ސީރިޔާގައި ހަރަކާތްތެރިވާ ނިރުބަވެރި އިސްލާމިކް ސްޓޭޓްސް (އައިސިސް) ޖަމާޢަތުގެ ލީޑަރު އަބޫބަކުރު އަލް ބަޣްދާދީ އަމިއްލައަށް މަރުވުމުގެ ކުރީން އޭނާ ފަހާ ދުވި ކުއްތާގެ ނަމަކީ އެމެރިކާ ސަރުކާރުގެ ސިއްރުތަކުގެ ތެރެއިން ސިއްރެއް ކަމަށާއި އެ ކުއްތާގެ ނަން ހާމަނުކުރާނެ ކަމަށް އެމެރިކާ ސަރުކާރުން ކުރިން ބުނެފައި ވަނިކޮށް، އެޤައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕް އެ ކުއްތާގެ ނަން ހާމަކޮށްފިއެވެ.

ބަޣްދާދީ މަރާލުމުގެ އޮޕަރޭޝަނާއި ގުޅޭ މައުލޫމާތުތައް ހާމަކޮށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، ސިފައިން ބަޣްދާދީ ހުރި ސަރަޙައްދު ވަށާލައި އޭނާއަށް ފިލައިގެން ދިއުމުގެ ހުރިހާ ދޮރެއް ބަންދު ކުރުމުން އޭނާ ވަނީ ބިންގަރާހެއްގެ ތެރެއަށް ކަމަށެވެ. އެ ބިންގަރާހަށް ބަޣްދާދީ ވަނުމުން އޭނާއަށް ހަމަލާ ދިނުމަށް ސިފައިން ވަނީ އަސްކަރިއްޔާގެ އޮޕަރޭޝަންތަކަށް ބޭނުންކުރާ ކުއްތާއެއް އެ ބިންގަރާސް ތެރެއަށް ދޫކޮށްލާފައެވެ.

މި އޮޕަރޭޝަންގައި ކުއްތާގެ މަސައްކަތް ފާހަގަކޮށް ޓްރަމްޕް ބުނެފައި ވަނީ ބަޣްދާދީ ފަހައި ދުވީ "ކޯނާން" ނަމަކަށް ކިޔާ ކުއްތާއެއް ކަމަށެވެ. އަދި މި ކުއްތާއަކީ އައިސިސްގެ ލީޑަރު މަރާލައި މެދުއިރުމަތީގެ ހަމަނުޖެހުން ހުއްޓުވުމަކަށް ގެނައި "ބަތަލު" ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.

ތިން ދަރިންނާއި ބަޣުދާދީ ބިންގަރާސް ތެރެއަށް ފޭބުމުން އެމެރިކާ ސިފައިން ބަޣުދާދީ އަތުލައިގަންނަން ކުއްތާ ފޮނުވާފައި ވަނީ ބަޣުދާދީގެ ގައިގަ ބޮން ހަރުކޮށްފައި ހުންނާނެ ކަމަށް ބެލެވޭތީ އެވެ. އަދި ބިންގަރާހުގެ ހާލަތު ނޭނގި އެމެރިކާ ސިފައިން ބިންގަރާސް ތެރެއަށް ފައިބައިފިނަމަ ބޮޑު ނުރައްކަލަކާއި ކުރިމަތިލާން ޖެހިދާނެތީއެވެ.

ސީރިޔާގައި އެމެރިކާ ސިފައިން ހިންގި އޮޕަރޭޝަނަށް އެޤައުމަށް ގެންދިޔަ ކުއްތާ އަދި އެމެރިކާއަށް ގެންގޮސްފައެއް ނުވެއެވެ. ނަމަވެސް އެ ކުއްތާ އަންނަ ހަފްތާގެ ތެރޭގައި އެމެރިކާއަށް ގެންގޮސް، ރަސްމީ އިއްޒަތުގައި އެޤައުމުގެ ރިޔާސީ ގަނޑުވަރަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަޣްދާދީ މަރުވިކަން އައިސިސް އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެ ޖަމާޢަތަށް ނިސްބަތްވާ ރޭޑިއޯ ޗެނަލަކުން އެކަން އިއުލާނު ކުރަމުން ވަނީ އައު ލީޑަރަކު އެމަޤާމަށް އައްޔަންކުރިކަން ވެސް ހާމަކޮށްފައެވެ. އައިސިސް އިން އެ ޖަމާޢަތުގެ އައު ލީޑަރުގެ މަޤާމަށް އައްޔަން ކޮށްފައި ވަނީ އަބޫ އިބްރާހިމް އަލް- ހާޝިމީ އަލް- ކުރައިޝީ ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ ބަޣްދާދީ މަރުވެއްޖެ ނަމަ މަޤާމާއި ހަވާލުވާ ގޮތަށް ކުރިންވެސް ނިންމާފައި ހުރި މީހާއެވެ.