އިސްރާއީލްގައި މީގެ މަހެއްހާ ދުވަސް ކުރިން އޮތް އާއްމު އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގޮނޑި ކާމިޔާބު ނުކުރެވުމުން ކޯލިޝަން ސަރުކާރެއް އެކުލަވާލަން މިހާރުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އަށް ދިން މުއްދަތު ހަމަވިއިރު ވެސް ސަރުކާރެއް އެކުލަވާނުލެވި އޭނާ ފެއިލް ވެއްޖެއެވެ.

ކޯލިޝަން ހަދައިގެން ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އިސްރާއީލްގެ ރައީސް ރެއުވެން ރިވިލިއަން ފުރަތަމަ ނަތަންޔާހޫ އަށް ދިންތާ އިއްޔެ 28 ދުވަސް ހަމަވިއިރު ވެސް ސަރުކާރެއް އެކުލަވާލެވޭ ގޮތް ނުވުމުން މިހާރު ވަނީ އިންތިޚާބުގައި 33 ގޮނޑި ކާމިޔާބުކުރި ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑަރު ބެނީ ގަންޓްޒް އަށް ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ދީފައެވެ.

އަރަބި ކުދި ޕާޓީތަކުގެ ތާއިދު ބެނީ އަށް އެބައޮތެވެ. ނަމަވެސް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 61 މެންްބަރުން އޭނާ އަށް ހަމަކުރެވޭނެ ކަމެއް އަދި މުޅިން ކަށަވަރެއް ނުވެއެވެ. ސަރުކާރެއް އެކުލަވާލަން ބެނީ އަށް ވެސް 28 ދުވަސް ލިބޭނެއެވެ.

މިއަހަރު ވެސް އިސްރާއީލްގައި ދެ އާއްމު އިންތިޚާބު ބާއްވާފައި ވާއިރު އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގޮނޑި ލިބިފައެއް ނުވެއެވެ. އެހެންކަމުން އިތުރު އިންތިޚާބަކަށް ދިއުމުގެ ބަދަލުގައި ބެނީ އަށް ސަރުކާރެއް އެކުލަވާނުލެވިއްޖެނަމަ ތިން ވަނަ ކެންޑިޑޭޓާކަށް ވެސް ސަރުކާރެއް އެކުލަވާލުމުގެ ދައުވަތު ދޭނެ ކަމަށް ބެލެވެއެވެ.

ސެޕްޓެމްބަރ މަހު އޮތް އިންތިޚާބުގައި ނަތަންޔާހޫގެ ލިކޫދް ޕާޓީއަށް ލިބުނީ 32 ގޮނޑިއެވެ. ނަމަވެސް ނަތަންޔާހޫ އަށް ސަރުކާރެއް އެކުލަަވާލަން ފުރަތަމަ ފުރުސަތު ދިނީ ފަސޭހައިން ސަރުކާރެއް އެކުލަވާލެވޭނީ ތަޔަންޔާހޫ އަށް ކަމަށް އިސްރާއީލްގެ ރައީސް އަށް ގަބޫލު ކުރެވުމުންނެވެ.

ބެނީ އަށް ސަރުކާރެއް އެކުލަވާނުލެވިއްޖެނަމަ ލިކޫދް ޕާޓީ އާއި ބްލޫ އެންޑް ވައިޓް ޕާޓީ އިން ކޯލިޝަން ހަދާނެ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. އެއީ ބޮޑުވަޒީރު ކަމުގައި ނަތަންޔާހޫ ހުރި ނަމަވެސް މުހިއްމު ހުރިހާ މިނިސްޓްރީއެއް ބްލޫ އެންޑް ވައިޓް ޕާޓީއަށް ލިބޭ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޔާމިން

    އަލްހަމްދުﷲ

    38
  2. އަޙްމަދު

    އަލްހަމްދުﷲ

    30
  3. Anonymous

    އިންސާނުންގެ ތެރެއިންވާ ޝައިތާނުން.

    27
  4. އަލީ އިބްރާހިމް

    އާމީން