އިނގިރޭސިވިލާތުގައި އަވަސް އިންތިހާބެއް ބާއްވަން އެ ޤައުމުގެ ގާނޫނު ހަދާ މަޖިލީހުން ނިންމައިފިއެވެ.

އަވަސް އިންތިހާބެއް ބާއްވަން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅީ އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އެވެ.

އޭނާ އިންތިިހާބެއް ބާއްވަން ހުށަހެޅީ އިނގިރޭސިވިލާތް ޔޫރޮޕިއަން ޔޫނިއަން އިން ވަކިވުމަށް އެ ގައުމުގެ ރައްޔިތުން ނިންމާފައިވާ ނިންމުމަށް އަމަލު ކުރަން ގާނޫނު ހަދާ މަޖިލީހުން ތަކުރާރުކޮށް ދެކޮޅު ހަދަމުން ގެންދާތީއެވެ.

ޔޫރޮޕިއަން ޔޫނިއަން އިން އެ ގައުމު ދެވަނަ ފަހަރަށް ވަކިވާން ދިން މުއްދަތު މިި މަހު 31ށް ހަމަވާއިރު ގާނޫނު ހަދާ މަޖިލީހުން ވަނީ އެއްބަސްވުމެއް ނެތި އެ ގައުމު އީޔޫ އިން ވަކިވުން މަނާކޮށް ގާނޫނެއް ފާސް ކޮށްފައެވެ.

ބޮރިސް ޖޯންސަން ބޮޑު ވަޒީރު ކަމާއި ހަވާލުވެ ވަޑައިގެންނެވީ ކޮންމެ ގޮތެއް ހަދާފައިވެސް މި މަހުގެ 31 ގައި އީޔޫ އިން ވަކިވާނެ ކަމުގެ ވައުދާއި އެކުއެވެ.

ނަމަވެސް ގާނޫނު ހަދާ މަޖިލީހުން ގާނޫނެއް ފާސް ކުރުމުން ބޮރިސް އަށް ވަނީ ވައުދު ފުއްދޭ ގޮތް ނުވެ، އީޔޫ އިން ވަކިވާން ޖެހޭ ތާރީހު އަނެއްކާވެސް ފަސްކޮށްދޭން އީޔޫގައި އެދެން ޖެހުނެވެ.

މިހާރު އީޔޫ އިން ވަނީ ވަކިވާން ޖެހޭ ތާރީހު އަންނަ އަހަރުގެ ޖެނުއަރީ 31ށް ފަސްކޮށްދީފައެވެ.

އިނގިރޭސިވިލާތުގައި އަވަސް އިންތިހާބެއް ބާއްވަން ފެނޭތޯ ބަލަން ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 438 މެމްބަރުން ވޯޓު ދެއްވި އިރު ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 20 މެމްބަރުންނެވެ.

ގާނޫނު ހަދާ މަޖިލީހުން ފާސް ކުރީ އަންނަ ޑިސެމްބަރު މަހުގެ 12ވަނަ ދުވަހު އިންތިހާބު ބާއްވާށެވެ. މިއީ ފާއިތުވި ގަރުނެއް ތެރޭގައިވެސް އެ ގައުމުގައި ޑިސެމްބަރު މަހެއްގައި އާއްމު އިންތިހާބު ބާއްވާ ފުރަތަމަ ފަހަރެވެ.

ގަނޫނު ހަދާ މަޖިލީހުން އަވަސް އިންތިހާބެއް ބާއްވަން ނިންމުމުން އަންނަ ހަފްތާގެ ބުދަ ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލާނެއެވެ.

މީގެ ކުރިން އެ ގައުމުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ތެރޭސާ މޭ މި އަހަރުގެ ޖުލައި މަހު އިސްތިއުފާ ދެއްވީވެސް އެ ގައުމު އީޔޫ އިން ވަކިވުމުގެ ކުރިން އެއްބަސްވާން ޖެހޭ އެއްބަސްވުންތަކަށް ގާނޫނު ހަދާ މަޖިލީހުން ރުހުން ނުދިނުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައިސީ

    މިތަނުގައިވެސް ތިޔަކަންކުރަން ފެނޭ. މާލަސްވެއްޖެ. ބޭން އެމް.ޑީ.އެން.

    12
    2
  2. ގުއި ޗޮންހެއި

    ރާއްޖޭގަވެސް ބާއްވާނެ ތިވީގޮތުން

    12