ސީރިއާގައި ވަރަށް ރަޙުމް ކުޑަ ހަމަލާތަކެއްގައި ހަށިގަނޑު އެއްކޮށް ފިހިފައިވާ ކުދިންގެ މަންޒަރުތަކެއް ދައްކުވައިދޭ ވީޑިއޯއަކާއި، ފޮޓޯތަކެއް ދައުރުވާން ފަށައިފިއެވެ. މިއާއެކު، ކުރުދީންނާ ދެކޮޅަށް ތުރުކީ ސިފައިން ކެމިކަލް ހަތިޔާރު ބޭނުންކުރާ ކަމުގެ ތުހުމަތުގެ އަޑުތައް ވަނީ ގަދަވެފައެވެ.

ސީރިއާގެ އިރުއިތުރު ބޯޑަރު ސިޓީއެއް ކަމަށްވާ ރަސްލް-އައިން ގެ ތަލް ތަމްރް ހޮސްޕިޓަލުން ނެގިފައިވާ އެ ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ކުދިންގެ މުޅި ހަށިގަނޑު ވަނީ އެއްކޮށް ފިހިފައެވެ. ފިހިފައި ހުރީ ވެސް ގެއްލުން ބޮޑު މާއްދާ އެކުލެވޭ ހަތިޔާރުތަކެއް ބޭނުންކޮށްގެން ކަން އެ ފޮޓޯތަކުން ސާފުކޮށް އެނގެއެވެ. ރަސްލް-އައިން އަކީ ތުރުކީ ސިފައިންގެ އޮޕަރޭޝަން ފެށުމަށް ފަހު އެންމެ ބޮޑަށް ހަމަލާތައް ބަދަލުކުރެވެމުންދާ ހިސާބެވެ.

އެއް ކުއްޖަކު ހޮސްޕިޓަލަށް ގެންދަނިކޮށް އޭނާ ހަޅޭއްލެވި އަޑު އިވިގެން ގޮސްފައިވެއެވެ، "ބައްޕާ. އަހަރެން ފިހެނީ. އެކަން ހުއްޓުވަދީ.. އަހަރެން އާދޭސް ކުރަން." އެ ކުއްޖާ ހޮސްޕިޓަލަށް ގެންދެވި، ޑޮކްޓަރުންނަށް އެ ކުއްޖާއަށް ތަދު އިހުސާސް ނުކުރެވޭ 'މޯފިން' ގެ ޑޯޒެއް ދީ، ފަރުވާ ދޭން ފެށޭ ވަރުވީ އޭނާ ވޭނުގައި 12 ގަޑިއިރު ވޭތުކުރި ފަހުންނެވެ.

ހަތިޔާރުތަކުގެ މަޢުލޫމާތު އެނގޭ މާހިރަކު، ބޭރުގެ މީޑިއާއަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ކުދިން ފިހިފައިވަނީ ވިހަގަދަ 'ވައިޓް ފޮސްފަރަސް' އެކުލެވޭ ކެމިކަލް ހަތިޔާރުގެ އަސަރުކޮށްގެން ކަން އެނގޭ ކަމަށާއި، އެ ގޭހުގެ ސަބަބުން ހަށިގަނޑުގެ އެތެރެއަށް އެ ވިހަ މާއްދާގެ އަސަރުކޮށް، ރަނގަޅު ނުކުރެވޭނެ ވަރުގެ ބޮޑު ގެއްލުމެއް ހަށިގަނޑަށް ލިބޭނެ ކަމަށެވެ.

ހަމަލާތަކުގެ ސަބަބުން ކުދިން ފިހިފައިވާ މަންޒަރުތައް ގެނެސްދީފައިވަނީ ކުރުދީންގެ މީޑިއާ އަކުންނެވެ. އަދި އެއީ އެމެރިކާގެ ނައިބު ރައީސް، މައިކް ޕެންސް މެދުވެރިވެގެން ތުރުކީ ސިފައިންނާ ކުރުދީން ހަމަލާ ބަދަލްކުރުން ވަގުތީގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެއްބަސްވުމުގެ ކުރިންނެވެ. ނަމަވެސް، އިއްޔެވެސް ރަސްލް-އައިންގައި އެއްބަސްވުމާ ޙިލާފަށް، ބަޑިޖަހާ އަޑު އިވިފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ތުރުކީގެ ސިފައިން ސީރިއާގައި ފަށާފައިވާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ސީރިއާގެ ކުށެއްނެތް، 72 އާއްމު ރައްޔިތުން މަރުވެފައިވާ ކަމަށް އެޤައުމުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ އިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޔަހުޔާބެ

  މީ ތުރުކީ ސިފައިންގެ ފަރާތުން ލިބުނު އަނިޔާތަކެއް ކަމަކަށް ގިނަބަޔަކު ނުދެކެއެވެ، ބޮޑަށް ލަފާ ކުރެވެނީ ރަޝިޔާ އާއި ސޫރިޔާގެ ސިފައިން އައިއެސް އެސް ގެ މަޤާމް ތަކަށް ދީފައިވާ ޙަމަލާތަކުން ލިބުނު ގެއްލުމަށް ކަމަށެވެ.

  26
  1
 2. މަރިއްޔާ

  އިންސާނިއްޔަތު ކމަުގެ ކަންފުޅެއްވެސް ނެތް އަނިޔާވެރި ޢަމަލެއް. އަރަބި ޤައުމުތައް ހަލާކު ކުރީ މިކިޔާ ޑިމޮކްރަސީއެއް އައިސްގެން.

  15
  1
 3. ރާއްޖެ

  ހުރިހާ އެންމެން ހަތިޔާރު ޓެސްޓްކުރާ ލެބެއްގަ ތިކަން ކުރީ ވަކި ބަޔެކޭ ބުނެވޭނީ ކިހިނަކުން؟