ނުހައްގުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަންނަމުންދާ އިސްރާއިލްގެ އަމަލުތަކާއި ދެކޮޅަށް ކޮންމެ ހުކުރު ދުވަހެއްގައިވެސް ފަލަސްތީނުގެ ރައްޔިތުން ސުލްހަވެރިކަމާއި އެކު ނުރުހުން ފާޅުކޮށް އެއްވުމެއް ބާއްވައެވެ. އެގޮތުން ހުއްޓުމެއް ނެތި މިއަދު މިވަނީ އެފަދަ 82ވަނަ އެއްވުން ބާއްވާފައެވެ. ނަމަވެސް، އެއްވެސް އިންސާނިއްޔަތު ކަމެއް ނުހުންނަ އިސްރާއިލް ސިފައިން ވަނީ އެ ގައުުމުގެ އެތައް ރައްޔިތުންތަކަކަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ދީފައެވެ.

ފަލަސްތީނުގައި ހަރަކާތްތެރިވާ "ވަގުތު"ގެ ނޫސްވެރިޔާ މައުލޫމާތު ދިން ގޮތުގައި މިއަދު ބޭއްވި އެއްވުމުގެ ތެރޭގައި ކުށެއް ނެތް 69 މީހަކަށް ވަނީ ބަޑީގެ ހަމަލާތައް ދީފައެެވެ. މީގެ ތެރެއިން 29 މީހަކަށް ހަމަލާ ދީފައި ވަނީ ލައިވް ވަޒަން ބޭނުންކޮށްގެންނެވެ.

ޣައްޒާ އާއި އިސްރާއިލް އިންވާ ސަރަހައްދު

މި ހަަމަލާތަކުގެ ސަބަބުން އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، ދާދި ފަހުން މީސް މީޑީއާގައި ދައުުރުވި ވީޑިއޯ އަކުން ފެންނަ ގޮތުގައި އިސްރާއިލްގެ އަންހެން ފުލުހަކު ވަނީ މަޖަލަކަށް ފަލަސްތީނުގެ ޒުވާން ފިރިހެން ކުއްޖެއްގެ ފޫކޮޅަށް ބަޑި ޖަހާފައެވެ.

ކޮންމެ ހުކުރު ދުވަހެއްގައިވެސް ފަލަސްތީނުގެ ރައްޔިތުން ޣައްޒާގެ އިރުމަތީ ފަރާތުގައި އަޑު އުފުލާ އިރުގައި އެމީހުން ގޮވާލަނީ ނުހައްގުން ބިންތައް ފޭރިގަތުން ހުއްޓާލުމަށާއި އެމީހުންގެ އަމިއްލަ ބިންތަކަށް އެނބުރި ދިއުމަށެވެ. ނަމަވެސް އިސްރާއިލުން އެކަމަށް ބީރު ކަންފަތެއް ދީ، ކޮންމެ ދުވަހަކުވެސް ބިންތައް ދަނީ ފޭރިގަންނަމުންނެވެ.