އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ވަކިވުން އަދިވެސް ތިން މަސް ދުވަސް ލަސްކުރަން އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ. ނަމަވެސް ޤާނޫނު ހަދާ މަޖިލީހުގެ ނިންމުން ތަންފީޒު ކުރެވޭނީ އިނގިރޭސިވިލާތުގެ ސަރުކާރުން ރަސްމީކޮށް އެނިންމުން އީޔޫ އަށް ހުށަހަޅާ އީޔޫ އިން އެނިންމުމަށް ރުހުން ދިނުމުންނެވެ.

އީޔޫ އިން ވަކިވުން ތިން މަސް ދުވަހަށް ފަސްކުރަން ޤާނޫނު ހަދާ މަޖިލީހުން ނިންމުމުން ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެނިންމުން އީޔޫ އަށް ހުނާޅުއްވާނެ ކަމަށާއި އީޔޫ އިން ވަކިވުން ލަސްކުރުމާއި ބެހޭ ގޮތުން އިތުރު މަޝްވަރާއެއް ވެސް އީޔޫ އާއި އެކު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"އީޔޫ އިން ވަކިވުމުގެ މުއްދަތު އިތުރުކުރަން އަޅުގަނޑު އީޔޫ އާއި އެކު ދެން އިތުރަށް އެއްވެސް މަޝްވަރާއެއް ނުކުރާނަން. އެމަޝްވަރާ ކުރަން ޤާނޫނަކުން އަޅުގަނޑުގެ މައްޗަށް މަޖުބޫރެއް ވެސް ނުކުރެވޭނެ." ޖޯންސަން ވިދާޅުވިއެވެ.

ޖޯންސަން ވިދާޅުވީ އީޔޫ އިން އިނގިރޭސިވިލާތް ވަކިވުން އިތުރަށް ލަސްކުރުމަކީ އިނގިރޭސިވިލާތަށާއި އީޔޫ އަށް އަދި ޑިމޮކްރަސީ އަށް ވެސް ލިބޭނެ ގެއްލުމެއް ކަމަށެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު އިނގިރޭސިވިލާތް އީޔޫ އިން ވަކިވާނެއެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވުން ތިން މަސް ދުވަހަށް ލަސްކުރަން ޤާނޫނު ހަދާ މަޖިލީހުން މިރޭ ފާސްކުރިއިރު ބޮޑުވަޒީރު ޖޯންސަން ގެންދަވަނީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުގައި އަމަލު ކުރާނެ އާއެއްބަސްވުމެއް ހޯމަ ދުވަހު ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވަން ތައްޔާރުވަމުންނެވެ.

ބޮޑުވަޒީރު ޖޯންސަން މަސައްކަތް ކުރައްވަމުން ގެންދަވަނީ އޮކްޓޯބަރ މަސް ނިމެން ވާއިރަށް އެއްބަސްވުމެއް ގާއިމު ނުކުރެވުނަސް އިނގިރޭސިވިލާތް އީޔޫ އިން ވަކިވާށެވެ. ނަމަވެސް އެއްވެސް އެއްބަސްވުމެއް ނެތި އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށް ޤާނޫނު ހަދާ މަޖިލީހުގެ ގިނަ މެންބަރުން ދެކޮޅު ހައްދަވައެވެ. އެހެންކަމުން އެމެންބަރުން ބޭނުންފުޅު ވަނީ މުއްދަތު އިތުރުކޮށްގެން ނަމަވެސް އެއްބަސްވުމެއް ގާއިމް ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެދުރުކަލޭގެ

    ބޭނުމީ ވަކިވާން، އެކަމަކު ހުރިހާ އިނާޔަތް ތަކާއެކު.

  2. މާސްޓަރ

    ޑިމޮކްރަސީގެ މަންމަ ކަމަށް ބުނާމީހުން ޤައުމުގެ ތާރީކްގައި ނެގި އެންމެ ބޮޑުވޯޓުގައި ރައްޔިތުން ނިންމި ނިންމުން ތަންފީޒު ނުކޮށް 03 އަހަރުވަންދެން ބަހަނާ ދެއކުމަށްފަހު ރައްޔިތުންގެ ނިންމުން ބަދަލުކުރަން އަނެއްކާވެސް 04 އަހރު ފަހުން ވޯތުނަގަން ތައްޔާރުވެފައި. މީ ކޮންކަހަލަ ޑިމޮކްރަސީއެއް؟

    1
    1