މީގެ އެތައް ހާސް އަހަރެއް ކުރިން މިސްރުގައި ވެރިކަން ކުރި ބާރުގަދަ ރަސްކަލެއް (ފިރުއައުނެއް) ގެ ޚަޒާނާ ލަންޑަނުގައި ކުރިޔަށްގެންދާ ތާރީޚީ އެގްޒިބިޝަނެއްގައި ދައްކާލުމަށް ހަމަޖެހިއްޖެއެވެ.

މިސްރުގެ އަހުރާމު (ޕިރަމިޑް) ތަކުންނާއި ވަޅުލެވިފައިވާ ޝަހަރުތަކުން މީގެ ކުރިންވެސް އެޤައުމުގައި ރަސްކަން ކޮށްފައިވާ މަޝްހޫރު ރަސްރަސްކަލުންގެ ގަބުރާއި، ޚަޒާނާތައް ފެނިފައިވާއިރު، ލަންޑަނުގައި ދައްކާލުމަށް ހަމަޖެހިފައިވާ ފިރުއަރުނުގެ ޚަޒާނާއަކީ މީގެ ސަތޭކަ ވަރަކަށް އަހަރު ކުރިން މިސްރުގެ ލަކްސޫރު ނަމަކަށްކިޔާ ޝަހަރެއްގައި ވަޅުލެވިފައި ވަނިކޮށް އިނގިރޭސި އާކިއޮލޮޖިސްޓަކު ހޯދާފައިވާ ޚަޒާނާ އެކެވެ. މިއީ ޤަދީމީ ޒަމާނުގައި މިސްރުގައި ރަސްކަންކުރި 18 ވަނަ ފިރުއައުނުގެ ޚަޒާނާ އެއް ކަމަށް ވެއެވެ.

މި ރަސްގެފާނުގެ ޚަޒާނާ ފެނިފައިވަނީ، އޭނާ ރަސްކަން ކުރި ކަމަށް ބެލެވޭ ސަރަޙައްދުގައި، އޭނާގެ ހަށިގަނޑު ވަޅުލުމަށް ތައްޔާރުކޮށްފައި ހުރި މަހާނައެއްގެ ކައިރިންނެވެ. އެ ސަރަޙައްދުން ރަނާއި ރިހި ހިމެނޭހެން ޤަދީމީ ޒަމާނުގައި ބޭނުންކުރި ތަކެއްޗާއި ޚަޒާނާގެ 5000 އަށްވުރެ ގިނަ ބައިތައް ނަގާފައި ވެއެވެ. ލަންޑަނުގެ އެގްޒިބިޝަންގައި ދެއްކުމަށް ހަމަޖެހިފައިވަނީ މި ޚަޒާނާއިން ނަގާފައިވާ 150 އެއްޗެކެވެ.

މި ތަކެއްޗަކީ މިސްރުގައި އާސާރީ ތަރިކައިގެ ގޮތުގައި ރައްކާކުރެވިފައި ހުރި ތަކެތި ކަމުގައި ވާއިރު، މިއީ މިސްރުން ބޭރަށް ގެންގޮސްފައިވާ މިފަދަ އެންމެ ޒަމާންވީ އާސާރުތަކެވެ. މީގެ ކުރިން މި އާސާރުތައް ފްރާންސްގެ ޕެރިސް ގައި އާއި އެމެރިކާގެ ލޮސް އެންޖެލްސްގައި ވެސް ދައްކާލާފައި ވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިތަކެތި ދައްކާލުމަށްފަހު އަނބުރާ މިސްރަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިސްރުގެ ރަސްރަސްކަލުންގެ ޗެމްބަރުތަކުގެ ގޮތުގައި ބޭނުންކޮށްފައިވާ އެންމެ ބޮޑު ތިން އަހުރާމުގެ ކައިރީގައި ހުންނަ އެޤައުމުގެ "ގްރޭންޑް އިޖިޕްޝަން މިއުޒިއަމް"ގައި މިތަކެތި ޑިސްޕްލޭ ކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ހުސޭނުބޭ

  އެ އޮތީ ބައިސްކަލެއްތަ؟ ތިއީ ޕިރަމިޑް ތެރޭގައި ބައިސްކަލް ދުއްވާ ފިރުޢައުނެއްދޯ!

  26
  6
  • ހަސީން

   އެއީ ރޫޅާލާފަ އޮތް ޗެރިއޮޓެއް.

   23
  • Anonymous

   ލޮލް.

  • ގުޑުގުޑާ

   ބެޓެރި ސައިކަލެއްނޫންތަ.

   11
   1
 2. ރަމްސީސް

  އިނގިރޭސިންނަކީ މުޅިދުނިޔޭގައި ވައްކަންކުރަން އުޅުނު ބައެއް. ރަނިކަމަނާގެ ތާޖުގައިވެސް ހުރީ މުޅިންވެސް އެކިޤައުމުތަކުން ވަގަށްނަގާފައި ހުރި ޖަވާހިރު.

  39
  3
 3. ބޯކިބާ

  ރާއްޖޭގަ މިއުޅޭ އަނެކަކު ފޮރުވައިގެން އެގެންގުޅޭ ހަޒާނާ ދައްކާލާނެނަމަ އަޅެ.

  20