އިސްރާއީލުގެ އަނިޔާވެރި ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފައިވާ ފަލަސްތީނު ހިތްވަރުގަދަ ކުޑަކުއްޖާ، އަހަދު ތަމީމީގެ ބަޔާނެއް ނެގުމުގެ ތެރެއިން، އޭނާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިޔޯއެއް ލީކުވެއްޖެއެވެ.

ލީކުވެފައިވާ ވީޑިޔޯއިން ފެންނަ ގޮތުގައި ޔަހޫދީ ފުލުހުންވަނީ އަހަދަށް އަނގަ ބަހުން އިންޒާރު ދީ، ޖިސްމާނީ ގޮތުން އަނިޔާވެސްކޮށްފައެވެ.

ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ވީޑިޔޯ އިން ފެންނަ ފުލުހަކުވަނީ އަހަދުގެ ސިފައަށްވެސް މަލާމާތްކޮށްފައެވެ. އެގޮތުން އޭނާ ހުންނަނީ ދޮން ހަންގަނޑެއްކަމަށް ބުނެ މަލާމާތް ކުރާ އަޑު، ވީޑިޔޯ އިން އިވެއެވެ.

ހަމައެހެންމެ، ތަހުގީގުގެ ތެރެއިން ބަޔާން ނަގާއިރު އަހަދު ވާހަކަ ނުދައްކައިފިނަމަ އޭނާގެ އާއިލާގެ ހުރިހާ މެންބަރުންނާއި ހުރިހާ ރައްޓެހިން ހައްޔަރުކުރާނެކަމަށްވެސް ބުނެފައިވެއެވެ. މިހެން ބުނުމަށްފަހު އަހަދުގެ ގާތް މީހުންގެ ލިސްޓެއްވެސް ކިޔައެވެ.

ކަމުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އިސްރާއިލުން ތަހުގީގުކުރުމުގަޔާއި ބަޔާން ނެގުމުގައި ބޭނުންކޮށްފައިވާ އުކުޅުތަކަކީ ހާލަތާ ނުބައްދަލު އަދި ކުޑަކުއްޖަކަށް އެކަށީގެންވާ އުކުޅުތަކެއްވެސް ނޫނެވެ. އެގޮތުން، ޖައްސަޖައްސައިގެން ގިނަ އިންޓޮރަގޭޝަން ސެޝަންތައް ބޭއްވުމާއި އަނގަބަހުން އިންޒާރު ދިނުން ހިމެނެއެވެ.

އަހަދު ހައްޔަރުކޮށްފައިވަނީ، އެމެރިކާއިން އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ކަނޑައެޅުމުން، އެކަމާ ދެކޮޅަށް ހުޅަނގު އައްސޭރީގައި ކުރި މުޒާހަރާތަކުގެ ތެރެއިން 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

އިސްރާއިލުން ކުޑަކުދިންނާ ދެކޮޅަށްވެސް މިފަދަ ނާތަހުޒީބު އަދި އަނިޔާވެރި ގޮތްތައް ބޭނުންކުރަމުންދާއިރު އދ. އާއި އީޔޫ އަދި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާކަމަށް ބުނާ ޤައުމުތަކުން މިކަމަށް އެއްގޮތަކަށް އަޅައެއް ނުލައެވެ.