ހަނގުރާމައިގެ ފުން އަނދަވަޅަކަށް ވެއްޓިފައި އޮތް ސީރިއާގައި "ހަނގުރާމަ ކުރަން" އުޅުމަށްފަހު އެނބުރި އިނގިރޭސިވިލާތަށް އައި 400 އަށްވުރެ ގިނަ މީހުންގެ ތެރެއިން ހަނގުރާމައިގައި އުޅުނު ކަމަށް ސާބިތުވީ އެންމެ 14 މީހަކު ކަމަށް އެޤައުމުގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އިނގިރޭސިވިލާތުގެ 'ކްރައުން ޕްރޮސެކިއުޝަން ސާވިސް'، ސީޕީއެސްގެ ރިކޯޑުތައް ދައްކާ ގޮތުން އިރާޤާއި ސީރިއާގެ ހަނގުރާމަވެރި ޖަމާޢަތްތަކާ ގުޅިގެން އެޤައުމުތަކުގައި ހަނގުރާމަ ކުރުމުގައި ބައިވެރިވިކަމުގެ ކުށުގައި 14 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެޤައުމަށް އެނބުރި އައި މީހުންގެ ތެރެއިން ޓެރަރިޒަމާ ގުޅުންހުރި ކުށްތަކަށް އަރާފައިވާ ކަމުގެ ތުހުމަތުގައި އެޤައުމުން މިހާތަނަށް 40 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް މީގެ ތެރެއިން ގިނަ މީހުން ހައްޔަރުކޮށްފައިވަނީ އެނބުރި އައުމަށްފަހު އެޤައުމުގައި ހިންގާފައިވާ ކުށްތަކާ ގުޅިގެންނެވެ.

މި އަދަދުތަކަކީ ޙައިރާންކުރަނިވި ވަރަކަށް މަދު އަދަދުތަކެއް ކަމަށް އެޤައުމުގެ މީހުން ދެކެއެވެ. ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޤައުމުތަކުގައި ހަނގުރާމައިގައި ބައިވެރިވިކަން ސާބިތުކުރުމަށް ޤާނޫނީ ގޮތުން އެމީސްމީހުންނާ ދެކޮޅަށް ހެކި ހޯދުން ވެފައިވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. އެކަމުގެ ސަބަބުން އެނބުރި އައި މީހުންގެ ތެރެއިން ގިނަ މީހުންގެ މައްޗަށް ދެން ދަޢުވާއެއްވެސް ކުރެވޭނީ އެމީހުން އިނގިރޭސި ފަސްގަނޑުގައި ޓެރަރިޒަމްގެ އިތުރު ކުށެއް ކޮށްފި ނަމައެވެ.

މިކަމާ ގުޅިގެން އެމެރިކާގެ އެންޓި-ޓެރަރިޒަމްގެ ކޮންސަލްޓެންޓެއް ކަމަށްވާ ޕަންޓޫޗީ ބުނެފައިވަނީ މިއީ އިނގިރޭސި ސަރުކާރަށްވެސް ލިބިގެންދާ ލަދުވެތިކަމެއް ކަމަށެވެ. "400 އަށްވުރެ ގިނަ ހަނގުރާމަވެރިން އެނބުރި ޤައުމަށް އައިސްފައިވާ ވާހަކަ ބުނުމަށްފަހު، ދެން އެމީހުންނަށް ވީ ގޮތެއް ބުނެނުދެވެންޏާ، ރައްޔިތުން ސުވާލު ކުރާނެ. އެއަށް ދޭނެ މާ ބޮޑު ޖަވާބެއް އޮތް ކަމަކަށް ނުފެނޭ." ޕަންޓޫޗީ ބުންޏެވެ.