މުޒާހަރާގައި މަރުވާ މީހުންނާއި ޒަޚަމްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ޣައްޒާގެ ހޮސްޕިޓަލުތަކުން ކުއްލި ޙާލަތު އިއުލާންކޮށްފިއެވެ.

ހޮސްޕިޓަލުތަކުން ކުއްލި ހާލަތު އިއުލާންކޮށްފައިވާއިރު، އެތަންތަނުގައި ޒަޚަމްވާ މީހުންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށް ބޭނުންވާ މިންވަރަށް ބޭހުގެ ސަޕްލައި އާއި އެނޫންވެސް ތަކެތި ނެތްކަމަށް އެފަރާތްތަކުންވަނީ ބުނެފައެވެ. ހަމައެހެންމެ، ހޮސްޕިޓަލުތައް ފުރި ބާރުވަމުންދާކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

މާރިޗު 30 ވަނަ ދުވަހު ބިމުގެ ދުވަސް ފާހަގަކުރުމަށް ފެށި ބޮޑު މުޒާހަރާގެ ދެވަނަ ބައެއް ފާއިތުވި ހުކުރު ދުވަހުވެސް ފަށާފައިވާއިރު، އިޒްރާއިލުގެ އަޅުވެތިކަމާއި އިސްތިއުމާރީ ބާރާ ދެކޮޅަށް ޣައްޒާގެ އެތައް ހާސް ރައްޔިތުންތަކެއް ދަނީ މަގުތަކަށް ނިކުމެ މުޒާހަރާކުރަމުންނެވެ.

ފޭރިގަނެފައިވާ ފަލަސްތީނު މީހުންގެ ޙައްޤު އަނބުރައި ހޯދުމަށް ގޮވާލައި މުޒާހަރާ ކުރަމުންދާ މީހުންނާ ދެކޮޅަށް ހުޅަނގުގެ މަދަދާއެކު ހައްދުފަހަނައަޅާފައިވާ އިޒްރާއިލުން ނުބައްދަލު ބާރުގެ ބޭނުން ދަނީ ކުރަމުންނެވެ. އެގޮތުން ބައިވެރިންނާ ދެކޮޅަށް އެއްވެސް އިންޒާރެއް ނެތި ސިފައިން ދަނީ ބަޑިޖަހަމުންނެވެ.

ފާއިތުވި ހަފްތާގެ ތެރޭގައިވެސް ލާއިންސާނީ އިޒްރާއިލުން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ 32 މީހަކި ޝަހީދުވެފައިވާއިރު، އިޒްރާއިލުންވަނީ ޣައްޒާ ކޮންޓްރޯލުކުރާ ހަމާސް ޖަމާއަތަށްވެސް އިންޒާރު ދީފައެވެ.