ލުބުނާނުގައި އެޤައުމުގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން މުޒާހަރާތައް ކުރަމުންދާތާ 10 ދުވަސްވެފައިވާއިރު، މުޒާހަރާގެ ބައިވެރިންނާއި، އާއްމުންނާ ދެމެދުގައި ހިނގި ކުރިމަތިލުމެއް ކޮންޓްރޯލް ކުރަން ސިފައިން ބަޑި ޖަހައިފިއެވެ.

ލުބުނާނުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން ސިފައިން ބާރުގެ ބޭނުންކޮށްފައިވަނީ އާއްމުންގެ ބަޔަކު ބަންދުކޮށްފައިވާ މަގަކުން ދަތުރުކުރަން މަސައްކަތް ކުރުމުން މުޒާހަރާގެ ބައިވެރިންނާއި ސިފައިންނާއި ދެމެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގުމާއި ގުޅިގެންނެވެ. އެގޮތުން އާއްމުންގެ މީހުންނާ ދިމާލަށް މުޒާހަރާގެ ބައިވެރިން ގަލާއި، ބަޑިބޭހުގެ ހަމަލާތައް ދިނުމުން އެ ހަމަނުޖެހުން މައިތިރިކުރުމުގެ ގޮތުން ސިފައިންނަން ބާރުގެ ބޭނުންކުރަން ޖެހުނު ކަމަށް ސިފައިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ލުބުނާނުގެ އަވަށެއް ކަމަށްވާ ބެޑާވީ ގައި ހިނގި މި ހަމަނުޖެހުންތައް އެތައް ގަޑިއިރަކަށް ދިގުދެމިގެންދިޔައިރު، ސިފައިން ވަނީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން "ޖައްވަށް، ވައިގެ ތެރެއަށް އުންޑަ އަރާގޮތަށް މަޖުބޫރު ވެގެން ބަޑި ޖަހާފައި" ކަމަށް ސިފައިން ބުންޏެވެ. އޭގެ އިތުރުން މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް އެޤައުމުގެ ސިފައިން ގިނަ އަދަދަކަށް ރަބަރު އުންޑައާއި، ކަރުނަ ގޭހުގެ ބޭނުންވެސް ކޮށްފައިވާ ކަން ބޭރުގެ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

ހަތިޔާރު ބޭނުން ކުރުމުން މީހަކު މަރުވެފައިވާކަން ސިފައިން އަދި ކަށަވަރު ކޮށެއް ނުދެއެވެ.

މުޒާހަރާތަކާއި ގުޅިގެން، ލުބުނާނުގެ ބައެއް ހިސާބުތަކުގައި ބޮޑެތި މަގުތަކެއް ވަނީ ބަންދުކުރަން ޖެހިފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަޚަމްވެފައެވެ. ސިފައިން ތިބި ހިސާބާއި 100 ވަރަކަށް މީޓަރު ދުރުގައި ތިބި މުޒާހަރާގެ ބައިވެރިންގެ ތެރެއިން، ސިފައިންގެ ބަޑީގެ ހަމަލާގައިވެސް ބައިވެރިއަކު ޒަޚަމްވެ، އޭނާ ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.

ލުބުނާނުގެ މުޒާހަރާތައް ފަށާފައިވަނީ އެޤައުމުގެ މަތިވެފައިވާ ޓެކްސްގެ މައްސަލައިގައެވެ. އެ މައްސަލައިގައި މުޒާހަރާތައް ފެށި މީހުން މިހާރު ގޮވަމުންދަނީ އެޤައުމުގެ ގިނަ އަހަރުތަކެއްވެފައިވާ ކޮރަޕްޝަނުގެ ވަބާއާއި ގުޅިގެން ސަރުކާރާއި، ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވަމުންދާ ފަރާތްތައް އިސްތިޢުފާ ދިނުމަށެވެ. ލުބުނާނުގެ ބޮޑުވަޒީރު ވަނީ މިކަމާ ގުޅިގެން އޭނާ އިސްލާހު ކުރަން އުޅުނު ޓެކްސް ނިޒާމްގެ މަސައްކަތް ހުއްޓާފައެވެ. ނަމަވެސް އެޤައުމުގެ މަދުން އާމްދަނީ ލިބޭ އާއިލާތަކަށް އެހީތެރިވެދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވަނީ ރައްޔިތުންނަށް ވަޢުދުވެފައެވެ.