ތައިލޭންޑުގެ މަޝްހޫރު ތަމް ލުއާން ހޮހޮޅައިގެ އަޑީގައި 2018 ވަނަ އަހަރު، އެޤައުމުގެ ކުޑަކުދިންތަކަކާއި އެ ކުދިން ނިސްބަތްވާ ޓީމުގެ ކޯޗު ތާށިވެ ހިނގައިދިޔަ ނުރައްކާތެރި ހާދިސާއަށްފަހު، އެ ހޮހޮޅަ އަލުން އާންމުންނަށް ހުޅުވައިފިއެވެ.

ނުރައްކާތެރި އެ ހާދިސާ ހިނގި ހޮހޮޅަ އާންމުންނަށް އަލުން ހުޅުވާލާފައި ވަނީ ހޮނިހިރު ދުވަހުއެވެ. އެއާއެކު އެތަން ބަލާލުމަށް އެތައް ސަތޭކަ ބަޔަކު ހޮހޮޅަ ކައިރިޔަށް ޒިޔާރަތްކޮށްފައި ވެއެވެ. ހޮހޮޅަ އަލުން ހުޅުވާފައި ވާއިރު އެތަނުގައި ހިނގައިދިޔަ ހާދިސާގެ ހަނދާންތައް ހޮހޮޅައިގެ ތެރެއިން ފެންނާނެފަދަ ކުރެހުންތަކާއި ހޮހޮޅަ ފަރުމާކޮށް، ހާދިސާގެ ހިތްވަރުގަދަ ކުދިންނާއި ކޯޗު އަދި ރެސްކިއު އޮޕަރޭޝަންގައި ހަރަކާތްތެރިވި އޮފިޝަލުންގެ ފޮޓޯތައް ފާރުތަކުގައި ކުރަހާފައި ހުއްޓެވެ. އަދި ޒަމާނީ ފެންވަރަށް ހޮހޮޅައިގެ އެތެރޭގައި އާންމުންނަށް ތިބެވޭގޮތަށް އެތަން ވަނީ ތަރައްޤީކޮށްފައެވެ.

މި ހޮހޮޅަ އަލުން ހުޅުވާލާފައިވަނީ، އެތަނުގައި ކުރިން ހިނގައިދިޔަފަދަ ނުރައްކާތެރި ހާދިސާއެއް ނުހިނގާނެ ފަދަ ގޮތަކަށް އެތަން ތައްޔާރު ކުރުމަށްފަހުއެވެ. އެގޮތުން ހޮހޮޅައިގެން ސްޓްރަކްޗަރަށް ވަނީ ބަދަލުތައް ގެނެސްފައެވެ. އަދި ރައްކާތެރި ކަމަށްޓަކައި ހޮހޮޅައަށް އެއްފަހަރާ 30 މީހުންނަށްވުރެ ގިނަ މީހުންނަށް ނުވަދެވޭގޮތްވެސް ވަނީ ހަދާފައެވެ.

ތައިލޭންޑުގެ ވައިލްޑް ބޮއަރ އެކެޑެމީގެ 12 ކުދިންނާއި އެކުދިންގެ ކޯޗު ހޮހޮޅައިގައި ތާށިވި ހާދިސާ ހިގާފައިވަނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅުގަ އެވެ. ޓީމުގެ 12 ކުޅުންތެރިންނާ ކޯޗު، އެތަނަށް ގޮސްފައިވަނީ ހޮހޮޅަތެރެ ބަލާލުމަށެވެ. އެތަނުގައި އެކުދިން ތާށިވެފައިވަނީ ބޯކޮށް ވާރޭވެހި، ހޮހޮޅައިގެ ބޭރުގައި ފެންބޮޑުވުމާއި އެކު، އެތަނުގައި ބައެއް ކަނޑައިގެން ދިއުމުންނެވެ.

ފުޓުބޯޅަ ޓީމު ގެއްލިފައިވާކަން އެނގުނު ހިސާބުން ފެށިގެން، ތައިލެންޑްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އެކަމަށް އިޖާބަ ދީފައެވެ. އަދި، ދިރިތިއްބާ އެމީހުން ސަލާމަތް ކުރެވޭތޯ، ކުރެވެން ހުރި ހުރިހާ މަސައްކަތެއް، އެފަރާތުން ދިޔައީ ކުރަމުންނެވެ. މި މަސައްކަތުގައި ޖުމުލަ 1000 ޚިދުމަތްތެރިންނާއި 90 ޑައިވަރުން ހަރަކާތްތެރިވެފައިވެއެވެ. 1000 ޚިދުމަތްތެރިންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ އެހީތެރިން އަދި ތަރުޖަމާނުންނާއި ކައްކާއިން އަދި ޑްރައިވަރުންވެސް ހިމެނެއެވެ.

ހޮހޮޅައިގައި ތާށިވި ކުދިން ސަލާމަތް ކުރަން ކުރިއަށް ގެންދިޔަ ނުރައްކާތެރި އޮޕަރޭޝަން ކާމިޔާބުކޮށް ކޯޗާއި ހުރިހާ ކުދިން ހޮހޮޅައިން ނެރެ ނިމުނީ ޖުލައި މަހުގެ 10 ވަނަ ދުވަހު އެވެ. އެކުދިންނާއި ކޯޗު، ތިން ވަރަކަށް ހަފްތާ އެ ހޮހޮޅާގައި ހޭދަކުރިއެވެ. މިއީ ދުނިޔޭގެ ތާރީޚުގައިވެސް ކުރިއަށް ގެންގޮސްފައިވާ އެންމެ ނުރައްކާތެރި އެއް ރެސްކިއު އޮޕަރޭޝަނެވެ. މި އޮޕަރޭޝަންގައި ހަރަކާތްތެރިވި ޑައިވަރަކު ވަނީ މަރުވެސްވެފައެވެ.