެރެއިން ގިނަ މައްސަލަތައް ބަލަމުން ނުދާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.