ނިރުބަވެރި ހަނގުރާމަވެރި އައިސިސް ޖަމާޢަތުގެ މަރުވެފައިވާ ކުރީގެ ލީޑަރު، އަބޫބަކުރު އަލް ބަޣްދާދީގެ ދައްތަ ހައްޔަރުކޮށްފިއެވެ. ބަޣްދާދީގެ ދައްތަ ހައްޔަރުކޮށްފައި ވަނީ ތުރުކީވިލާތުގެ ސިފައިންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން ތުރުކީވިލާތުން ބަޣްދާދީގެ ދައްތަ، ރަސްމިޔާ އަވާދް އާއި އޭނާގެ ފިރިމީހާ، އަދި ދަރިފުޅު ހައްޔަރުކޮށްފައިވަނީ ސީރިއާގެ އިރުއުތުރުގައި އޮންނަ ރަށެއް ކަމަށްވާ އަޒާޒް އިން، ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

ރަސްމިޔާ ހައްޔަރުކޮށްފައިވަނީ އަޒާޒްގެ ކޮންޓެއިނާ އަކަށް ފުލުހުން ޖެހި ރެއިޑެއްގެ ތެރެއިންނެވެ. އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މަޢުލޫމާތު ރަސްމިޔާ އާއި އޭނާގެ އަންހެނުން ކައިރިން ތުރުކީގެ ސިފައިން އަންނަނީ ސާފުކުރަމުންނެވެ.

"އަހަރެމެން އުއްމީދުކުރަން އައިސިސްގެ ހިންގުމުގެ ކަންކަމާބެހޭ ގިނަ މަޢުލޫމާތުތައް ރަސްމިޔާގެ ފަރާތުން ލިބޭނެ ކަމަށް." ބަޣްދާދީގެ ދައްތަ ހައްޔަރުކުރުމާ ގުޅޭގޮތުން ތުރުކީ ސަރުކާރުގެ އޮފިޝަލަކު މަޢުލޫމާތު ދެމުން ބުންޏެވެ.

ބަޣްދާދީގެ ދައްތަ، ރަސްމިޔާ ހައްޔަރުކޮށްގެން ތުރުކީވިލާތުން ހާސިލްކުރަން ބޭނުންވާ ކަންތައްތައް ހާސިލްވެދާނެ ކަމާމެދު މެދުއިރުމަތީގެ ހަމަނުޖެހުންތައް ދިރާސާ ކުރާ ފަރާތްތައް ސުވާލުއުފައްދައެވެ. ބަޣްދާދީ މަރުވެފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު، އެމެރިކާ ސިފައިން އޭނާ ހައްޔަރުކުރުމަށް ހިންގި އަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިން އަމިއްލަ އަށް ޖާނުން ފިދާވެގެންނެވެ.