ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލުގެ ޑްރޯންއެއް ވައްޓާލައިފިއެވެ.

މި ޑްރޯން ވައްޓާލާފައި ވަނީ ޣައްޒާގެ އުތުރުގެ ސަރަހައްދަށެެވެ.

އަލް މަޔާދީން ނޫހުން ބުނީ، ހަމާސް އިން ވައްޓާލީ"ކުއާޑްކޮޕްޓަރ" ބްރޭންޑްގެ ޑްރޯންއެއް ކަމަށެވެ. އެ ނޫހުން ބުނީ ވައްޓާލި ޑްރޯން މިހާރު އޮތީ ހަމާސް ޖަމާޢަތުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ.

އިސްރާއީލްގެ "ޖެރުސެލަމް ޕޯސްޓް" އިން ވަނީ ހަމާސް އިން އިސްރާއީލްގެ ޑްރޯންއަކަށް ހަމަލާދިންކަށް ކަށަވަރުކޮށްދީފައެވެ.

އެ ނޫހުން ބައެއް ރިޕޯޓްތަކާއި ހަމަލާދީ ބުނީ، ޑްރޯންއަށް ހަމަލާ އަމާޒުވިޔަސް ޑްރޯން ރައްކާތެރިކަމާއެކު ދިޔަ ކަމަށެވެ. ނަމަވެސް އެ ނޫހުން ބުނީ، އެއީ ސައްހަ ރިޕޯޓްތަކެއްކަން ކަށަަވަރު ނުވާ ކަމަށެވެ.

އަލް އަރަބިއްޔާއިންވެސް ވަނީ ހަމާސް އިން އިސްރާއީލުގެ ޑްރޯންއެއް ވައްޓާލިކަމަށް ރިޕޯޓްކޮށްފައެވެ.

ފަލަސްތީނުގެ ޣައްޒާއިން ރޭ ވެސް ވަނީ އިސްރާއީލަށް ރޮކެޓުގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި މީހަކަށް ބޮޑެތި އަނިޔާ އެއް ނުވި ނަމަވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ހަމާސް ޖަމާޢަތުން ހުކުރު ދުވަހު އިސްރާއީލަށް 10 ރޮކެޓް ފޮނުވާލި ކަމަށް އިސްރާއީލްގެ އަސްކަރިއްޔާއިން ބުނެއެވެ.

ހަމާސް އިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދެމުން ގެންދާތީ އިއްޔެ ވަނީ އިސްރާއީލްގެ ސަލާމަތާއި ބެހޭ ކެބިނެޓްގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. އެ ބައްދަލުވުމުގައި ވަނީ ޣައްޒާ އިން އިސްރާއީލަށް އަމާޒުވަމުންދާ ހަމަލާތައް ހުއްޓުވޭނެ ގޮތަކާއި ބެހޭ ގޮތުން ހަތަރު ގަޑިއިރު ވަންދެން މަޝްވަރާ ކޮށްފައި ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެއެވެ. ނަމަވެސް ބައްދަލުވުންތަކުގެ ނިންމުންތަކެއް އަދި އިސްރާއީލް ސަރުކާރުން ހާމައެއް ނުކުރެއެވެ.