އެމެރިކާގެ ނެވާޑާގައި ހަލުވުކަމާއެކު ނުރައްކާތެރި ވައިރަސް އެއް ފެތުރެމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ނޫސްތައް ބުނާގޮތުގައި މި ވައިރަސްގެ އަސަރު މިހާތަނަށް ކުރަމުން ދަނީ ނެވާޑާގައި ގެންގުޅޭ ފުއްލާތަކާއި ގެރިތަކަށެވެ. "ޒޮމްބީ ޑިއާ"ގެ ނަން ދީފައިވާ މި ވައިރަސްގެ އަސަރުކޮށް މިހާތަނަށް ގިނަ އަދަދެއްގެ ފުއްލާ އެ ސްޓޭޓުން މަރުވެފައިވާ ކަމަށް ވެއެވެ.

ސިއްހީ މާހިރުން ބުނާގޮތުގައި މި ވައިރަސް އަކީ، ސީދާ "ޒޮމްބީ" ނުވަތަ ފިލްމުތަކުން ފެންނަ "ޒޮމްބީ" ފަދަ ވައިރަސް އެއް ނޫން ކަމަށެވެ. އެހެން ނަމަވެސް މި ވައިރަސްގެ އަސަރު ކުރުމުން، ހަލުވިކަމާއެކު ހަށިގަނޑުގެ ތެރެއަށް ވައިރަސް ފެތުރިގަންނަ ކަމަށް އެފަރާތްތަކުން ބުނެއެވެ.

އެފަރާތްތަކުން ބުނާގޮތުގައި މި ވައިރަސްގެ އަސަރު އެންމެ ފުރަތަމަ އަދި އެންމެ ބޮޑަށް ކުރާން ފަށަނީ ސިކުނޑިއަށެވެ. އެއަށްފަހު ސިކުނޑީގެ ޓިޝޫތައް ހަލާކުކޮށްލާ ސިކުނޑިއަށް ގެއްލުންދީ ފުރާނައަށް ނުރައްކާކުރާ ކަމަށާއި، މިކަމުގެ ސަބަބުން ސިކުނޑިއަށް މަޑުމަޑުން އުނިކަން ލިބި އާންމުކޮށް އުޅޭ ގޮތާއި ތަފާތު ގޮތްގޮތަށް އުޅޭތަން ފެނިގެންދާނެ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

"ޒޮމްބީ ޑިއާ" ހަލުވިކަމާއެކު ފެތުރި ފުއްލާ އާއި އެނޫންވެސް ޖަނަވާރުތަކަށް ނުރައްކާ ބޮޑުކޮށްފައިވާއިރު، މި ވައިރަސްގެ އަސަރުކޮށްފައިވޭތޯ ބައެއް ސަރަޙައްދުތަކުގައި ގެންގުޅޭ ޖަނަވާރުތައް ޓެސްޓު ކުރުމުގެ މަސައްކަތް އެމެރިކާގެ ކަމާއި ބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ. އަދި މި ބަލި ދެނެގަތުމާއި އެކު ބައްޔަށް ކުރެވޭނެ ފަރުވާއެއް ހޯދުމަށް، ބަލި ޖެހިފައިވާ ފުއްލާތަކުގެ ހަށިގަނޑުން ސާމްޕަލް ނަގައިގެން ދިރާސާ ކުރުމުގެ މަސައްކަތް ވެސް އެފަރާތްތަކުން ދަނީ ކުރަމުންނެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފައިވާ ގޮތުގައި މި ވައިރަސް އަކީ ދުނިޔެއިން ފުއްލާފަދަ ޖަނަވާރުތަކުގެ ނަސްލު ނައްތާލާހައި ނުރައްކާތެރި ވައިރަސް އެއް ކަމަށެވެ. އަދި މި ވައިރަސްގެ ނުރައްކާ ޖަނަވާރުތަކުގެ އިތުރުން އިންސާނުންނަށް ވެސް އޮތް ކަމަށް އެ އިދާރާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޮކެޓް ސައިންސް

    ކޮރަކަޑިލް ނުވަތަ ކްރިސްޓްޓަލްމެތު ކަހަލަ ބާރުގަދަ ޑުރަގެއް ކަމަށްވާނީ. އިންސާނުން ޓެސްޓް ކޮއްލުމުގެ ކުރިން ޖަނަވާރު ޓެސްޓްކޮއްލަނީކަމަށް ބެލެވޭ. ކޮރަކަޑިލް އާއި ކްރިސްޓަލްމެތު ވެސް އިންސާނުންނާ ހިސާބަށް އައީ ތިކަހަލަ ގޮތަކަށް. ފުރަތަމަ ބޮޑު ހަގުރާމައާއި ދެވަނަ ބޮޑުހަގުރާމައިގެތެރޭގަ ތިކހަލަ އެއްޗެހި ޓެސްޓްކުރަން އިންސާނުން ބޭނުންކޮއްފައިވާކަން ފެންނަން އެބައޮތް