އިނގިރޭސިވިލާތުގެ އިސިކްސް ގައި އޮތް ކޮންޓެއިނަރ ލޮރީއެއްގެ ތެރެއިން މަރާލާފައިވާ 39 މީހެއްގެ ހަށިގަނޑު ފެނި، ބޮޑު ތަހުގީގެއް ފަށައިފިއެވެ.

އިމަޖެންސީ ފަރާތްތަކުން ވަނީ މިއަދު މެންދަމުގެ ވަގުތެއްގައި އެ ލޮރީ އޮތް 'ވޯޓާގްލޭޑް އިންޑަސްޓްރިއަލް ޕާކް' އަށް ޖަމާވެފައެވެ. އެމީހުން ގޮސް، ބެލިބެލުމުން ލޮރީގެ ފަހަތުން ވަނީ 39 މީހެއްގެ ހަށިގަނޑު ފެނިފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އޭގެ ތެރޭގައި ހިމެނެނީ 38 ބޮޑު މީހުންނާއި، ޒުވާނެއްގެ ހަށިގަނޑެވެ. ނަމަވެސް އެއީ ކޮންބައެއް ކަމާއި، ކޮން ޤައުމަކަށް ނިސްބަތްވާ ބައެއްކަން ވެސް ހޯދިފައެއް ނުވެއެވެ.

މިއަދު ލޮރީއަކުން ހޯދުނު ހޯދުމާއި އެކު، އިނގިރޭސިވިލާތުގެ ތާރީޚުގައިވެސް ހިންގޭ އެންމެ ބޮޑު އެއް ތަހުގީގު މިކަމާ ގުޅިގެން މިހާރު ފެށިގެން ކުރިއަށް އެބަގެންދެއެވެ. އިނގިރޭސި ފުލުހުން ޤަބޫލުކުރާ ގޮތުގައި އެ ލޮރީ އިނގިރޭސިވިލާތަށް އެތެރެވެފައިވަނީ ޔޫރަޕްގެ ޤައުމެއް ކަމަށްވާ ބަލްގޭރިއާ އިން، މީގެ 3 ދުވަސް ކުރިންނެވެ. އަދި އެ ލޮރީ އެތެރެވެފައިވަނީ ވޭލްސްގެ 'ހޮލީހެޑް' ބަނދަރުންނެވެ. ހޮލީހެޑް އަކީ އަޔަލެންޑުގެ ފެރީތައް އާއްމުކޮށް ދަތުރުކޮށް، މަޑުކުރާ ބަނދަރެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

މިއަދު ހޯދުނު ލޮރީގެ މައްސަލައާއި ގުޅިގެން ލޮރީ ދުއްވަން ހުރި ނޯދަން އަޔަލެންޑުގެ 25 އަހަރުގެ ރައްޔިތަކު ވަނީ މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. ލޮރީ ފެނުނު ސަރަޙައްދުގައި ވަނީ ފުލުހުންގެ ކޯޑަން ޖަހާފައެވެ. އަދި އެ މައްސަލައިގެ ތަހުގީގުގައި އެތައް ސަތޭކަ ފޮރެންސިކް ފުލުހުން ބައިވެރިވަމުން އެބަގެންދެއެވެ.

މިކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން ވިދާޅުވީ މިއަދުގެ ހާދިސާއާއި ގުޅިގެން އޭނާ އަށް ސިހުން ގެނެސްފި ކަމަށެވެ. "އަހަރެން ބަރާބަރަށް މައްސަލަ އާ ގުޅިގެން ލިބެމުންދާ ކުރިއެރުންތައް ގާތުން ބަލަމުން މިދަނީ، އިސިކްސް ފުލުހުންނާއި، ހޯމް މިނިސްޓްރީ މެދުވެރިކޮށް. އަހަރެންގެ ހުރިހާ ދުޢާއެއް މި ހާދިސާގައި ނިޔާވެފައިވާ ފަރާތްތަކަށާއި، އެމީހުންގެ އާއިލާތަކަށް،" ބޮރިސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.