ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހުގެ އަންހެން މެންބަރަކު އޭނާގެ ބަދަލުގައި ޔުނިވާސިޓީ ޓެސްޓު ހަދަން އޭނާއާ އެއްވައްތަރުގެ 8 މީހަކަށް ފައިސާދިން މައްސަލައިގައި، ޔުނިވާސިޓީއިން ވަކިކޮށްފިއެވެ.

ބަންގްލަދޭޝްގެ ވެރިކަން ކުރާ 'އަވާމީ ލީގު ޕާޓީ' ތަމްސީލް ކުރާ ތަމައްނާ ނުސްރަތުގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ އޭނާ އާ އެއްވައްތަރުމީހުންނަށް އޭނާއަށް ހެދިގެން 13 ޓެސްޓެއް ހެދުމަށް ފައިސާ ދިން މައްސަލައެކެވެ.

މިކަން ފަޅާ އަރުވާލާފައިވަނީ ބަންގްލަދޭޝްގެ ޓީވީ ޗެނަލެއް ކަމަށްވާ 'ނަގޮރިކް ޓީވީ' އިންނެވެ. އެމީހުންގެ ނޫސްވެރިއަކު ވަނީ ޔުނިވާސިޓީގެ ޓެސްޓު ހަދަމުން ދިޔަ ހޯލަށް ވަދެ، ނުސްރަތު ކަމަށް ހެދިގެން އުޅުނު އަންހެނަކާއި ދިމާކޮށްފައެވެ. އެމީހުން ވަނީ ޓެސްޓު ކުރިއަށް ދަނިކޮށް "ނުސްރަތު" އާއި އިންޓަވިއުއެއްވެސް ކޮށްފައެވެ. ޓެސްޓު ހަދަން ހުރި އަންހެން މީހާ އެންމެ ފަހުން އަނގަ އޮޅި، އޭނާއަކީ "ނުސްރަތު" ނޫންކަމަށް އެއްބަސްވާން މަޖުބޫރުވިއެވެ.

ބަންގްލަދޭޝްގެ އޯޕެން ޔުނިވާސިޓީއިން ވަކިކުރިއިރު ނުސްރަތު ދިޔައީ ބެޗެލާ އޮފް އާޓްސްގެ ޑިގްރީ ފެންވަރާ ހަމަޔަށް ކިޔަވަމުންނެވެ. އޭނާ މަޖިލީހަށް ހޮވިފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ނުސްރަތު ވަކިކުރުމާ ގުޅިގެން ޔުނިވާސިޓީގެ އޮފިޝަލަކު ވަނީ ބަންގާޅު ނޫހަކަށް ސިއްރުން މަޢުލޫމާތު ދީފައެވެ.

"އެގޮތަށް ޓެސްޓު ހަދާ ޚާއްސަ ދަރިވަރުން ޓެސްޓު ހަދާއިރު، އެމީހުންގެ ސަލާމަތަށް ގާޑުންވެސް ތިބޭ. ނުސްރަތުގެ ހާދިސާގައިވެސް އޭނާގެ ހަށިފާރަވެރިން ޓެސްޓު ހޯލުގައި ތިބޭ. އެންމެންނަށް އެނގޭ އެކަން، އެކަމަކު އެއްވެސް އެއްޗެކޭ ކިޔަން ނުކެރޭ އެކަކަށްވެސް. ސަބަބަކީ އޭނާއަކީ ވަރަށް ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ މީހަކަށް ވާތީ،" އޮފިޝަލު މަޢުލޫމާތު ދެމުން ބުންޏެވެ.

ޓެސްޓުގައި މަކަރު ހެދުމާއި، ޓެސްޓު ޕޭޕަރު ލީކުކުރުމަކީ ބަންގްލަދޭޝްގައި ވަރަށް އާއްމުކޮށް ހިނގާ ކަމެކެވެ. އެކަމާ ގުޅިގެން އެޤައުމުގެ ކަމާބެހޭ ފަރާތްތަކަށް ވަރަށް ގިނައިން ޓެސްޓުތަކުގެ ނަތީޖާތައް ކެންސަލް ކުރަންވެސް ޖެހެއެވެ.