އީރާންގެ އުތުރުގެ ސަރަހައްދަކަށް ބާރުގަދަ ބިންހެލުމެއް އައިސް ބައެއް މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އީރާން ގަޑިން ހުކުރު ވިލޭރޭ މެންދަމު އައި ބިންހެލުމުގެ ބާރުމިން ވަނީ 5.9 މެގްނެޓިއުޑްގައި ރެކޯޑް ކުރެވިފައެވެ. މިބިންހެލުމުގެ ސަބަބުން ހަތަރު މީހަކު މަރުވެފައިވާކަން މިހާރު ވަނީ ކަށަވަރު ވެފައެވެ.

ބިންހެލުމުގެ ސަބަބުން 20 މީހުންނަށް އަނިޔާ ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ ޓީވީ އިން ބުނެއެވެ. ނަމަވެސް އެހެން ބައެއް މީޑިއާތަކާއި ހަވާލާދީ "އަލްޖަޒީރާ" އިން ބުނާ ގޮތުގައި ބިންހެލުމުގެ ސަބަބުން 70 މީހަކު ވަނީ ޒަހަމްވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބައެއް އިމާރާތްތައް ވެސް ވަނީ ބިންހެލުމުގެ ސަބަބުން ވެއްޓިފައެވެ. ބިންހެލުން އައުމާއި އެކު މީހުންތައް ވަނީ މިހާރު މަގުމައްޗަށް ނިކުމެ މަގުމަތީގައި ކޭމްޕް ޖަހާފައެވެ. އެއީ އަދިވެސް އިތުރު ބިންހެލުމެއް އައުމުގެ ނުރައްކާ އޮތުމުންނެވެ.

އީރާނަކީ ބާރުގަދަ ބިންހެލުންތައް އައުން އާއްމު ގައުމެކެވެ. އެގައުމަށް އައި އެންމެ ބާރުގަދަ އެއް ބިންހެލުން އައީ 2003 ވަނަ އަހަރު އެވެ. އެފަހަރުގެ ބިންހެލުމުގައި 31000 މީހުން މަރުވިއެވެ. އޭގެ ކުރިން 1990 ވަނަ އަހަރު އީރާންގެ އުތުރަށް އައި ބިންހެލުމެއްގައި 40000 މީހުން މަރުވެ 300000 އަށް ވުރެ ގިނަ ގެދޮރު ދޮންނާފަތިވެ ބައި މިލިއަން މީހުން މަގުމަތިވިއެވެ.

2005 ވަނަ އަހަރު ވެސް އީރާނަށް ބާރުގަދަ ބިންހެލުމެއް އައިއެވެ. އެބިންހެލުމުގައި 600 މީހުން މަރުވިއެވެ. އަދި 2012 ވަނަ އަހަރު އައި ބިންހެލުމެއްގައި 300 މީހުން މަރުވިއެވެ. މީގެ އިތުރުން 2017 ވަނަ އަހަރު އައި ބިންހެލުމެއްގައި 600 މީހުން މަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ސު ބުޙާނަﷲ، ހުރިހާ ލޮ ބުވެތި މުސްލިމް އަޚުންނާއި އުޚުތުން، ދުނިޔެ ނިމުންގާތްވެއްޖެ، މާތްﷲ އަށް ބިރުވެތިވޭ، ފަހަކަށް އައިސް ދުނިޔޭގެ އެކިކަންކޮޅުތަކަށް، ޠޫފާންތައް އައުމާއި، އަލިފާންފަރު ބަދަތައް ގޮވުމާއި، ބޮޑެތި ޒަލްޒަލާތައް ގާތްގާތުން މިދަނީ އަންނަމުން، ދުނިޔެ ނިމުންވަނީ ބޮޑު ޒަލްޒަލާއަކުން ކަމަށް ކީރިތި ޤުރުއާނުގެ އައިސްފަވޭ، ވީމާ މިކުޑަވަގުތު ކޮޅުގަވެސް މާތްﷲގެ މަގަށް ރުޖޫޢަވެ، ހެޔޮޢަމަލުކުރުންމަތީ ދެމިތިއް ބެވުމަށް ހުރިހާ މުސްލިމް އަޚުންނާއި އުޚުތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކުރަން.

    33
    1
  2. ޚާލީފާ

    ޝީޢީން ނަކީ ރަގަޅު ބައެއް ނޫން.

    7
    11