ޕާކިސްތާންގެ ރޭލެއްގައި އަލިފާން ރޯވެ މަދުވެގެން 65 މީހުން މަރުވެ އެތައް ބަޔަކު ޒަހަމް ވެއްޖެއެވެ.

ޒަހަމްވި ގިނަ ބައެއްގެ ހާލު ވަރަށް ދެރަކަމަށާއި އެހެންކަމުން މިހާދިސާގެ ސަބަބުން މަރުވާ މީހުންގެ އަދަދު އަދި ވަރަށް ބޮޑަށް އިތުރުވެގެން ހިނގައިދާނެ ކަމަށް ޕާކިސްތާންގެ މީޑިއާތަކުން ބުނެއެވެ.

ރޭލުގައި އަލިފާން ރޯވީ، ރޭލުގައި ބައެއް ފަސެންޖަރުން ކައްކައް ބޭނުން ކުރަމުން ގެންދިޔަ ގޭސް ފުޅިއެއް ގޮވައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލިފާން ރޯވީ ޕަންޖާބުގެ އަވަށަކަށް ދަތުރު ކުރަމުން ދިޔަ ރޭލެކެވެ.

ރެއިލްވޭ މިނިސްޓަރ ރާޝިދު އަހްމަދު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ ގޭސްފުޅިއެއް ގޮވައިގެން ކަމަށާއި ރޭލްގެ ފަސެންޖަރުން އަމިއްލައަށް ރޭލަށް އުނދުނާއި ގޭސްފުޅި އެރުވުމަކީ މަނާކަމެއް ކަމަށެވެ.

ފަސެންޖަރުން ރޭލަށް ގޭސްފުޅި އާއި އުނދުން އެރުވުމަކީ މަނާކަމެއް ނަމަވެސް ކުދިކުދި އުނދުންތަކާއި ގޭސްފުޅިތައް ހިފައިގެން ރޭލްތަކަށް އެރުމަކީ ޕާކިސްތާންގައި އާއްމު ކަމެކެވެ.

ރެއިލްވޭ މިނިސްޓަރ ރާޝިދު އަހްމަދު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި އިރު ރޭލް ދިޔައީ ވަރަށް ބާރަށް ދުއްވަމުން ކަމަށާއި އަލިފާނުގެ ހާދިސާ އިން ސަލާމަތް ވާން ވެގެން ބައެއް މީހުން ރޭލުން ފުއްމާލުމުން ވެސް މަރުވެފައިވާ ކަމަށެވެ.

ޕާކިސްތާންގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިހާދިސާގައި މަރުވި މީހުންގެ ހަށިތައް ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ޕާކިސްތާންގެ ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ ދުވަހަކު ރޭލްތައް ބޭނުން ކޮށްގެން ދަތުރުތައް ކުރަމުން ގެންދިޔަ ނަމަވެސް އެގައުމުގެ ރޭލްވޭ ނިޒާމު މަރާމާތުނުކުރުމުގެ ސަބަބުންނާއި ސަލާމަތީ ކަންކަން އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓުމުން ނުރައްކާތެރި ހާދިސާތައް އާއްމުކޮށް ހިނގައެވެ.

މިދިޔަ ޖުލައި މަހު ހިނގި އެކްސިޑެންޓެއްގައި ވެސް 11 މީހުން މަރުވިއެވެ. އަދި ސެޕްޓެމްބަރ މަހު ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކު މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު