ޕާކިސްތާނުގައި ޑޮކްޓަރެއްގެ އިހުމާލުން 900 އަށްވުރެ ގިނަ ކުޑަކުދިން އެޗްއައިވީ ވައިރަސް އަށް ޕޮޒިޓިވް ވެއްޖެއެވެ. އެޗްއައިވީ ވައިރަސް އަކީ އޭގެ ފަހު މަރުޙަލާތަކުގައި އެއިޑްސް ބައްޔަށް ބަދަލުވެ، ދުނިޔޭގައި މިހާތަނަށް ދާއިމީ އެއްވެސް ސިއްޙީ ފަރުވާއެއް ހޯދިފައިނުވާ ބައްޔެކެވެ.

މިކަމެއް ހިނގައިގެން، ޕާކިސްތާނުގެ ކުޑަ، ފަޤީރު އަވަށެއްގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ސިއްޙީ ހާލަތު ދަށަށްދާން ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ރަޓޮޑެރޯ އަވަށުގައި ހިނގާފައިވާ މި އިހުމާލުގައި، މުޒައްފަރު ގަންގްރޯ ނަމަކަށް ކިޔާ ޑޮކްޓަރަކު ވަނީ ތަކުރާރުކޮށް ބޭނުންކޮށްފައި ހުރި ސިރިންޖު ބަލިމީހުންނަށް ފަރުވާދޭން ބޭނުންކޮށްފައެވެ.

އެކަމުގެ ތެރޭގައި 900 ކުޑަކުދިންނަށް އެޗްއައިވީ ޖެހުނުއިރު، ޖުމްލަ އެ އަވަށުން މިހާތަނަށް 1100 އަށްވުރެ ގިނަ މީހުންނަށް ވަނީ އެ ބަލި ޖެހިފައެވެ. މުޒައްފަރުގެ މައްޗަށް ވަނީ އިހުމާލުގެ ދަޢުވާ އަކާއި، ޤަސްދުގައި މީހުން މެރުމުގެ ދަޢުވާގެ އިތުރުން، ނޭނގި މީހުންނަށް ގެއްލުން ދިނުމުގެ ދަޢުވާތައް އެޤައުމުގެ ޝަރުޢީ ކޯޓެއްގައި އުފުލާފައެވެ.

އެ މައްސަލައިގައި، މިހާތަނަށް އިހުމާލުވެފައިވާ ކަމަށް ދަޢުވާ ކުރެވިފައިވަނީ ހަމައެކަނި މުޒައްފަރުގެ މައްޗަށެވެ. ނަމަވެސް، މިއީ ހަމައެކަނި އެއް ޑޮކްޓަރަކުގެ ސަބަބުން ދިމާވެދާނެ ކަމެއް ކަމަށް އެ އަވަށުގެ މީހުންވެސް ޤަބޫލެއް ނުކުރެއެވެ. ސަބަބަކަށް ވަނީ އެހެން ޑޮކްޓަރުންވެސް ބޭނުންކޮށްފައި ހުންނަ ސިރިންޖު، ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންކޮށްފައިވާ ކަމަށް އެ އަވަށުގެ މީހުން ބުނާތީއެވެ.

ރަޓޮޑެރޯ އަވަށުގައި ސަރުކާރުގެ ހޮސްޕިޓަލެއްގައި، އާއްމު ބަލިތަކާބެހޭ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މުޒައްފަރު، ބަލިމީހުންގެ އަތުން ފީއެއްގެ ގޮތުގައި ނަގާފައިވަނީ ގާތްގަނޑަކަށް 3 ރުފިޔާގެ ފީއެކެވެ. އެ އަވަށުގެ ގިނަ ބަޔަކު ހުން އައިސް، ބަލި ރަނގަޅު ނުކުރެވި ހާލަތު ދަށަށް ދާން ފަށައި، ސިއްޙީ ޓެސްޓުތައް ހެދުމުން، ގިނަ އަދަދެއްގެ ބަޔަކު އެޗްއައިވީ އަށް ޕޮޒިޓިވް ވެގެން ދިޔައެވެ. އެ ބަލީގައި މިހާތަނަށް ބައެއް ކުޑަކުދިން ނިޔާވެސް ވެފައިވެއެެވެ.

އާބާދީގައި ގާތްގަނޑަކަށް 2 ލައްކަ މީހުން އުޅޭ އެ އަވަށުގައި އެޗްއައިވީ ޖެހިފައިވާ މީހުންގެ އަދަދު އިތުރުވުމަކީ ވަރަށް ބޮޑަށް ޔަޤީންކުރެވޭ ކަމެއް ކަމަށް ސިއްޙީ އޮފިޝަލުން ލަފާކޮށްފައިވެއެވެ. ސަބަބަކަށް ވަނީ، ސިއްޙީ މި ބޮޑު އިހުމާލާ ގުޅިގެން މިހާތަނަށް އެ ބައްޔަށް ސްކްރީން ކުރެވިފައިވަނީ އާބާދީގެ 4 ބައި ކުޅަ އެއްބަޔަށް ވުރެވެސް މަދު މީހުންނަށް ވުމުންނެވެ.

އެ އަވަށުގެ ބައެއް ބެލެނިވެރިން ބުނާގޮތުން ކުދިން ގަޔަށް އިންޖެކްޝަން ޖެހުމަށް، މުޒައްފަރު ޑަސްބިނުން ބޭނުންކޮށްފައި ހުރި ސިރިންޖުތައް ނެގިތަން ފެނުނު ކަމަށާއި، އޭނާއާ އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން، އެގޮތަށް އޭނާ ހަދަނީ ބެލެނިވެރިން ފަޤީރު ވީމަ، އެމީހުންގެ އަތުން އިތުރަށް ފައިސާ ނަގަން އޭނާ ބޭނުންނުވާތީ ކަމަށް މުޒައްފަރު އެމީހުން ގާތު ބުނެފައިވާ ކަމަށެވެ.

މުޒައްފަރު، އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ތަކުރާރުކޮށް ދޮގު ކުރެއެވެ. އޭނާ ބުނީ އޭނާއަކީ މައުސޫމް މީހެއް ކަމަށާއި، ދުވަހަކުވެސް ބޭނުންކޮށްފައި ހުރި ސިރިންޖު، ބަލިމީހުންނަށް ސިއްޙީ ފަރުވާ ދިނުމުގައި އޭނާ ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.