އިރާޤުގެ ސަރުކާރާ ދެކޮޅަށް މިހާރު އެޤައުމުގައި ކުރަމުންދާ މުޒާހަރާތަކުގައި 21 މީހުން މަރުވެއްޖެއެވެ. 3 ހަފްތާއަށް މުޒާހަރާތައް ހުއްޓާލާފައި އޮތުމަށްފަހު، އަނެއްކާ ފެށިފައިވާ މި މުޒާހަރާތަކުގައި އިރާޤުގެ ސަލާމަތީ ބާރުތަކުން އާއްމުންނާ ދެކޮޅަށް ބޭނުންކުރަން ނުޖެހޭ ބާރުގެ ބޭނުން ކުރަމުންދާ މައްސަލަ ވަނީ ފެންމަތިވެފައެވެ.

ހުކުރު ދުވަހު އިރާޤުގެ ވެރިރަށް ބަޢުދާދުގައި ކުރިއަށް ދިޔަ މުޒާހަރާ ހުއްޓުވަން ފުލުހުން ވަނީ ރަބަރު އުންޑައިގެ އިތުރުން ކަރުނަ ގޭސް ގިނަ އަދަދަކަށް ބޭނުންކޮށްފައެވެ. އިރާޤުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ އިން މަޢުލޫމާތުދޭ ގޮތުގައި ބަޢުދާދުގައި ކުރިއަށްދިޔަ މުޒާހަރާތަކުން އެކަނިވެސް މިހާތަނަށް 8 މީހަކު ވަނީ މަރުވެފައެވެ.

މުޒާހަރާގައި ބައިވެރިންނާ ދިމާލަށް އަސްލު ވަޒަންވެސް ބޭނުންކޮށްފައިވާ ކަން މިހާރު ވަނީ ސަރުކާރުން އެކުލަވާލި މިނިވަން ކޮމިޝަނެއްގެ ރިޕޯޓަކުން ހާމަވެފައެވެ. އެގޮތުން މި މަހުގެ ކުރީކޮޅު ބޭއްވި މުޒާހަރާތަކުގައިވެސް ގިނަ ބަޔަކު މަރުވެފައިވަނީ އެމީހުންގެ ބޮލަށާއި، މެޔަށް ވަޒަން އަރައިގެން ކަން ވަނީ އެނގިފައެވެ.

ވެރިރަށުގެ އިތުރުން، އެޤައުމުގެ އެހެން ހިސާބުތަކުގައިވެސް ވަނީ މި މުޒާހަރާ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އިރާޤުގެ ދެކުނުގެ ޕްރޮވިންސްތަކުގައި ވަނީ މިހާތަނަށް މި މުޒާހަރާތަކުގެ ތެރެއިން 13 މީހަކު މަރުވެފައެވެ. މުޒާހަރާތަކުގައި މިހާތަނަށް 1700 އަށްވުރެ ގިނަ ބައިވެރިން ވަނީ ޒަޚަމްވެފައެވެ. އިރާޤުގެ ސަރުކާރުން މި އަދަދުތަކާ މެދު އެއްބަހެއް ނުވެއެވެ. އެޤައުމުގެ އިންޓީރިއާ މިނިސްޓްރީ އިން ބުނާގޮތުން މުޒާހަރާތަކުގައި މަރުވެފައިވަނީ އެންމެ 4 މީހުންނެވެ.

އިރާޤުގައި މުޒާހަރާ ކުރާ ފަރާތްތަކުން ގޮވަމުންދަނީ އެޤައުމުގެ ސިޔާސީ ނިޒާމުގައި ހުރި ގޯސްތައް ރަނގަޅުކުރުމަށާއި، ސަރުކާރު ތެރޭގައި ހިނގާ ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުމަކަށް ގެނައުމަށެވެ. އެޤައުމުގައި ވަޒީފާތައް މަދުވެ، އާއްމު ޙިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން ރައްޔިތުން ތިބީ ބޮޑު ރުޅިވެރިކަމެއްގެ ތެރޭގައެވެ. "ހުރިހާ ސިޔާސީ ބޮޑުން އެބަޖެހޭ ފައިބަން. މިހާރު މިއޮތް ނިޒާމަކުން އަހަރެމެންނަށް އެއްވެސް ފައިދާއެއް ނެތް." ބަޢްދާދުގެ ތަހްރީރް މައިދާނުގައި ކުރިއަށްދިޔަ މުޒާހަރާގައި ބައިވެރިވި 20 އަހަރުގެ ޒުވާނަކު އޭނާގެ ޝުޢޫރުތައް ފާޅުކުރިއެވެ.

އިރާޤުގެ ބޮޑުވަޒީރު، އަބްދުލް މަހްދީ ވަނީ މި ދަނޑިވަޅުގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ ކެބިނެޓަށް ބަދަލްތައް ގެނައުމުގެ އިތުރުން، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވާލަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. "މި ދަނޑިވަޅުގައި އަހަރެމެން ސަރުކާރުން އިސްތިޢުފާ ދީގެން މިކަމެއް ހައްލެއް ނުކުރެވޭނެ. އޭރުން ޤައުމު ވެއްޓޭނީ ބޮޑު އަނދަވަޅަކަށް." މަހްދީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނި

    ޞައްދާމް ޙުސައިންގެ '' އަނިޔާވެރި '' ވެރިކަން ހުޅަނގުގެ މަދަދާއިއެކު ވައްޓާލާފަ ހުޅަނގުގެ '' ޑިމޮކްރަސީ '' ގެނުވީ ހަމަ ތި ޢިރާޤީ ބުރާތިން !

    3
    1