އިނގިރޭސިވިލާތުގައި ލޮރީއެއްގެ ތެރެއިން މަރުވެފައިވާ 39 މީހެއްގެ ހަށިގަނޑު ފެނުނު މައްސަލައިގައި އެ ލޮރީ ދުއްވި ޑްރައިވަރުގެ މައްޗަށް މިއަދު ދައުވާ އުފުލައިފިއެވެ.

ދައުވާ އުފުލާފައި ވަނީ ނޮދަން އައިލެންޑްގެ އުމުރުން 25 އަހަރުގެ މައުރިސް ރޮބިންސަންގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ގަސްދަކާއި ނުލައި 39 މީހުން މަރާލުމުގެ ދައުވާ އެވެ. އިނގިރޭސިވިލާތުގެ މީޑިއާތަކުން ޕްރޮސެކިއުޓަރުންނާއި ހަވާލާދީ ބުނެފައި ވަނީ ރޮބިންސަންގެ މައްޗަށް އަދި އިތުރު ދައުވާތަކެއް ވެސް ކުރަން ނިންމާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ދެން އުފުލާނެ ދައުވާތަކުގެ ތެރޭގައި އިތުރު ބަޔަކާއި ބައިވެރިވެގެން އިންސާނީ ވަގުފާރި ކުރުމާއި އިންސާނީ ވަގުފާރި ކުރުމުގައި އެހެން މީހުންނާއި ބައިވެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާ ވެސް ހިމެނެއެވެ.

39 މީހުންގެ މަރާއި ގުޅިގެން ރޮބިންސަންގެ އިތުރުން އިތުރު ތިން މީހަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ. ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ދެ ފިރިހެނުންނާއި އަންހެނެކެވެ. އެމީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ އިންސާނީ ވަގުފާރި ކުރުމުގައި ބައިވެރިވުމުގެ ތުހުމަތު ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެމީހުންނާއި މިމައްސަލަ އާއި ހުރި ގުޅުން ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ލޮރީގެ ތެރެއިން ފެނުނު އެންމެންނަކީ ޗައިނާ މީހުން ކަމަށް ކުރިން ބެލެވުނު ނަމަވެސް މިހާރު ލިބޭ ރިޕޯޓްތައް ބުނާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ވިއެޓްނާމްގެ ބައެއް މީހުން ވެސް ހިމެނެއެވެ.

ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން މިހާރު ކުރަމުން ގެންދަނީ މަރުވެފައިވާ މީހުންގެ ހަށިތައް ދެނެގަނެ، އެމީހުންގެ ވަނަވަރު ކަށަވަރު ކުރުމުގެ މަސައްކަތެވެ. މިހާތަނަށް އަށް މީހެއްގެ ޕޯސްޓްމޯޓަމް ވެސް ވަނީ ހަދާފައެވެ. ފުލުހުން ބުނާ ގޮތުގައި މިހަފްތާ ނިމުމުގެ ކުރިން ހުރިހާ އެންމެންގެ ޕޯސްޓްމޯޓަމް ހެދޭނެ ކަމަށް ބެލެވެއެވެ.

އިނގިރޭސިވިލާތުގެ ފުލުހުން ވަނީ މިހާދިސާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ހުރިނަމަ އެމައުލޫމާތެއް ފުލުހުންނާއި ހިއްސާ ކުރުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޯކިބާ

    ދެން ތީގަ ބަލަންވީ އިނގިރޭސިވިލާތުގެ ސްކޫލުތަކުގައި ކިޔަވައިދޭ ފޮތްފޮތުގައި ހުންނަނީ ކޯނޗެއްތޯ. ތަފާސްހިސާބަށްބަލާއިރު ދުވާލަކު އެތައްބަޔަކު އެބަމަރާ އިނގިރޭސިން އެކަކު އަނެކަކަށް. މިތާގަ ބޮޑުވަރެއްވެގެން ފޮތިފިހާރަ ހިންގަނީ.

    1
    1