އަފްޣާނިސްތާނުގައި ހުކުރު ނަމާދު ވަގުތު، ހުކުރު ކުރަން ތިއްބައި މިސްކިތެއް ގޮއްވާލައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ހަމަލާ ދީފައިވަނީ އަފްޢާނިސްތާނުގެ ނަންގަހާރު ޕްރޮވިންސްގެ މިސްކިތަކަށެވެ. ހުކުރު ނަމާދު ވަގުތުގައި ދިން އެ ބޮމުގެ ހަމަލާތަކެއްގައި މިހާތަނަށް 62 މީހުން ޝަހީދުވެ، 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ނަންގަހާރު ޕްރޮވިންސުގެ ގަވަރުނަރުގެ މުޝީރު މަޢުލޫމާތު ދީފައިވާ ގޮތުން އެ މިސްކިތަށް ބޮމުގެ ހަމަލާތަކެއް ދީފައިވަނީ މިއަދުގެ ހުކުރު ނަމާދުގައި، އެތައް ބަޔަކު ނަމާދުކުރަން ތިއްބައެވެ. ބާރުގަދަ ގޮވުންތަކެއް ގޮވައި މިހާތަނަށް 62 މީހުން މަރުވެފައިވާ ކަމަށް އޭނާ މަޢުލޫމާތު ދިނެވެ. އެ ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، ހަމަލާގެ ސަބަބުން މަރުވި މީހުން އިތުރުވެދާނެ ކަމަށް ބެލެވެއެވެ.

"ހަމަލާގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް. މީހުން ސަލާމަތް ކުރަން ޙަރަކާތްތެރިވާ ފަރާތްތަކުން މިހާރުވެސް ގެންދަނީ އަނިޔާވި މީހުންގެ ހަށިތައް މިސްކިތުގެ ތެރެއިން ނެރުމުގެ މަސައްކަތް ކުރަމުން." ނަންގަހާރު ޕްރޮވިންސްގެ ކައުންސިލް މެމްބަރަކާ ހަވާލާދީ އަފްޢާނިސްތާން މީޑިއާތަކުން ރިޕޯޓުކޮށްފައިވެެއެވެ.

މިއަދު އަފްޢާނިސްތާނުގައި ދީފައިމިވާ ނިރުބަވެރި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ. މި ހަމަލާތައް ދީފައިވަނީ އަފްޢާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ބަލައިނުގަނެވޭ ދަރަޖައަކަށް ގޮސްފައިވާ ކަމަށް ދުނިޔޭގެ ޤައުމުތަކުގެ ސުލްހަ ބަލަހައްޓާ ޖަމިއްޔާ، އދ. އިން އިއްޔެ ބުނެފައިވަނިކޮށެވެ. އދ. އިން އަފްޢާނިސްތާނުގައި ހިނގާ މިފަދަ ކަންތައްތަކުގެ ތުހުމަތު ބޮޑަށް އަޅުވާފައިވަނީ އެޤައުމުގައި ޙަރަކާތްތެރިވާ، އެޤައުމުގެ ސަރުކާރާ ދެކޮޅު، ހަނގުރާމަވެރި ޖަމިއްޔާތައް ކަމަށްވާ ތާލިބާން އާއި އައިއެސް އަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޔާރާ

    ކިހާ ބޮޑު ދެރައެއް!
    މުސްލިމުންނަށް އަޅުކަމެއް ކުރެވެން ނެތް!

    23
    1
    • އުޅެވޭކަށް ނެތް

      ލާދީނީ މީހުންނާއި ހެދި ހުކުރަށް ދެވޭކަށެއް ނެތް އަފްޣާނު މުސްލިމުންނަށް. ރަސޫލާއަށްވެސް (صلي الله عليه وسلم) ފުރައްސާރަކުރަނީ.

      15
      2
      • މޮޔައެނޮނިމަސް

        އަސްލު ކޮމެންޓެއް

        1
        2