ބޫޓާންކީ އޭޝިޔާ ބައްރުގައި އެގައުމަކާއި ބެހޭގޮތުން އެހާ ގިނަ މައުލޫމާތެއް ގިނަ ބަޔަކަށް ނޭނގޭ ގައުމެކެވެ. އެގޮތުން ބޫޓާނަށް ބަލާލާއިރު އެ ގައުމަކީ ޝައުގުވެރި އެތައް ކަމަކުން ފުރިފައިވާ ގައުމެކެވެ. ބޫޓާނުގެ ނަމަކީ ތަރުޖަމާކުރުމުން 'ދަ ލޭންޑް އޮފް ދަ ތަންޑާރ ޑްރޭގަން' އެވެ. އަދި އެ ގައުމަކީ ދުނިޔޭގައި ކަނޑަށް ވާސިލުވެވޭނޭ އެއްވެސް ގޮތެއް ނޯންނަ 43 ގައުމުގެ ތެރެއިން އެއް ގައުމެވެ. އެގައުމަކީ އެގައުމުގެ ރައްޔިތުންގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންވެސް މަދުކުރުމަށް ވަރަށް މަސައްކަތްކުރާ ގައުމެކެވެ.

ބޫޓާންގެ ވެރިރަށް ތިމްޕޫއަކީ މުޅި އޭޝިޔާ ބައްރުގައިވެސް ޓްރެފިކް ލައިޓް ނުހުންނަ ދެ ވެރިރަށުގެ ތެރެއިން އެއް ރަށެވެ. އަނެއް ރަށަކީ އުތުރު ކޮރެއާގެ ވެރިރަށް ޕްޔޮންގްޔޭންގްއެވެ. ބޫޓާންގެ ރައްޔިތުންގެ އާންމު އުމުރަކީ 22 އަހަރުކަން އެއީ ފާހަގަކޮށްލެވޭ އެހެން މައުލޫމާތެކެވެ. ބޫޓާންއަކީ އެގައުމުގެ ރައްޔިތުންގެ ސިއްހަތަށް ގެއްލުންވާ މާއްދާތައްވެސް މަނާކުރާ ގައުމެކެވެ. އެގޮތުން ބޫޓާންގައި ދުންފަތަކީ ވިއްކުން މަނާ އެއްޗެކެވެ. އަދި ދުންފަތް ވިއްކުމުގެ ކުށުގައި ހައްޔަރުކުރެވި ކުށް ސާބިތުވާ މީހުންގެ މައްޗަށް ހަރުކަށި އަދަބުތަކެއްވެސް ދެވެއެވެ.

ބޫޓާންގެ އަދަބުވެރިކަމާއި އަހުލާގީ މިންގަނޑުގެ ތެރެއިން ކާނެ އެއްޗެއް މީހަކު ދިއްކޮށްފިނަމަ އަބަދުވެސް އެޔަށް ނޫނެކޭ ބުނުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. ބޫޓާންގައި ހިމާޔަތްކުރެވިފައިވާ ޖަނަވާރެއްކަމުގައިވާ ބްލެކް ނެކްޑް ކްރޭން ނަމަކަށްކިޔާ ދޫނީގެ ބާވަތެއް މަރައިފިނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމަކީވެސް އެކަށީގެންވާކަމެކެވެ. ތަރައްގީގެ ގޮތުން ބޫޓާންއިން އެހާ ބޮޑު ކުރިއެރުމެއް އައިސްފައިނުވާކަމުގެ އެއް ހެއްކަކީ އެގައުމަކީ އެގައުމުގެ ރައްޔިތުންނަށް ޓީވީގެ ހިދުމަތް ދޭން ފެށި ގައުމުތަކުގެ ތެރެއިން އެ ހިދުމަތް ދިން އެންމެ ފަހު އެއް ގައުމުކަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަނު

    މާލޭގަ ވެސް ނުހުރޭ ޓްރެފިކް ލައިޓެއް