ނިރުބަވެރި ހަނގުރާމަވެރި އައިސިސް ޖަމާޢަތުގެ މަރުވެފައިވާ ކުރީގެ ލީޑަރު، އަބޫބަކުރު އަލް ބަޣްދާދީގެ އަންހެނުން ހައްޔަރުކޮށްފިއެވެ.

އޭނާގެ އަންހެނުން ހައްޔަރުކޮށްފައިވާކަން އިއުލާނުކުރެއްވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އެވެ.

ބޭރުގެ ނޫހެއް ކަމަށްވާ "ޑެއިލީ މެއިލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަޣުދާދީގެ އަންހެނުން ހިމެނޭގޮތަށް އޭނާގެ އަންހެނުންގެ އެއްބަނޑު މީހަކާއި ބަޣުދާދީގެ އާއިލާ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަގުދާދީގެ އާއިލާ މީހުން ހައްޔަރުކޮށްފައި ވަނީ ތުރުކީ އިންނެވެ.

މިހަފްތާގެ ކުރީކޮޅުގައި ތުރުކީ އިން ވަނީ ރަސްމިއްޔާ އާވަދް ނަމަކަށް ކިޔާ ބަގްދާދީގެ އާއިލާ އަންހެނަކު ހައްޔަރުކޮށްފައިވާ ކަން ހާމަކޮށްފައެވެ. އެމީހުން ފެނިފައި ވަނީ ކޮންޓެއިނާއެއްގެ ތެރޭގައި އޭނާގެ އާއިލާ އާއިއެކު ދިރިއުޅެމުން ދަނިކޮށް ކަމަށް ތުރުކީ އިން ވަނީ ހާމަކޮށްފައެވެ. އެގައުމުން ހާމަކޮށްފައިވާ ގޮތުގައި އެ ރަސްމިއްޔާ ހައްޔަރުކޮށްފައި ވަނީ އަޒާޒްގެ ސަރަހައްދެއް ކައިރިން އޭނާގެ ފިރިމީހާ އާއި އެކު ކަމަށް އެގައުމުން ވަނީ ހާމަކޮށްފައެވެ. ރަސްމިއްޔާ ހައްޔަރު ކުރި އިރު އޭނާގެ ފަސް ދަރިން އެބަތިއްބެވެ.

އިދްލީބް ގެ ސަރަހައްދެއް ކައިރިން ބަގްދާދީގެ އެހެން އާއިލާ އަންހެނަކު އެމެރިކާއިންވެސް މަރާލައިފައިވާ ކަމަށް ޑެއިލީމެއިލް އިން ވަނީ ރިޕޯޓުކޮށްފައެވެ.

އޭނާ ހައްޔަރުކޮށްފައިވާ ސަރަހައްދަކީ މިދިޔަ މަހުގެ ތެރޭގައި ތުރުކީގެ ސިފައިން ހަރަކާތްތެރިކަމުން ދިޔަ ސަރަހައްދެއް ކަމަށާއި، އޭނާގެ ދަރިންގެ ތެރޭގައި ތިބި ބޮޑެތި މީހުން މިހާރު ވަނީ ޖަލަށް ލާފައި ކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އެމެރިކާއިން ހާމަކޮށްފައިވާ ގޮތުގައި ބަގުދާދީ މަރުވެފައި ވަނީ ތިން ކުދިންނާއި އެކު އަމިއްލަޔަކަށެވެ. އަދި އޭނާ ޖާނުން ފިދާވެގެން މަރުވެފައި ވަނީ އެމެރިކާއިން ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުނެފައެވެ.

ދެ ގަޑިއިރަށް ދެމިގެން ދިޔަ މި އޮޕަރޭޝަންގައި އެމެެރިކާ ސިފައިން ހަމަލާތައް ދޭން ފެށުމުން އަލް-ބަޢުދާދީ ވަނީ އޭނާގެ ތިން ކުދިންނާއި އެކު ބިންގަރާހަކަށް ވަދެފައެވެ. އަދި އެތާ އެތެރޭގައި އޭނާ ވަނީ އުނަގަނޑުގައި އަޅުވާފައިވާ ސުއިސަޑް ބެލްޓެއް ގޮއްވާލުމަށް ފަހު 3 ކުދިންނާއި އެކު ޖާނުން ފިދާވެގެން މަރުވެފައެވެ.

ޓްރަމްޕް ބުނެފައިވާ ގޮތުގައި މި އޮޕަރޭޝަނުގައި ބަޢުދާދީގެ ގިނަ އަދަދެއްގެ ވާގިވެރިންނާއި ސިފައިން ވަނީ ހައްޔަރުކުރެވި، ނުވަތަ މަރާލެވިފައެވެ. އެމެރިކާ ސިފައިން ބަޢުދާދީ ހުރި ސަރަހައްދާއި ދިމާލަށް ދިއުމުން އޭނާގެ ސިފައިން ބަޑީގެ ހަމަލާތައް ދޭން ވަނީ ފަށާފައެވެ.