އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ވަކިވުން ތިން މަސް ދުވަހަށް ލަސްކުރަން އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރުމުން އީޔޫ އިން ވެސް އެކަމަށް ރުހުން ދީފިއެވެ. އެހެންކަމުން އިނގިރޭސިވިލާތް އީޔޫ އިން ވަކިވާނީ އަންނަ އަހަރުގެ ޖަނަވަރީ 31 ގައެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުގެ ކަންކަން މިމަހުގެ 31 ވަނަ ދުވަހު ފަށަން ކުރިން އޮތީ އެއްބަސްވެފައެވެ. ނަމަވެސް މިމަސް ނިމެން ވާއިރަށް އިނގިރޭސިވިލާތާއި އީޔޫ އަށް ގިނަ ކަންކަމުގައި އެއްބަސްވުމަކަށް ނާދެވުމުން އަނެއްކާ ވެސް މިވަނީ މުއްދަތު އިތުރު ކޮށްފައެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވުން އަންނަ އަހަރުގެ ޖަނަވަރީ އަށް ލަސްކުރަން އީޔޫގެ 27 ގައުމުގެ ވެރިން އެއްބަސްވެފައިވާކަން ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކް އިއުލާން ކުރެއްވީ ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ. ނަމަވެސް އެނިންމުންމަށް ރަސްމީ ސިފައެއް އަދި އަންނާނީ ލިޔުމުން އެކަން އިނގިރޭސިވިލާތައް އެންގުމުންނެވެ. ލިޔުމުން އީޔޫގެ ނިންމުން މިއަދުގެ ވަގުތެއްގައި އިނގިރޭސިވިލާތައް އަންގާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވުން ލަސްކުރަން އީޔޫ އިން ނިންމުމުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް ރޭ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް އަވަސް އިންތިޚާބެއް ބާއްވަން ފާސްވެފައެއް ނުވެއެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމާއި މެދު ރައްޔިތުންނަށް ފެންނަ ނުފެންނަ ގޮތެއް ބަލަން ނެގި ވޯޓަށް ފަހު ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން އަންނަނީ ޖޯންސަން އެވެ. ކުރިން ނިންމާފައި އޮތް ތާރީޚްގައި އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށް އޭނާ ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. ނަމަވެސް އޭނާގެ ހުށަހެޅުއްވުންތަކަށް ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ނުލިބުމުން ޖޯންސަން ބޭނުންވި ގޮތައް ކަންތައްތަކެއް ނުކުރެވުނެވެ.