ފިލިޕީންސަށް އަނެއްކާވެސް ބާރުގަދަ ބިން ހެލުމެއް އަތުވެއްޖެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެގައުމަށް އައިސްފައިވަނީ 6.5 މެގްނިޓިޓިއުޑްގެ ބާރު މިނުގެ ބިންހެލުމެކެވެ. މިއީ މި މަސް ތެރޭ އެގައުމަށް އައި ބާރުގަދަ ތިން ވަނަ ބިންހެލުމެވެ. މި ބިން ހެލުމުގައި އެގައުމުގެ ފަސް މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

ބިން ހެލުމުގެ ސަބަބުން ވެއްޓުނު ގަހެއްގެ ދަށުވެގެން މީހަކު މަރުވެފައިވާއިރު، ބިން ހެލުމުގައި ފުނޑުފުނޑުވަމުންދިޔަ އިމާރާތަކުން ބުރައިގެން އައި އެއްޗަކުން ޖެހި އަންހެނަކުވެސް މަރުވެފައިވެއެވެ. އެގައުމުގެ ބަޓާސަން ވިލެޖުގެ ވެރިޔާ ވެސް ވަނީ ބިން ހެލުމުގައި ދިމާވި ހާދިސާއެއްގައި މަރުވެފައެވެ. މި މީހުންގެ އިތުރުން، އިތުރު ދެ މީހަކުވެސް ވަނީ ބިން ހެލުމުގައި މަރުވެފައެވެ.

ފިލިޕީންސަށް އައި މި ބިންހެލުމުގައި އެގައުމުގެ ކިޑާޕަވަން ސިޓީގެ އިމާރާތްތަކަށްވެސް ވަނީ އެކި ވަރުގެ ގެއްލުން ވެފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މިއީ އެގައުމަށް މި މަސްތެރޭގައި އައިސްފައިވާ ތިން ވަނަ ބާރުގަދަ ބިން ހެލުމެވެ. އެގޮތުން މީގެ ދެ ދުވަސްކުރިން އެގައުމަށް 6.6 މެގްނިޓިޓިއުޑްގެ ބާރުގަދަ ބިން ހެލުމެއް ވަނީ އައިސްފައެވެ.