ތުރުކީވިލާތާ ގުޅިފައިވާ ސީރިއާގެ ބޯޑަރު ކައިރި އަވަށަކަށް ދިން ނިރުބަވެރި ބޮމުގެ ހަމަލާއެއްގައި 13 މީހުން މަރުވެއްޖެއެވެ.

ތުރުކީވިލާތަށް ވާގިވެރިވާ، އަދި ސީރިއާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ އަވަށެއް ކަމަށްވާ ތަލް އަބްޔާދުގެ ބައިބޯ މާރުކޭޓު ސަރަޙައްދެއްގައި ދިން އެ ބޮމުގެ ހަމަލާގައި މިހާތަނަށް 13 މީހަކު މަރުވެ، އިތުރު 20 މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ހަމަލާއާ ގުޅިގެން ތުރުކީވިލާތުގެ ދިފާޢީ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ. ބޮން ގޮއްވާލާފައިވަނީ ކާރެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ސީރިއާގެ އިރުއުތުރު ގައި އޮންނަ ތަލް އަބްޔާދަކީ، ތުރުކީ ސިފައިން ސީރިއާއަށް އެރުމަށްފަހު، ސީރިއާގައި އެންމެ ބޮޑަށް ހަމަނުޖެހުން ބޮޑުވެފައިވާ އެއް އަވަށެވެ. އިއްޔެގެ ނިރުބަވެރި ހަމަލާގައި ތުރުކީއަށް ވާގިވެރިވެދޭ ހަނގުރާމަވެރި ގުރޫޕެއްގެ ބަޔަކު މަރުވެފައިވާއިރު، ސީރިއާގެ ކުށެއްނެތް އާއްމުންގެ ބަޔަކުވެސް ވަނީ މަރުވެފައެވެ. "ވައިޕީޖީ / ޕީކޭކޭގެ ނިރުބަވެރި ހަނގުރާމަވެރިން ތަލް އަބްޔާދުގެ ކުށެއްނެތް ރައްޔިތުންނަށް ދީފައިވާ ނިރުބަވެރި ހަމަލާ އަހަރެމެން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ތުރުކީގެ ދިފާޢީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

ޔައިޕީޖީ އަކީ ސީރިއާގައި ޙަރަކާތްތެރިވާ ކުރުދީންގެ ހަނގުރާމަވެރި ޖަމާޢަތެކެވެ. ޕީކޭކޭ އަކީ ތުރުކީވިލާތުގެ ހަނގުރާމަވެރި ކުރުދީންގެ ޖަމާޢަތެކެވެ. މި ދެ ޖަމާޢަތަކީ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ 2 ޖަމިއްޔާ ކަމަށް ތުރުކީވިލާތުން ތުހުމަތުކުރެއެވެ. ތުރުކީއިން އެ ތުހުމަތު އެ ޖަމާޢަތްތަކުގެ ބޮލުގައި އަޅުވާފައި ވިއަސް، މިއިން އެއްވެސް ޖަމާޢަތަކުން އަދި އެ ހަމަލާތަކުގެ ޒިންމާ ނަގާފައެއް ނުވެއެވެ.

ނިމިދިޔަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު ތުރުކީވިލާތުން ސީރިއާގައި ފެއްޓި އަސްކަރީ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް ވަނީ ބޯޑަރު ސަރަޙައްދުގެ ބޮޑު ބައެއްގެ ކޮންޓްރޯލް ނަގާފައެވެ. އެގޮތުން ތަލް އަބްޔާދު އަވަށްވެސް މިހާރު އޮތީ ތުރުކީވިލާތުގެ ބާރުގެ ދަށުގައެވެ. ތުރުކީވިލާތުގެ އަސްކަރީ އޮޕަރޭޝަނުގެ މަޤްސަދަކީ ސީރިއާގެ ބޯޑަރު ސަރަޙައްދު، ކުރުދީ ހަނގުރާމަވެރިންގެ އަތްދަށުން ރައްކާތެރިކޮށް، އެތަނުން ސަލާމަތްކަމާއެކު، ސީރިއާއަށް އެތެރެނުވެވިފައި ތިބި އެޤައުމުގެ އެތައް ހާސް ބަޔަކަށް އަލުން އަނބުރާ ޤައުމަށް އެތެރެވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށް އެޤައުމުން ބުނެއެވެ.