ސީރިއާގެ ކުރުދީންގެ މެޖޯރިޓީއެއް އޮންނަ ސިޓީއެއްގެ ރައްޔިތުން، އެމެރިކާ ސިފައިން އެ ސިޓީއިން ފައިބައިގެން ދިޔަ ގަޑީގައި އެމީހުންނާ ދިމާލަށް އަލުވި އުކައިފިއެވެ.

ކުރުދީ ޓީވީ ޗެނަލަކުން އާއްމު ކުރި ވީޑިއޯއަކުން ފެންނަ ގޮތުން ސީރިއާގެ އިރުއުތުރު ސިޓީއެއް ކަމަށްވާ 'ކަމިލިޝްލީ' އިން އެމެރިކާ ސިފައިން ފައިބައިގެން ދިޔަ ގަޑީގައި އެމީހުން ދަތުރުކުރި އަސްކަރީ އުޅަނދުތަކަށް ވަނީ އެ ސިޓީގެ ރައްޔިތުން އަލުވި އުކާފައެވެ. އަލުވި އުކި ގަޑީގައި އެމީހުން އިނގިރޭސި ބަހުން، "ނޯ އެމެރިކާ" އާއި "އެމެރިކާ ލަޔަރ" ގޮވަމުން ދިޔަ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ. އެތަނުން އެކަކު ޢަރަބި ބަހުން "މީދާތަކެއް ފަދައިން އެމެރިކާ ދުއްވައިގަތީ" ކަމަށްވެސް ބުންޏެވެ.

އެނގިފައިވާ ގޮތުން މީގެ 2 ހަފްތާ ކުރިން ސީރިއާގެ އިރުއުތުރު ބޯޑަރު ސަރަޙައްދުގައި ތިބި އެމެރިކާ ސިފައިން އެތަނުން ބޭލުމަށް ޓްރަމްޕު ނިންމުމާއި ގުޅިގެން ސީރިއާގެ ކުރުދީން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ތުރުކީ އިން އެޤައުމަށް އަރައި، ކުރުދީ ހަނގުރާމަވެރި ޖަމާޢަތަކާ ކުރިމަތިލިއިރު އެމީހުންގެ ދިފާޢަށް އެމެރިކާ ސިފައިން ނެތުމުގެ ކަންބޮޑުވުން ކުރުދީންގެ ތެރޭގައި ވަރަށް ބޮޑެވެ.

ސީރިއާގެ އެހެން ސިޓީއެއް ކަމަށްވާ ތަލް-ތަމްރް ގައިވެސް ކުރުދީން ވަނީ އެމެރިކާ ސިފައިން ފައިބާތީ އެމީހުންގެ ޝުޢޫރުތައް ފާޅުކޮށްފައެވެ. "އެމެރިކާ ރައްޔިތުންނަށް ޝުކުރިއްޔާ، އެކަމަކު ޓްރަމްޕު އަހަރެމެންނަށް ބޭވަފާތެރިވެއްޖެ" އެމެރިކާ ސިފައިން އެ ސިޓީގައި ދުއްވަމުން ދިޔަ ވޭނެއްގެ ކުރިމައްޗަށް އަރައި ކުރުދީއަކު އޭނާގެ ބެނާގައި ފާޅުކޮށްފައި ހުރި ޝުޢޫރު އެމީހުންނަށް ދައްކާލިއެވެ.

ތުރުކީ ސިފައިންނާއި، ކުރުދީ ހަނގުރާމަވެރި ޖަމާޢަތް، އެސްޑީއެފްގެ ހަނގުރާމަވެރިންގެ ހަމަލާ ބަދަލްކުރުންތައް މިހާރު އޮތީ މަޝްވަރާގެ އުސޫލުގެ މަތިން ހުއްޓުމަކަށް ގެނެވިފައެވެ. އެސްޑީއެފް ހަނގުރާމަވެރިން ވަނީ އެއްބަސްވުމާ އެއްގޮތަށް އާދީއްތަ ދުވަހުގެ ވަގުތެއްގައި ބޯޑަރު ސިޓީއެއް ކަމަށްވާ ރަސްލް-އައިން އިން ފައިބައިގެން ގޮސްފައެވެ. އެއީ ތުރުކީ ސިފައިންނަށް ބޯޑަރު ސަރަޙައްދުގައި ސަލާމަތީ ޒޯނެއް ޤާއިމުކުރުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައެވެ. އެއްބަސްވުމުގެ ދަށުން 120 ކިލޯމީޓަރު ދިގުމިނުގެ، އަދި 30 ކިލޯމީޓަރުގެ ފުޅާމިނުގެ ބޯޑަރު ސަރަޙައްދުން ކުރުދީ ހަނގުރާމަވެރިން ފައިބަން އެމީހުން އޮތީ އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަގޫރޯޅި

    އެމެރިކާ ސިފައިން ތިތަނައް އަރާތިބީ ކުރުދީން ހިމާޔަތް ކުރާކައް ނޫން، ހަތިޔާރު ކޮޅެއް ޓެސްޓްކޮއްލާ އިތުރު ހަތިޔާރު ތަކެއް ބަޔަކައް ވިއްކާލުމުގެ ބޭނުމުގަ. ޢެކަން ވެއްޖެ. ދެން ކަލޭމެން ތިތަން އަންބުރާ ބޭނުމިއްޔާ ބަޔަކާ ގުޅިގެން އަނެއްކާ ހަތިޔާރު ކޮޅެއް އެމެރިކާ ނޫނީ ހުޅަގުން ނޫނީ އިޒްރޭލުން ގަނެގެން ނިކުމެ ހަންގުރާމް ކުރޭ. އެހެން ބަޔެއްގެ އަތުންގަނެ ފިއްޔާ ކަލޭމެންވާނީ ޓެރަރިސްޓުންނައް. މީ ހިންސާނީ ހައްގުގެ ދިފާއުގަ މަތިއޮމާން ކޮއްގެން އުޅޭ ގައުމުތަކުގެ ސިޔާސަތް. ހުސް ލާދީނީ ޓެރަރިސްޓުން

    19
  2. އަލުވި

    ތި އަލުވި ތައް ނޫން އެއްޗެއް އުކަން ނޭނގުނީތަ... ހެހެހެ.. ގަލެއް ނެތްތަ...

    3
    1