ސީރިއާގައި ހަރަކާތްތެރިވަމުންދާ ކުރުދީންގެ ހަނގުރާމަވެރިން އެގައުމުން ބޭލުމަށް އެމެރިކާއަށް އޮތީ އެންމެ 120 ގަޑި އިރު ކަމަށް ވިދާޅުވެ ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން އެމެރިކާއަށް އިންޒާރު ދެއްވައުފިއެވެ.

ރައީސް އުރުދުޣާން ވިދާޅުވީ 120 ގަޑި އިރު ތެރޭ ކުރުދީން ސީރިއާއިން ބޭރު ކުރަން އެމެރިކާ ނުކުޅެދިއްޖެ ނަމަ ސީރިއާގެ ބޯޑަރު ސަރަހައްދަށް ތުރުކީ ސިފައިން ހަމަލާ ދޭން ފަށާނެ ކަމަށެވެ.

އުރުދުޣާން މިހެން ވިދާޅުވި އިރު އެމަނިކުފާނު ވަނީ ސީރިއާގައި ދެމުންދާ ހަމަލާތައް ފަސް ދުވަސް ވަންދެން ހުއްޓާލުމަށް އެމެރިކާއާ އެކު އެއްބަސްވެފައެވެ. އެގޮތަށް އެއްބަސްވެފައިވަނީ އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް މިދިޔަ ބުދަ ދުވަހު ތުރުކީއަށް ވަޑައިގެން އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާ ބައްދަލުކުރެއްވުމަށްފަހުއެވެ.

ޕެންސް ވިދާޅުވި ގޮތުގައި، ތުރުކީން ވަނީ އެގައުމުން ސީރިއާގެ ބޯޑަރު ކައިރީ "ސޭފް ޒޯން"އެއް ހަދަން ބޭނުންވާ ސަރަހައްދުން ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓް (ވައިޕީޖީ)ގެ މެމްބަރުން ފައިބަން ފަސް ދުވަސް ދޭން ނިންމާފައެވެ.

ޕެންސް ވިދާޅުވި ގޮތުގައި 30 ކިލޯމީޓަރުގެ އެސަރަހައްދުން ކުރުދީން ފޭބުމުން، ތުރުކީން އެގައުމުގެ އަސްކަރީ އޮޕަރޭޝަން ނިންމާލާނެއެވެ. އަދި އެމެރިކާ ސަރުކާރުން މިހާރު ދަނީ ސީރިއާގެ ކުރުދީ ފައުޖުތަކާ ވާހަކަ ދައްކަމުން ކަމަށާއި، އެމީހުން ރައްކާތެރިކަމާ އެކު ބޯޑަރާ ދުރަށް ގެންދިޔުމުގައި އެމެރިކާއިން އެހީތެރިވާނެ ކަމަށް ވިދާޅުވެފައެވެ.

ތުރުކީން ސީރިއާގައި "އޮަޕަރޭޝަން ޕީސް ސްޕްރިންގް" ފެށީ އެމެރިކާގެ ފައުޖުތައް ދެގައުމުގެ ބޯޑަރު ކައިރިން ބޭލުމުންނެވެ. މީގެ ކުރިން އެމެރިކާއިން އެހީވަމުން އައި ވައިޕީޖީ އިސްކޮށް ތިބޭ ސީރިއަން ޑިމޮކްރެޓިކް ފޯސެސް (އެސްޑީއެފް) ހަރަކާތްތެރިވާ އެސަރަހައްދަށް ތުރުކީން ހަމަލާ ދޭން ފެށުމުން އެމެރިކާއިން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅިއެވެ.

ނަމަވެސް ތުރުކީން މިހާރު ހަމަލާތައް ހުއްޓާލަން އެއްބަސްވުމުން އިތުރު ފިޔަވަޅުތައް ނާޅާނެ ކަމަށާއި، އަސްކަރީ އޮޕަރޭޝަން ނިންމާލުމުން މިހާރު އަޅާފައިވާ ފިޔަވަޅުތައްވެސް އުވާލާނެ ކަމަށް ޕެންސް ވިދާޅުވިއެވެ.

ތުރުކީން ބުނާ ގޮތުގައި އެގައުމުން ސީރިއާގައި ހަދާ ސޭފް ޒޯނުގެ މަގުސަދަކީ، ތުރުކީގައި ތިބި އެތައް ހާސް ސީރިއާގެ ރެފިއުޖީން އެސަރަހައްދުގައި ވަޒަންވެރި ކުރުމެވެ.

ތުރުކީން ދެކޭ ގޮތުގައި ވައިޕީޖީއަކީ އެގައުމުގައި، ކުރުދީން ވެރިކަން ކުރާ ސަރަހައްދެއް ގާއިމު ކުރަން މަސައްކަތްކުރާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ)ގެ ބަޔެކެވެ. ތުރުކީން ވަނީ ޕީކޭކޭގެ ހަރަކާތްތައް އެގައުމުގައި މަނާކޮށް އެއީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ކަނޑައަޅާފައެވެ.

ސީރިއަން އޮބްޒަވޭޓަރީން ބުނި ގޮތުގައި ތުރުކީގެ އަސްކަރީ އޮޕަރޭޝަނުގައި ސީރިއާގެ 72 އާއްމު ރައްޔިތުން މަރުވެ، 300،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.