އެފްރިކާގެ ގައުމެއް ކަމަށްވާ ބްރުކީނާ ފަސޯގައި ރަން ނެގުމުގެ މަސައްކަތް ކުރާ ކެނެޑާ ކުންފުންޏެއްގެ މުވައްޒަފުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 37 މީހުން މަރާލައިފިއެވެ.

ސެމަފޯ ނަމަކަށް ކިޔަ ކުންފުނީގެ މުވައްޒަފުންތައް މަރާލި މައްސަލައިގައި އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާ އަމާޒުވީ އެކުންފުނީގެ މުވައްޒަފުން ދަތުރު ކުރަމުން ދިޔަ ވެހިކަލްތަކަކަށް ކަމަށެވެ. ފަސް ބަހާއި އެމީހުންގެ ސަލަމަތީ ކަންތައްތައް ބަލަހައްޓަމުން ދިޔަ އުޅަނދުތަކަށް އަމާޒުކޮށް ދިން ހަމަލާގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އަނިޔާވެސް ވެފައިވާކަމަށް ސެމަފޯ އިން ބުންޏެވެ.

ހަމަލާދީފައި ވަނީ ހަތިޔާރާއި އެކު ތިބި ބަޔަކު ކުއްލިއަކަށް ވެހިކަލްތައް ހުއްޓުވާ އެވެހިކަލްތަކަށް އަމާޒުކޮށް ބަޑި ޖަހައިގެންނެވެ. އޭގެ ކުރިން އެއެއް ވެހިކަލެއް ވަނީ އައިއީޑީ އަކަށް ވެސް އަރާފައެވެ.

މިދިޔަ ޑިސެމްބަރ މަހު ވެސް ދިން މިފަދަ ހަމަލާއެއްގައި ފަސް މީހަކު މަރާލާފައިވެއެވެ.

ބްރުކީނާ ފަސޯގެ ސަލާމަތީ ކަންތައްތައް ގޯސްވެ ހަމަނުޖެހުން އިތުރުވަމުން އަންނާތީ ފްރާންސުން މިހާރު ވަނީ އެގައުމަށް ސިފައިން ފޮނުވަން ނިންމާފައެވެ.

ފްރާންސުން ބުނީ އެގައުމުގެ ސިފައިން ހަރަކާތްތެރިވާނީ ބްރުކީނާ ފަސޯގެ ތިން ބޯޑަރެއް ކައިރީގައި ކަމަށެވެ. އެއީ ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ ކުރަން ޖެހިފައިވާ ސަރަހައްދުތަައް ކަމަށް ފްރާންސުން ބުނެއެވެ.

އެފްރިކާގެ ގިނަ ގައުމުތަކަކީ މީގެ ކުރިން ފްރާންސްގެ އަޅުވެތިކަމުގައި ދުވަސްތައް ހޭދަކުރި ގައުމުތަކެވެ. އެގައުމުތަކުގައި ފްރާންސްގެ ވިޔަފާރި މަސްލަހަތުތައް މިހާރު ވެސް އެބަހުއްޓެވެ. އެހެންކަމުން ފްރާންސްގެ އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިދާނެ ކަންކަމުން ސަލާމަތްވުމަށް ފްރާންސުން ފިޔަވަޅުތައް އަޅާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.