ފަލަސްތީނުގެ ބިންތަށް ފޭރި އެޤައުމުގެ ރައްޔިތުންގެ ހައްޤުތައް ނިގުޅައިގެން އުޅޭ އިސްރާއިލްގެ އަނިޔާވެރި ސިފައިންނާއި ދެކޮޅަށް ތެދުވި ހިއްވަރުގަދަ އުމުރުން 17 އަހަރުގެ އަހެދް ތަމީމީ ހައްޔަރުކޮށް އިސްރާއިލް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އޭނާއަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ތަމީމީގެ ވަކީލު ބުނެފިއެވެ.

ފަލަސްތީނަށް ނިސްބަތްވާ ތަމީމީ ހައްޔަރުކޮށްފައިވަނީ، އިސްރާއިލްގެ ސިފައިންނަށް ޙަމަލާދިން ކަމަށް ބުނެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭރު އޭނާގެ އުމުރުން 16 އަހަރެވެ.

އިސްރާއިލްގެ ފުލުހުން ތަމީމީ ހައްޔަރުކުރީ، އިސްރާއީލުން އަތްގަދަކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އޭނާގެ އާއިލާ ދިރިއުޅެމުންދިޔަ ގެއަށް ވަދެއެވެ. ތަމީމީ ވަނީ ސިފައިން އެގެއިން ނުނިކުތުމުން، ޖެހިލުން ކުޑަކަމާއި އެކު އެމީހުން ފަހަތަށް ޖައްސައި ގެއިން ނެރެ ބޭރުކޮށްލާފައެވެ.

މި މައްސަލައާއި ގުޅިގެން ތަމީމީ އަށް މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް މިދިޔަ ހަފްތާގައި އިސްރާއިލްގެ ކޯޓަކުން ޙުކުމްކޮށްފައިވާއިރު، ތަމީމީގެ ވަކީލު ބުނެފައިވަނީ ސިފައިން އޭނާއަށް އެކިގޮތްގޮތުން ޖިންސީ ފުރައްސާރަ ކުރަމުންދާ ކަމަށެވެ. އަދި އޭނާ ހުރީ ހައްދުފަހަނައަޅާފައިވާ ސިފައިންގެ ފަރާތުން ޖިންސީ ގޯނާއެއް ލިބިދާނެ ކަމަށްޓަކައި، ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ވަކީލު ބުނެފައިވެއެވެ.

އިސްރާއިލް ފުލުހުން ތަމީމީއަށް ޖިންސީ ފުރައްސާރަކުރާ މައްސަލަ ފެންމަތިވެފައި މިވަނީ، އޭނާގެ ބަޔާނެއް ނެގުމުގެ ތެރެއިން އިސްރާއިލް ފުލުހުން އޭނާއަށް އަނިޔާކޮށް ހަރުކަށިކޮށް ވާހަކަދައި ބިރު ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ޢާންމުވެފައިވަނިކޮށެވެ. އެ ވީޑިއޯ އިން ފެންނަނީ ފުލުހުން ތަމީމީއަށް އިންޒާރު ދީ، ޖިސްމާނީ ގޮތުން އަނިޔާކުރާ މަންޒަރެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތަކަށް އަރައިގަތް އިސްރާއިލްގެ ޔަހޫދީ ސިފައިންނާއި ކުރިމަތިލިއިރު، އޭނާގެ މަންމަވެސް ވަނީ ހައްޔަރުކޮށްފައެވެ. ތަމީމީ ވެގެން ގޮސްފައިވަނީ، ހައްދުފަހަނައަޅާފައިވާ އިސްރާއީލާއި ދެކޮޅަށް ތެދުވާން ފަލަސްތީނު ރައްޔިތުންނަށް ލިބުނު ހިއްވަރަކަށެވެ.

ކިޔުންތެރިންގެ ހިޔާލު