އިސްރާއީލަށް އަމާޒުކޮށް ހަމަލާދޭނަމަ ފަލަސްތީނު ރައްޔިތުންނަށް އަނިޔާކުރާނޭ ކަމަށް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫ މިހެން ބުނީ އިސްރާއީލުގެ ދެކުނުގެ އަވަށެއް ކަމަށްވާ ސްޑެރޮޓްއަށް ޒިޔާރަތް ކުރުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

ނަތަންޔާހޫ ބުނެފައިވަނީ، އެއްވެސް ބަޔަކު އިސްރާއީލު މީހުންނަށް އަނިޔާކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، އިސްރާއީލުން އެބަޔަކަށް އަނިޔާކުރާނޭ ކަމަށެވެ.

"ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި އަހަރެމެންނަށް ގެއްލުންދީ އަނިޔާކުރަން އެމީހުންނަށް ފުރުސަތެއް ނުދޭނަން. އަހަރެމެން އެމީހުންނަށް އަނިޔާކުރާނަން" ނަތަންޔަހޫ ބުނެފައި ވެއެވެ.

ފަލަސްތީނުގެ މިނިވަން ކަމައްޓަކައި އެގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާގައި އިސްރާއީލުގެ އަނިޔާވެރި ސިފައިން ޝަހީދު ކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 31 އަރައިފައިވާއިރު ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނާ ގޮތުގައި މުޒާހަރާގައި ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 2,850 އަށް އަރާފައެވެ. އަދި 79 މީހަކު ވަނީ ސީރިއަސް ހާލަތުގައި އެވެ.

މުޒާހަރާ ރޫޅާލުމަށް ބަޑި ޖެހުމުގެ އިތުރުން މުޒާހަރާ ރޫޅާލަން އިސްރާއީލް ސިފައިން ވަނީ ގިނަ އަދަދަކަށް ކަރުނަގޭސް ވެސް ޖަހާފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުންދަނީ، މި މުޒާހަރާއަކީ ފެންސު ފަޅާލާފައި އިސްރާއީލުގެ ތެރެއަށް ހަނގުރާމަވެރިން ވަނުމަށް ނުވަތަ އިސްރާއީލަށް ހަމަލާތައް ދިނުމަށް ފަރުދާއަކަށް ކުރަމުންދާ ކަމެއް ކަމަށެވެ.

ފަލަސްތީނު ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ އަމިއްލަ ގެދޮރުން ނެރެ ރެފިއުޖީންނަށް ހަދާފައިވާ ފަލަސްތީން ރައްޔިތުންނަށް އެނބުރި އަމިއްލަ ވަޒަނަށް ދެވޭނެ ގޮތް ހަދައިދިނުމަށް ގޮވާލައެވެ. އެތައް ހާސް ބަޔަކު ބައިވެރިވި މުޒާހަރާ ކުރިއަށް ގެންދިޔައީ ޣައްޒާ ގައެވެ.

މުޒާހަރާ ރޫޅާލަން އިސްރާއީލް ސިފައިން ބަޑި ޖަހާފައި ވަނީ އެއްވެސް އިންޒާރެއް ދިނުމެއް ނެތި ސީދާ މީހުންގެ ބޮލަށް ނުވަތަ މެއަށް ވަޒަން އަރާގޮތައް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލް ސިފައިންގެ އަނިޔާވެރި އަމަލުތައް ހައްދުފަނައަޅާފައި ވާއިރު އދ.ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް ގެ ތަރުޖަމާން ލިޒް ތްރޯސެލް ވިދާޅުވެފައި ވަނީ ފަލަސްތީންގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރުމަށް އިސްރާއީލަށް ގޮވާލާ ކަމަށެވެ.

މީގެ ދެ ހަފްތާ ކުރިން ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން "ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ފެށި މުޒާހަރާތަކަކީ 1948 ވަނަ އަހަރު އިސްރާއީލު އުފެދުމުން، އެބިން ދޫކޮށް ދާން ޖެހުނު ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ކާބަފައިންގެ ބިމަށް ރުޖޫއަވުމުގެ ހައްގު އޮތް ކަމަށް ބުނެ ކުރާ މުޒަހަރާތަކެކެވެ.

ނަމަވެސް އިސްރާއީލުން ބުނާ ގޮތުގައި އެއީ ގާޒާގެ ވެރިކަން ކުރާ ހަމާސްއިން އިސްރާއީލަށް ހަމަލާ ދިނުމަށްޓަކައި ކުރިއަށްގެންދާ މުޒާހަރާތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަރާ

    އޭނާއަށް ބޮޑު ކޯފާއެއް ލައްވާފާދޭވެ

  2. މީ

    ކަލޭމެންނަށް މިއަދު މުސްލިމުންނަށް އަނިޔާ ކުރެވިދާނެ.އެކަމަކު މާދަމާ (ޤިޔާމަތްދުވަސް )އެއީ ކަލޭމެންނަށް އަނިޔާ ލިބޭނެ ދުވަހެއް.އެދުވަހުގެ އަނިޔާއަށް ކެއްނުކުރެވޭނެކަން ޔަޤީން.އެކަމަކު ކަލޭމެން މިއަދު މުސްލިމުންނަށް ކޮންމެ އަނިޔާއެއް ދިނަސް އެމީހުން ކެއްތެރިވާނެ.

    • ޔަހޫދީންނަށް ޙައްޤު ޖަޒާ ލިބޭނެ

      ޔަހޫދީންނަށް ޙައްޤު ޖަޒާ ލިބޭނެ، ގިޔާމަތް ދުވަހު އެއްވެސް ބަޔަކަށް އަނިޔާ އެއް ނުލިބޭނެ، އެކަމު އަނިޔާ ވެރިންނަށް، ﷲ ސުބްޙާނަހޫ ވަތަޢާލާ ޙައްޤު ޖަޒާ ދެއްވާނެ.